ތާރީޚުން - ރާއްޖެ އިސްލާމްވުން

ދިވެހިރާއްޖެ އާއި ހަމަޔަށް އިސްލާން ދީން ފޯރާފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާން ވި ދުވަހުގެ ގޮތުގައި ބެލެވެނީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާން ދީނަށް ވެދެވަޑައިގަތް ދުވަހެވެ. އެ ދުވަހުގެ ގޮތުގައި ބެލެވިފައިވަނީ 2 ރަބީޢުލް އާޚިރު 548 ހ. (26 ޖޫން 1153 މ.) ވީ ހުކުރުދުވަހެވެ. ދިވެހިރާއްޖެ އިސްލާން ކުރެއްވި ބޭފުޅަކާމެދު ތާރީޚު ލިޔުއްވާ ބޭފުޅުންގެ މެދުގައި ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުރިބުގެ ބޭފުޅެއް ކަމުގައިވާ މައުލާނަލް ޙާފިޡް އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. އަދި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ފުރަމާލޭ މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ ޔޫސުފުލް ބަރުބަރީއެވެ. މުޙައްމަދު އަމީން މި ގޮތަށް ވިދާޅުވަނީ މައުރިބު ގެ ދަތުރުވެރިއެއް ކަމުގައިވާ އިބުނި ބަޠޫޠާ ގެ ދަތުރުނާމާ ގެ މައްޗަށް ބުރަވެ ވަޑައިގެންނެވެ. މިދަތުރުނާމާއާ ބެހޭ ގޮތުން އިބުނި ބަޠޫޠާގެ ދަރިވަރު އިބުނި ޖަޒީ އިއުތިރާފު ވާ ފަދައިން އިބުނި ބަޠޫޠާ ގެ ދަތުރުގެ ވާހަކަ ލިޔެވުނީ، އެ ދަތުރުތައް ކޮށް ނިމުނުތާ އެތައް ދުވަހެއް ފަހުން، މައިގަނޑަކަށް އޭނާގެ ހަނދާނުގެ މައްޗަށް ބުރަ ކުރައްވައިގެންނެވެ. ދިވެހި ތާރީޚު ޢިލްމުގެ ބައްޕަ ކަމުގައި ބެލެވޭ އަލްޤާޟީ ޙަސަން ތާޖުދީނު، އޭނާގެ ތާރީޚުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވި ކަމަށް ލިޔުއްވާފައި ވަނީ މައުލާނައް ޝައިޚް ޔޫސުފް ޝަމްސުއްދީނު އައްތަބްރޭޒީއެވެ. ޙަސަން ތާޖުއްދީނުގެ މި ބަހުގެ ބިންގަލަކީ ހުކުރު މިސްކިތު މިހުރާބުގޭ ބިތުގައި ލިޔެވިފައިވާ ލިޔުމާއި ހުކުރު މިސްކިތުގައި ބެހެއްޓިފައި ހުރި ތާރީޚީ ފިލައެވެ. އަދި ހަމަ އެހެންމެ މައްޝޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛުލް މަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ބުރަވެވަޑައިގަންނަވާ ގޮތުގައި ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުލާނަލް ޙާފިޡް ޔޫސުފު އައްތަބްރޭޒީ ނަމަކަށް ކިއިގެންވާ ފާރިސް ކަރައިގެ ބޭފުޅެކެވެ. ކޮންމެ އަކަސް އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިން ދުށުމުގެ ކުރީގައި ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ތަބްރޭޒީގެފާނުގެ އަހަރުމަތިފުޅު ފާހަގަ ކުރުން އޮތެވެ. އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިންނަށް ލިބޭ ގޮތް ވުމުން އިބުނި ބަޠޫޠާ އަކީ އަރަބިންގެ މީހަކަށް ވާތީ އޭނާ ގެ ވާހަކަ ޒަމާނުއްސުރެ އެންމެހައި ދިވެހިން ތަވާތުރުގެ މަގުން ރިވާ ކުރަމުން އައި ވާހަކަ އަށް ވުރެ އިބުނި ބަޠޫޠާގެ ވާހަކަ އަށް އިސްކަމެއް ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެއިރު ތިއްބެވި އިސްވެރީންނަށް ފެނުނީއެވެ. ބަހަވީ ހަމައަކުން ވިސްނާއިރު ދިވެހިރާއްޖެ އިސްލާން ކުރެއްވީ އަރަބި އަސްލަށް ނިސްބަތްވާ އަރަތްބެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. ދިވެހިރާއްޖެ އިސްލާން ކުރެއްވީ މައުރިބުގެ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވަނީ ހަމަ އެ މައުރިބުގެ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ބޯދާ ތާރީޚު އިލްމުވެރީން ވިދާޅުވަމުން އައީ އެއީ ފާރިސްކަރައިގެ ބޭފުޅެއް ކަމުގައެވެ. މައުރިބަކީ އަރަބި ގައުމެކެވެ. ފާރިސްކަރައަކީ އަރަބި ގައުމެއް ނޫނެވެ. އަރަބި ގައުމެއްގެ މީހަކު ދިވެހިރާއްޖެ އިސްލާން ކުރެއްވި ނަމަ ދިވެހިބަހުގައި ހުރި ދީނީ އިސްތިލާހުގެ ތެރޭގައި ހިމެނޭ އެންމެ އަސާސީ އިސްތިލާހުތައް ހުރީހީ އަރަބި ބަހުން ކަން ކަށަވަރެވެ. އެހެން ނަމަވެސް އެކަން ވެފައިވަނީ އެހެންނެއް ނޫނެވެ. ބައްލަވާށެވެ! ނަމާދަށް ފާރިސީ ބަހުން ނަމާޛް ކިޔާއިރު އަރަބި ބަހުން ކިޔަނީ ޞަލާތެވެ. ބަންގިއަށް ފާރިސީ ބަހުން ބަންގ ކިޔާއިރު އަރަބި ބަހުން ކިޔަނީ އަޛާން އެވެ. ރޯދައަށް ފާރިސީ ބަހުން ރޯޛާ ކިޔާ އިރު އަރަބި ބަހުން ކިޔަނީ ޞައުމްއެވެ. މިހުރިހާ ކަމަކުން ވެސް ސާބިތުވަނީ ދިވެހިރާއްޖެ އިސްލާން ކުރެއްވީ ފާރިސްކަރައަށް ނިސްބަތްވާ ބޭފުޅެއް ކަމެވެ.
މިހުރިހާ ކަމަކުން ވެސް ސާބިތުވަނީ ދިވެހިރާއްޖެ އިސްލާން ކުރެއްވީ ފާރިސްކަރައަށް ނިސްބަތްވާ ބޭފުޅެއް ކަމެވެ. ކޮންމެ އަކަސް އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިން ދުށުމުގެ ކުރީގައި ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ތަބްރޭޒީގެފާނުގެ އަހަރުމަތިފުޅު ފާހަގަ ކުރުން އޮތެވެ. އިބުނި ބަޠޫޠާގެ ދަތުރުނާމާ ދިވެހިންނަށް ލިބޭ ގޮތް ވުމުން އިބުނި ބަޠޫޠާ އަކީ އަރަބިންގެ މީހަކަށް ވާތީ އޭނާގެ ވާހަކަ ޒަމާނުއްސުރެ އެންމެހައި ދިވެހިން ތަވާތުރުގެ މަގުން ރިވާ ކުރަމުން އައި ވާހަކަ އަށް ވުރެ އިބުނި ބަޠޫޠާގެ ވާހަކަ އަށް އިސްކަމެއް ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެއިރު ތިއްބެވި އިސްވެރީންނަށް ފެނުނީއެވެ. ބަހަވީ ހަމައަކުން ވިސްނާއިރު ދިވެހިރާއްޖެ އިސްލާން ކުރެއްވީ އަރަބި އަސްލަށް ނިސްބަތްވާ އަރަތްބެއް ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ.

ހިތާމައެއް

އަޞްލު ލިޔުއްވީ އަޙްމަދު ނަދީމް ޤާޞިމީ
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ލޯބިވާ ދަރިފުޅާއެވެ. މަންމަ އަށް ދަރިފުޅު ލިބުނީ މީގެ ސޯޅަ ނުވަތަ ސަތާރަ އަހަރު ކުރިންނެވެ. އެ ދުވަހު ވެސް މޫސުމް އޮތީ މިއަދު މި އޮތް ކަހަލަ ގޮތަކަށް ހޫނުކޮށެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހުރީ ހަމަ މިއަދު ހުރި ގޮތަށެވެ. މިހާރު އެ ހަދާހެން މުގޮށި މީދާތައް ގަސް ގަހަށް އަރައި ފުމެ ހަދަމުން ދިޔަ އެވެ. މިއަދު ވައި ޖެހެނީ ހަމަ އެ ދުވަހު ޖެހުނު ގޮތަށެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑި ތަކުން ކުރި ފަޅައިފާނޭ ހެންނެވެ. ދަރިފުޅު ވިހެއި ވަގުތު ބައްތީގެ ކަޅު، ރީނދޫ އަލީގެ ތެރެއިން ނިދާފައި އޮތް ގެ، ވިދަން ފެށި އެވެ. ބޭކެނބި ދައިތަ ބުނެލި އެވެ. "އަލްޙަމްދުލިއްލާހި- މި ކަނބުލޮގެ ހަށިގަނޑުން ހީވަނީ ރެދަންލާހެން-" ވިހެއުމުގެ ވޭނުގައި އޮތް ނަމަވެސް މަންމަ، މަންމަގެ ހަށިގަނޑުގެ އެތިކޮޅެއް ކަމަށްވާ، ދަރިފުޅާ ދިމާއަށް ބަލައިލީމެވެ. މަންމަ ހަނދާނެއް ނެތެވެ. އެކަމަކު ބޭކެނބި ދައިތަ ފަހުން ބުނި ގޮތުގައި މަންމަ ހިނިތުން ވެލާފައި އަތުގެ ނާރުތަކަށް ބަލައިލީމެވެ. ހީވަނީ ސިޓީއެއް ކިޔައިލީހެންނެވެ.

ދަރިފުޅުގެ ބައްޕަ އަށް އެރޭ ދަރިފުޅު ފެނުނީމާ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔަ އެވެ. މަންމަ ބުނީމެވެ. "ފިރިހެން ކުއްޖަކަށް ވިޔަސް ނުވަތަ އަންހެން ކުއްޖަކަށް ވިޔަސް ވާނީ ﷲ ގެ ހަދިޔާ އަކަށޭ ބުނީމެއްނު-? އެހެންވީމާ މިހާރު މާ ދެރަ ވެފައި ތިޔަ ހުންނަނީ ކީއްވެގެން-؟" އޭނާ ބުންޏެވެ. "ކަލެއަށް އެނގެނީ ކޮން ކަމެއް-؟ ކަލެއަކީ އާދައިގެ އަންހެނެއް- މަންމައެއް- މިހައި ރީތި އަންހެން ކުދިން ދެއްވަނީ އެ ކަލާނގެ ކޯފާވެވޮޑިގެންވާ އަޅުންނަށް ކަމެއް ކަލެއަކަށް ނޭނގޭނެ

ލޯބިވާ ދަރިފުޅާ އެވެ. އެ ވަގުތު މަންމަ ބޭނުންވީ އޭނާގެ ދެލޯ ހުރިތަނުން ދަމައިގަނެ ފައިން އަރައި ޗިސް ކޮށްލާށެވެ. އޭނާ ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރީ ކޮތަރެއް ހަރުފައަކާ ދިމާއަށް ބަލަހައްޓައިގެން ހުންނަ ގޮތަށެވެ. ދަރިފުޅުގެ ރީތިކަން ފެނިފައި އޭނާ ގަތީ ބިރެވެ. އެ ދުވަހުގެ ފަހުން ވޭތުވީ ސޯޅަ ނުވަތަ ސަތާރަ އަހަރު އޭނާ ވޭތުކުރީ ބިރުވެރިކަމުގެ ތެރޭގަ އެވެ. މިހާރުވެސް، ބޭރު ފެންޑާގައި، މީހުންގެ ތެރޭގައި، ކުނަލެއްގެ މަތީގައި އިށީނދެގެން އިންނަ އިރުވެސް އޭނާ އެ އިންނަނީ ބިރުންނެވެ. އޭނާ އުޑާ ދިމާއަށް ބަލައިލާ ގޮތުން ހީވަނީ މަތީން އޭނާ ބަލައި ކޮންމެވެސް މީހަކު އަންނަތަން ފެންނަނީ ހެންނެވެ.

ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅުގެ ބޫރުސޫރަ ވާރުތަވީ މަންމަގެ ކިބަޔަކުންނެއް ނޫނެވެ. މަންމައަކީ ރަށްފުށުގެ އާދައިގެ މީހަކީމެވެ. ބުރުސޫރަ ހުންނަނީ އާދައިގެ ގޮތަކަށެވެ. ދަރިފުޅަށް ލިބިފައި ވަނީ ދަރިފުޅުގެ ބައްޕަގެ ބުރުސޫރަ އެވެ. އެއީ ވަރަށް ރީތި މީހެކެވެ. ވޭތުވެ ދިޔަ ސޯޅަ ނުވަތަ ސަތާރަ އަހަރުގެ ތެރޭގައި ބަދަލުތަކެއް އައި ނަމަވެސް އަދިވެސް އޭނާ އަކީ ވަރަށް ރީތި މީހެކެވެ. އޭނާގެ ދެލޯ ބޮޑެވެ. އޭނާގެ މޫނާއި މަތިމަސް ހުންނަނީ ވިދާލަ ވިދާލަ އެވެ. ދަރިފުޅު ވިހެއި އިރު އޭނާ އަކީ ފުރިހަމަ އަށް ހަދާފައިވާ ރީތި ބުދެއް ކަހަލަ މީހެކެވެ. ދަރިފުޅު ވިހެއި ފަހުން އޭނާ ހުންނަނީ ހާސްކަންމަތީގަ އެވެ. އެކަމަކު ފިކުރު ކުރުމާއެކުވެސް އޭނާގެ ރީތި ކަމަކަށް ބަދަލެއް ނާދެ އެވެ. ކުޑަކޮށް ކުލަވަރު ބަދަލުވީ އެވެ. ދަރިފުޅު ވިހެއި ފަހުން އޭނާގެ ރީތި، ހުދު ދަތްތައް ފާޅުވާ ވަރަށް ހިނިތުންވެލާތަން މަންމަ އަށް ފެނިފައި ވަނީ ވަރަށް މަދުންނެވެ. އޭނާގެ ފަތްތަކެއް ފަދަ ރީތި ތުންފަތް އަބަދުވެސް ހުންނަނީ ޖައްސައި ބާރު ކޮށްގެންނެވެ. ދެ ތުންފަތް ދުރުކޮށްލައިފިއްޔާ ކޮންމެވެސް ގެއްލުމެއް ލިބިދާނެތީ ދުރުކޮށްލަން ނުކެރެނީ ކަހަލަ އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރީން އޭނާ ދަރިފުޅު ދެކެލަން އައި އިރު ފެނުނީ އޭނާގެ މުޅި ދުނިޔެ ބަރުބާދު ވެގެން ގޮސްފައިވާ ކަހަލަ ގޮތަކަށެވެ. އެ ތާނގައި ކޮޅަށް ހުރި އިރު އޭނާ ކުއްލިއަކަށް މުސްކުޅި ވެގެން ދިޔަހެން ވެސް ހީވި އެވެ. އޭނާ އެނބުރި ހިގައިގަތް ވަގުތު މަގާ ހަމައަށް ނުދެވެނީސް ވެއްޓިދާނެތީ މަންމަ އިނީ ބިރުންނެވެ. ދެންމެ މަންމަ ފާރުމަތީން ބޯ ދީ ބަލައިލީމެވެ. އޭނާ ބޭރުގައި އިށީނދެގެން އެބަ އިނެވެ. ވަށައިގެން ތިބި މީހުންނާ ދިމާ އަށް އޭނާ ބަލަމުން ދިޔައީ ބިރުން އިނދެގެން ކަހަލަ ގޮތަކަށެވެ. ކޮންމެވެސް ނުބައި ކަމެއް ކުރަނިކޮށް ހިފިގެން އުޅޭ ކަހަލަ ގޮތަކަށެވެ.

ދަރިފުޅުގެ އުމުރުން ތިން އަހަރު ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ދުވެ އުޅެން ފަށައިފި އެވެ. މަށިން ހައްދަވާފައިވާ އިންސާނަކު މިހައި ރީތި ވާނޭ ކަމަކަށް ދަރިފުޅު ދެކޭ އެއްވެސް މީހެއްގެ ހިތަކަށް ކުރިއަކުން އަރާފައެއް ނޯންނާނެ އެވެ. އެއް ދުވަހަކު ދަރިފުޅު ބިން މައްޗަށް ވެއްޓި ނިތްކުރި ފަޅައިގެން ދިޔައީމާ މަންމަ ރޮއިރޮއި ހަލާކު ނުވީ ކިރިޔާ އެވެ. އެކަމަކު ދަރިފުޅުގެ ބައްޕަ އުފާވެރި ގޮތަކަށް މާނޭވާއެއް ލާފައި ބުންޏެވެ. "ﷲ މިންވަރު ކުރައްވާނީ ރަނގަޅަށް- ރާނޫގެ ނިތްކުރީގައި ލާ ލަކުނުގެ ސަބަބުން އެ މަންޖެގެ ރީތިކަން ތަންކޮޅެއް ކުޑަ ވާނެ-" އެކަމަކު ﷲ މިންވަރު ކުރެއްވީ އޭނާގެ ވާހަކަޔާ މުޅީން ތަފާތު ގޮތަކަށެވެ. ދަރިފުޅުގެ ނިތްކުރީގައި ލަކުނެއް ލިއެވެ. އެހެން ނަމަވެސް އެ ލަކުނު ހުރީ ހުޅެވި ހަނދެއްގެ ސިފައިގަ އެވެ. ލޯބިވާ ދަރިފުޅާ އެވެ. ކުރީން ރަތް ރީނދޫ ކުލައެއްގައި ހުރި ލަކުނު މިހާރު ފެންނަނީ ވަރަށް ފަނޑުކޮށެވެ.

ދަރިފުޅުގެ އުމުރުން ފަސް އަހަރު ފުރުނީމާ މަންމަ ދަރިފުޅަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭން އެދުރުދައިތައެއްގެ ކައިރިއަށް ފޮނުވީމެވެ. ދަރިފުޅުގެ އަޑު ވެސް ދަރިފުޅުގެ ބުރުސޫރަހައި ރީތި ކަން އެނގުނީ ޤުރްއާން ކިޔަވަން ފޮނުވަން ފެށީމަ އެވެ. އެދުރުދައިތަގެ ގޭތެރެއިން ކީރިތި، މޫރިތި ފޮތުގެ އާޔަތްތައް ކުޑަކުދިން ކިޔަވާ އަޑު އިވެ އެވެ. އޭގެ ތެރެއިންވެސް ދަރިފުޅުގެ އަޑު ވަކީން ފާޅުކޮށް އެނގެ އެވެ. ދަރިފުޅުގެ އަޑު ހީވަނީ ރިހި ރަނގަބީލުތަކެއްގެ އަޑު ހެންނެވެ. ދަރިފުޅު ކިޔެވުން ހުއްޓާލީމާވެސް އެތައް އިރެއް ވާންދެން ރަނގަބީލުގެ އަޑު އިވި އިވި ހުންނަހެން ހީވެ އެވެ.

ދަރިފުޅުގެ ރީތި އަޑުން ކީރިތި ޤުރްއާންގެ އާޔަތްތައް ކިޔަވާ އަޑު އިވުނީމާ ހިނގާފައިދާ މީހުން ހުއްޓި ތިބެގެން އަޑު އަހަ އެވެ. އުދުހިފައިދާ ދޫނިތައް އެދުރުދައިތަގޭ ފާރުމައްޗަށް ތިރި ކުރެ އެވެ. އެއް ދުވަހަކު އިމާމު ހަޒްރަތު ޝާހް އެދުރުދައިތަ ގޭ ދޮށުން ވަޑައިގަންނަވަނިކޮށް ދަރިފުޅު ކިޔަވާ އަޑު އިވިވަޑައިގެން ވިދާޅު ވިއެވެ. "އެއީ ކޮން ކުއްޖެއް-؟ އެ ކުއްޖާގެ އަޑު ހީވަނީ މަލާއިކަތުންގެ ފިޔަފުޅުގެ ދަށުން އިވޭ އަޑުހެން-" އިމާމު މިހެން ވިދާޅުވިކަން ދަރިފުޅަށް އެނގުނީމާ ފެށީ އުފަލުން ރޯށެވެ.

އަދިވެސް ވަރަށް ގިނަ ގިނައިން ހިނގާ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އަންހެނުން ފެން ތަށި މަތުރަން ގެނެސް ދަރިފުޅު ކިޔަވާ ތާނގައި ބަހައްޓަ އެވެ. އެ މީހުން ދެކެނީ ދަރިފުޅުގެ ކިޔެވުމުގެ ސަބަބުން އެ ފެނުގައި ބަރަކާތް ލައްވާނޭ ކަމަށެވެ. ދަރިފުޅު ކިޔަވައި ނިމުނީމާ އެ މީހުން ފެން ތަށި ގެންގޮސް ގާތް ތިމާގެ މީހުންގެ ތެރެއިން ބަލިވެ އުޅޭ މީހުންނަށާއި ނުލަފާ ކުދިންނަށާއި ދީނީ ވާޖިބުތައް އަދާ ކުރުމުގައި ފަރުވާ ކުޑަ ކުރާ މީހުންނަށް ދެނީ އެވެ. ދަރިފުޅު ހައްދަވާފައި ވަނީ އިލާހީ ނޫރުފުޅަކުންނޭ ވެސް ބައެއް ފަހަރަށް މަންމަގެ ހިތަށް އަރަ އެވެ. ކަންތައްތައް ވަނީވެސް އެކަހަލަ ގޮތަކަށެވެ. މިހާރު ދަރިފުޅު ތިޔަ އައީ އެދުރުދައިތަގެ ގެއިންނެވެ. މިހާރު ދަރިފުޅުގެ މޫނަށް ބެލުމަކީ އަނދަ އަނދައި އެހެރަ އިރަށް ބެލުން ފަދަ ކަމަކަށް މަންމަ އަށް ވަނީ ވެފަ އެވެ.

ﷲ އަށާއި ކީރިތި ރަސޫލާ އަށް ކިޔަމަންގަތުމަށް ފަހު ދަރިފުޅު ޤަބޫލު ކުރަނީ އިމާމު ހަޒްރަތު ޝާހް ގެ ބަސްފުޅެވެ. އެއް ދުވަހަކު ދަރިފުޅުގެ ބައްޕަ ދަރިފުޅު ގޮވައިގެން އިމާމުގެ އަރިހަށް ދިޔައީ އެހެން ވެގެންނެވެ. ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅު ކީރިތި ޤުރްއާން ކިޔަވާ ވަރު ނިކަން ވިސްނައިބަލާށެވެ. ގޭތެރެއިން ގިސްލުމުގެ އަޑު ފިޔަވައި އެހެން އަޑެއް ނީވޭ ވަރަށް ހިމޭންވީމާ މަންމަ އަށް ދަރިފުޅު ކީރިތި ޤުރްއާން ކިޔަވާ އަޑު އިވެން ފަށަ އެވެ. ދަރިފުޅުގެ ތުންފަތް ޙަރަކާތް ނުކުރާކަން އެނގެ އެވެ. އެކަމަކު މަންމަ ދަރިފުޅަށް ދިން ކިރު ގަންދީ ބުނަމެވެ. މަންމައަށް އެ އިވެނީ ހަމަ ދަރިފުޅުގެ ރީތި އަޑެވެ. އެހައި މާތް، ރީތި އަޑަކަށް ވާނީ ދަރިފުޅުގެ އަޑު ނޫން ކޮން އަޑެއް ހެއްޔެވެ؟

މީހަކާ އިންނަ ވަރަށް ދަރިފުޅު ބޮޑު ވެއްޖެއޭ މަންމަގެ ހިތަށް އެރީ ދަރިފުޅުގެ ބޮޑުބޭބެ ދީން މުޙައްމަދުގެ އަންހެނުން އައިސް އޭނާގެ ދަރިފުޅާ، ދަރިފުޅު ދެވަން އެދޭ ވާހަކަ ބުނީމަ އެވެ. އަންހެން ދަރިން އެ ކުދިންގެ ބޯ ނިވައި ކުރަން ފެށީމާ، ވަގުތު އައިސް ޖެހުނީކަން މައިންނަށް އެނގެ އެވެ. އެކަމަކު ދަރިފުޅު... ދަރިފުޅާ ބެހޭ ގޮތުން އެ ފަދަ ގޮތަކަށް މަންމައަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު މަންމަ އަކަށް އެ ފަދަ ފުރުޞަތެއް ނުވެސް ދެމުއެވެ. މި ވާހަކަ މަންމަ ދަރިފުޅުގެ ބައްޕަ ގާތު ބުނީމެވެ. އޭނާ ބުންޏެވެ. "ކަލެއަކީ އަބަދުވެސް ފަރުވާ ކުޑަ މީހެއް- އެކަމަކު އަހަރެން ފަރުވާ ކުޑައެއް ނުކުރަން- ވާ ގޮތަކީ އަހަރެން ދަރިފުޅު ދެކެ ބިރު ގަންނަނީ- އެންމެ ފުރަތަމަ އޭނާޔާ ވާހަކަ ދައްކާ- އަހަންނަށް ހީވަނީ ކަލާނގެ ވަޖުހުފުޅަށްޓަކައި އޭނާ އެ ހުންނަނީ އެހެން ހުރިހައި ކަމެއް ދޫކޮށްލައިގެން ހެން-"

މަންމަ ފުރަތަމަ ފަހަރަށް ދަރިފުޅު ދެކެ ބިރުގަތީ އެ ދުވަހު އެވެ. މަންމަ ހީކުރީ ކާވެނީގެ ވާހަކަ ދައްކައިފިއްޔާ ދަރިފުޅު ރުޅި އަތުވެދާނޭ ކަމަށެވެ.
އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަޒްރަތު ޝާހް ގެ ނޯކަރަކު މި ގެއަށް އައެވެ. އޭނާ އައިސް ބުނީ ދޫލޭ ޝާޖީގެ ޒިޔާރަތުގައި ތިން ދުވަހަށް ދެމިގެންދާ ދީނީ ރަސްމިއްޔާތެއް މާދަމާ ފެށޭނޭ ކަމަށެވެ. ހަޒްރަތު ޝާހަށް ހުވަފެންފުޅުގައި ދޫލޭ ޝާޖީ ފެނިވަޑައިގަތީ ކަމަށް ވެއެވެ. ހުވަފެންފުޅުގައި ދޫލޭ ޝާހް އެދިވަޑައިގެންފައި ވަނީ ދަރިފުޅު ލައްވައި އެ ތާނގައި ޤުރްއާން ކިޔުއްވާށެވެ.

ދޫލޭ ޝާޖީ އަކީ އާދަޔާ ޚިލާފު ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ގިނަ މީހުން ޤަބޫލު ކުރެ އެވެ. އޭނާ ދުނިޔޭގައި ހުންނެވި ދުވަސްވަރު އޭނާ ނުރުހުންވެވަޑައިގަންނަވާ ކަހަލަ އެއްޗެއް މީހަކު ބުނެފި ނަމަ ފަންޑިތައިގެ ބާރުގައި އެ މީހަކު އަންދައި އަޅިއަށް ހައްދަވާ ކަމަށް މީހުން ކިޔައި އުޅެއެވެ. މިހާރު މީހުން ޤަބޫލު ކުރަނީ އޭނާގެ ޒިޔާރަތުގެ ކައިރީގައި މީހަކު ނުބައި ކަމެއް ކޮށްފި ނަމަ އެ ޒިޔާރަތް ހުޅުވި ޒިޔާރަތުގެ ތެރެއިން އަތެއް ފާޅުވާ ކަމަށެވެ. އެ އަތް އަންނަ ގޮތަށް އައިސް ހިފަނީ ނުބައި ކަމެއް ކުރާ މީހެއްގެ ކަރުގަ އެވެ. އެޔާއެކު އެ މީހެއްގެ ފުރާނަ ހިނގައިދެއެވެ. ދެން އަތް ކުރީން ހުރި ގޮތަށް ޒިޔާރަތުގެ ތެރެއަށް ވަދެގެން ދަނީޔޯލަ އެވެ.

އެހެންވީމާ ދޫލޭ ޝާޖީގެ އަމުރުފުޅާ ދެކޮޅު ހަދަން ކެރޭނީ ކާކަށް ހެއްޔެވެ؟ އަނެއް ދުވަހުގެ ހެނދުނު ދަރިފުޅު ގޮވައިގެން މަންމަ އާއި ބައްޕަ ޖަމަލެއްގައި ޝާޖީގެ ޒިޔާރަތާ ދިމާއަށް ދަތުރު ފަށައިފީމެވެ. ބައްޕަ އިނީ ދަރިފުޅާއި މަންޔާ ދެ މީހުންގެ މެދަށް ވާގޮތަށް ޖަމަލުގެ ބުރަކަށި މަތީގަ އެވެ. ޖަމަލު ކުރިއަށް ހިނގައިގަތުމާއެކު ދަރިފުޅު ފެށީ ޤުރްއާން ކިޔަވާށެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅާ އެވެ. ޖަމަލު ހުރަސް ކުރި ކޮންމެ ދިމާއަކުން މީހުން ދުވެފައި އައިސް ދަރިފުޅު ކިޔަވާ އަޑު އެހިތަން މަންމަ ދުށީމެވެ. އެ މީހުން ޖަމަލާ އެކު ހިނގާފައި ދަމުން ﷲ އަށް ޒިކުރުކޮށް ޝުކުރުވެރިވަމުން ދިޔައެވެ. ކޮތަރާއި ގުރަޔާއި މި ނޫނަސް އެކި ކަހަލަ ދޫނި މަންމަމެންގެ ބޯމަތީން އުދުހެމުން ދިޔަ އެވެ. މަންމަގެ ހިތަށް އެރިއެވެ. ﷲ އަހަރެމެންނަށް މި ދެއްވަނީ އަހަރެމެންނަށް ކުރެވުނު ކޮންފަދަ ހެޔޮ ކަމެއްގެ ބަދަލު ބާވައެވެ؟ ﷲ އަހަރެމެންނަށް ދެއްވާފައިވާ ދަރިފުޅު ޤުރްއާން ކިޔަވަނީ ބިންމަތީގަ އެވެ. އެކަމަކު އޭނާގެ އަޑު ވަނީ އުޑާ ހަމައަށް އުފުލިފަ އެވެ.

މި ހުރިހައި ޚިޔާލެއް މަންމަގެ ހިތަށް ވަންނާން ފެށީ ދަރިފުޅު ގެ ބައްޕަ ކުރި ސުވާލަކުންނެވެ. "ނިކަން މަތި ބަލައިލަބަލަ- އަހަރެމެންނާ އެކު އުދުހިފައި މި އަންނަނީ ކޮން ދޫނިބައިގަނޑެއް-؟ އެއީ ހާދަހާ ރީތި ދޫނިތަކެކޭ- އަހަރެން މީގެ ކުރިން ދުވަހަކު ވެސް މިހައި ރީތި ދޫނިތަކެއް ނުދެކެން- އެ ދޫނިތަކުގެ ފިޔައިން ކޮންމެވެސް އެއްޗެއް ވިދާތަން އެބަ ފެނޭ- ހީވަނީ އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވަނީހެން-"

ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅުގެ މި އަކުރެއް ބަކުރެއް ނޭނގޭ މަންމަ ގެ ހިތަށް ވެސް އެ ވަގުތު ވަނީ ހަމަ އެ ޚިޔާލެވެ. ހީވަނީ ތުއްތު ކުދިންކޮޅެއް ފިޔަ ފަޅައިގެން މަންމަމެންގެ ވަށައިގެން އުދުހެނީ ހެންނެވެ. އެ ދޫނިތައް އައީ މަންމަގެ ދަރިފުޅުގެ ރީތި އަޑުން ކީރިތި ޤުރްއާން ކިޔަވާ އަޑު އަހާށެވެ.
މަންމަމެންގެ ޖަމަލު ދޫލޭ ޝާޖީގެ މަޤްބަރާގެ ކައިރީގައި ބަނޑު ޖަހައިލީމާ ދަރިފުޅުގެ ހަނދާނުން މައިންބަފައިން މުޅީން ފުހެވިގެން ދިޔައީހެން ހީވި އެވެ. ދަރިފުޅު ފުންމާލައިގެން މަޤްބަރާ އާ ދިމާއަށް ހިނގައިގެންފި އެވެ. ހީވަނީ ޝާޖީ ދަރިފުޅުގެ އިނގިލީގައި ހިއްޕަވައިގެން ހިންގަވައިގަތީ ހެންނެވެ. ދަރިފުޅު ގޮސް މަހާނައިގެ އެއް ފަރާތުގައި އިށީނދެ ކިޔަވަން ފަށައިފި އެވެ. އެ ތަނަށް އައިސް ތިބި މީހުން ދަރިފުޅު ކިޔަވާ އަޑު އިވުނީމާ އެ ތަނަށް ޖަމާ ވާން ފެށި އެވެ. މަންމަމެން ގޮސް ހަޒްރަތު ޝާހުގެ ފައިންޕުޅު ދެކެފީމެވެ. އޭނާ ވިދާޅުވި އެވެ. "ދަރިފުޅު ގޮވައިގެން މި ތަނަށް އައިކަން ވަރަށް ރަނގަޅު- ﷲ ރުއްސެވިއްޔާ އެ ކުއްޖާފުޅާއި ތިޔަ ދެމަފިރިންގެ ފާފަ ފުއްސަވާނެ- ސުވަރުގޭގެ ނިޢުމަތް ދެއްވާނެ-"

ހަޒްރަތު ޝާހް މިހެން ވިދާޅުވީމާ މަންމަމެން ވަރަށް ބޮޑަށް އުފާ ކުރީމެވެ. މަންމަ އެތެރެއަށް ވަދެ، ހަޒްރަތު ޝާހް ގެ ޢާއިލާގެ އަންހެން ބޭފުޅުންގެ ފައިންޕުޅުވެސް ދުށީމެވެ. ލޯބިވާ ދަރިފުޅާ އެވެ. މަންމަމެން އެނބުރި އަވަށަށް އައީ ދަރިފުޅުގެ ހުރިހައި ކަމެއް ދޫލޭ ޝާޖީއާއި ހަޒްރަތު ޝާހާއި އޭނާގެ ޢާއިލާގެ އެހެން ބޭފުޅުންގެ އަތްޕުޅު މައްޗަށް ދޫކޮށްލާފަ އެވެ. މާދަމާ ނޫން އަނެއް ދުވަހު ދަރިފުޅު ބަލައި އަންނާނަމޭ މަންމަ ދެންނެވީމެވެ. އަދި ﷲ މަންމަމެންނަށް ނިޢުމަތެއްގެ ގޮތުގައި ދަރިފުޅު ފަދަ މާތް ކުއްޖަކު ދެއްވިޔަތީ ޝުކުރުވެސް ކުރީމެވެ.

މަންމަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅު ބަލައި މަންމަމެން އައި އިރު ދަރިފުޅު އިނީ މަންމަމެން ދަރިފުޅު ދޫކޮށްލާފައި ދިޔަ އިރުވެސް އިށީނދެ އިން ތާނގައި އިށީނދެގެންނެވެ. އެކަމަކު އެއީ ހަމަ ދަރިފުޅު ބާވައެވެ؟ ދަރިފުޅުގެ ލޯ ހުރީ ރަތް ވެފަ އެވެ. ތުންފަތުގައި ހިކިފައި ހުރި ލޭ ހުއްޓެވެ. ބޯ ހުރީ ހޭވިފަ އެވެ. ބޮލުގައި އޮތް ބުރުގާ އޮތީ ވެއްޓިފަ އެވެ. ދަރިފުޅުގެ ބައްޕަ ފެނުނީމާ ވެސް އެ ވަގުތު ހުރި ހާލަތު ރަނގަޅު ކުރާކަށް މަސައްކަތެއް ނުކުރަމު އެވެ. މޫނުމަތީން ފެންނަނީ ހަރުކަށިކަމެވެ.

މަންމަމެން ފެނުނީމާ ދަރިފުޅު ހަޅޭއް ލަވައިގަތެވެ. "ބައްޕާ- އަހަރެންގެ ކައިރިއަށް ނާންނާތި- މަންމާ- އަހަރެންގެ ކައިރިއަށް ނާންނާތި- އަހަރެން މި ތާނގައި އިންނާނީ- ދޫލޭ ޝާހް ގެ މަހާނަ އިރައިގެން ގޮސް އޭނާގެ އަތްޕުޅު ނުނުކުންނަނީހެއް އަހަރެން ނުދާނަން- މައްސަލަ ނުނިމެނީހެއް އަހަރެން މި ތަނަކުން ގުޑައެއް ނުލާނަން- އިންޞާފު ނުކުރެވެނީހެއް އެއްވެސް ތަނަކަށް ނުދާނަން- މަހާނަ ހުޅުވޭނެ- މިއަދު ނުހުޅުވުނިއްޔާ މާދަމާ ހުޅުވޭނެ- އެހެން ނޫނީ އެއް މަސް ދުވަސް ފަހުން، ނުވަތަ އެއް އަހަރު ދުވަސް ފަހުން ނަމަވެސް ހުޅުވޭނެ- ބަރަކާތްތެރި އަތްޕުޅު ވެސް ފާޅުވާނެ- އަހަރެން މަންމަމެންގެ ކައިރިއަށް އަންނާނީ އެ ދުވަހަކުން- އޭގެ ފަހުން މުޅި އުމުރު ދުވަސް ހޭދަ ކޮށްލާނީ މަންމަމެންގެ ޚިދުމަތުގައި- އެކަމަކު މިހާރަކު އަހަންނެއް ނުދާނަން- މިހާރު ދެވޭކަށް ވެސް ނެތް- އަހަރެންގެ ދުވަސް މި ވަނީ ގޮސްފައި- އަހަރެން މަރު ވެއްޖެ-"

އެ ތަނަށް މީހުން އެއްވެ މަންމަމެންނާ އެކު ރޯން ފަށައިފި އެވެ. އެ މީހުން ކިޔަމުން ދިޔަ އެވެ. "މި ކުއްޖާފުޅަށް ޖިންނިއެއްގެ ކަންތައް ލައިގަތީކަން ޔަޤީން- ރެޔާއި ދުވާލު މި މަޤްބަރާގައި އެކަނިމާއެކަނި އިނީމާ ޖިންނިއެއް އަވަލީ-"

ދަރިފުޅުގެ ބައްޕަ އަކަށް އެ ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. ބައްޕަ ހަޅޭއް ލަވައިގަތެވެ. "ޖިންނި އަވަލީއޭ-? އެހެން އެއްވެސް ކަމެއް ނެތި ތާއަބަދު ޤުރްއާން ކިޔަވާ ކުއްޖަކާ ޖިންނިއެއް އަވަލާނީ ކިހިނެއް-? އެންމެ ރަނގަޅު- ކަލޭމެން ތިޔަ ބުނަނީ މީނާޔާ ޖިންނިއެއް އަވަލީއޭ- އެހެން ވެއްޖެއްޔާ ހަޒްރަތު ޝާހް ކޮބާ-؟" ދަރިފުޅުގެ ބައްޕަ ހިނގައިގަތީ ހަޒްރަތު ޝާހް ހޯދާށެވެ. މަންމަ ވެސް ރޮމުން ރޮމުން ބައްޕަގެ ފަހަތުން ދިޔައީމެވެ. އެކަމަކު އޭނާގެ ނޯކަރުން މަންމަމެން ވަނަކަ ނުދިނެވެ. އެ މީހުން ބުނި ގޮތުގައި ތިން ދުވަހުގެ ދީނީ ރަސްމިއްޔާތު ނިމުނީމާ އެތައް ދުވަހެއް ވާންދެން ވަކި ކޮޓަރިކޮޅެއްގައި އިންނަވައިގެން ދުޢާ ކުރެއްވުމަކީ ހަޒްރަތު ޝާހް ޢާއްމު ކޮށް ކުރައްވާ ކަމެކެވެ. އެ ދުވަސްކޮޅުގެ ތެރޭގައި އެއްވެސް މީހަކަށް އޭނާ ފައިންޕުޅެއް ނުފެންނާނެ އެވެ. އެ ގޭގެ އަންހެން ބޭފުޅުންގެ ފައިންޕުޅު ފެނޭތޯ މަންމަ މަސައްކަތް ކުރީމެވެ. އެކަމަކު ނޯކަރުންގެ މީހުން ބުނީ ދަރިފުޅުގެ ޙާލު މި ވަގުތު ހުރި ގޮތުން އަންހެން ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ ފިކުރުފުޅު ބޮޑު ވެފައި ކަމަށެވެ. އެ ބޭފުޅުންނަށް އުނދަގޫ ކުރުމަކީ ފާފައެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.

މަންމަމެން ދުވެފައި އަނެއްކާވެސް އައީ ދަރިފުޅު އިން ތަނަށެވެ. މަންމަމެން ފެނުމާއެކު ދަރިފުޅުގެ ގާތަށް އައީ ރުޅި އެވެ. "އެނބުރި ނުގޮސް އަނެއްކާ މި ތަނަށް ތިޔަ އައީ ކީއް ކުރަން-؟" ދަރިފުޅު ހަޅޭއް ލަވައިގަތެވެ. އެ އަޑެއް ނުކުތީ ކީރިތި ޤުރްއާން ފިޔަވައި އެހެން އެއްވެސް އެއްޗެއް މިހައި ތަނަށް ނުކުމެފައި ނެތް އަރަކުންކަން މަންމަ އަށް ޤަބޫލު ކުރަން ވެސް ދަތި ވިއެވެ.

އަހަރެމެން، ދަރިފުޅުގެ ނިކަމެތި މަންމަ އާއި ބައްޕަ، މަހާނައިގެ އެއްކޮޅުގައި، ބިންމަތީގައި އިށީނދެ ތިބެގެން ރޯން ފަށައިފީމެވެ. މަންމަމެން ރޯތަން ފެނުނީމާ އެހެން މީހުން ވެސް ރޯން ފަށައިފި އެވެ. އެ ވަގުތު އެ ތަނަށް އައީ ހަޒްރަތު ޝާހްގެ އިސް ނޯކަރެކެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ހާލު ހުރި ގޮތުގެ މައްޗަށް ހަޒްރަތު ޝާހް ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވަ އެވެ. ހަޒްރަތު ޝާހް ވިދާޅުވާ ގޮތުގައި ދަރިފުޅަށް ކޮންމެވެސް ނުބައި ޖިންނިއެއްގެ ބަލާވެރިކަން ޖެހުނީ އެވެ. އެހެންވީމާ މިހާރު އޭނާ ގެންދަވަނީ އެ ޖިންނި މައިތިރި ކުރެއްވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ދެން އޭނާ މަންމަމެންނަށް އިއްވީ ހަޒްރަތު ޝާހް ގެ ޙުކުމެވެ. "ކަލޭމެން ގެއަށް ދާށެވެ. މި ތާނގައި ރާނޫ ބައިންދާށެވެ. ރަނގަޅު ވާނީ އޭރުންނެވެ."

"ދެން ދޭ-!" ކުއްލިއަކަށް އިވުނީ ދަރިފުޅުގެ އަޑެވެ. ދަރިފުޅުގެ ލޮލުން ހޯސް ލާފައި ކަރުނަ ފައިބަނީ އެވެ. "މަންމާ- އަވަހަށް ގެއަށް ދޭ- ބައްޕަ ވެސް ދޭ- އަހަރެން މި ތާނގައި ބައިންދާ- މަހާނަ ހުޅުވޭނެ- ބަރަކާތްތެރި އަތްޕުޅު ފާޅުވާނެ- އިންޞާފު ކުރެވޭނޭކަން ޔަޤީން- މައްސަލަ ނިމުނުހައި އަވަހަކަށް އަހަރެން މަންމަމެންގެ ކައިރިއަށް ދާނަން- ދޫލޭ ޝާޖީ އިންސާފު ކުރައްވާނެކަން ގައިމު- ދެން އަވަހަށް ދޭ-" ދަރިފުޅު ކުއްލިއަކަށް ތެދު ވެގެން އެތެރެއަށް ވަންނާން ހިނގައިގެންފި އެވެ. ހޫރެމުން ދިޔަ ގޮތުން ހީވަނީ ރޮދި ކަނޑައިގެން ގޮސްފައިވާ ގުޑިއެއް ހެންނެވެ.

މަންމަގެ ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅަށްޓަކައި މަންމަ ފުރާނަ ވެސް ދޫކޮށްލަފާނަމެވެ. އޭގެ ފަހުން ވެސް މަންމަމެން ދަރިފުޅު ދެކިލާން އަންނަމެވެ. އެކަމަކު ދަރިފުޅަށް މަންމަމެން ވަކި ކުރާން އެނގޭ ކަމަކަށް ނުވެ އެވެ. މަންމަ ދަރިފުޅުގެ ނަމުން ގޮވައިލީމާ ދަރިފުޅުގެ މޫނުމަތީން ފެންނަނީ ޙައިރާންކަމުގެ އަސަރެވެ. ދަރިފުޅުގެ މޫނުމަތީގެ ކުލަވަރު ވަނީ ބަދަލު ވެފަ އެވެ. ތުންފަތް ވަނީ ހިކިފަ އެވެ. ފަޅައިގެން ގޮސްފަ އެވެ. އިސްތަށިގަނޑުގައި ހުރީ ކިލަލާއި ހިކި ފަތާއި ކުންޏެވެ. އެއް ފަހަރަކު މަންމަ ދަރިފުޅަށް އާ ހެދުމެއް ގެނެސް ދިނީމެވެ. ދަރިފުޅު އެ ހެދުން ހިފައިގެން އެތެރެއަށް ވަދެގެން ހިނގައްޖެ އެވެ. ދަރިފުޅަކަށް ސީދަލަކަށް ނުވެސް ހިނގެ އެވެ. ދަރިފުޅު ގޮސް ލޯ މަތީން އޮބައިލީމާ މަންމަ އިނީ ވަރަށް ބޮޑަށް އުފާ ވެފަ އެވެ. މަންމަ ހީކުރީ ދަރިފުޅު ދިޔައީ ހެދުން ބަދަލު ކުރަން ކަމަށެވެ. ކުއްލިއަކަށް ހަޅޭކެއްގެ އަޑު އިވޭން ފަށައިފި އެވެ. ދެން ފެނުނީ ދަރިފުޅު އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ކާލި އަޅަމުން ނުކުމެގެން އަންނަ ތަނެވެ. ދަރިފުޅުގެ ފަހަތުން ދެތިން ނޯކަރަކު ވެސް އައެވެ. އެ މީހުން ބުނި ގޮތުގައި ދަރިފުޅަށް މަންމަ ދިން ހެދުން ގެންގޮސް ލީ އުނދުނަށެވެ. އެ ހެދުން އަނދައިގެން ދިޔައީ ޞަދަޤާތަށް އެއްޗެއް ކައްކަން އުދާފައި ހުރި އުނދުނުގެ ދަރަށް ވެގެންނެވެ.

އޭރުވެސް ދަރިފުޅު ދިޔައީ ޤުރްއާން ކިޔަވަމުންނެވެ. އެކަމަކު އެއްކަލަ ރަނގަބީލުގެ އަޑެއް ނީވެ އެވެ. ކިޔަވަމުން ގޮސް ދަރިފުޅު އިރުއިރުކޮޅާ މަހާނައިގެ އެއްކޮޅަށް ބަލައެވެ. އެ ދިމާއިން މަހާނަ އިރައިގެން ދާނޭ ވަގުތަކަށް އިންތިޒާރު ކުރާ ކަހަލަ އެވެ. ދެން ފަށަނީ ރޯށެވެ. ކިޔެވުން ހުއްޓާލާފައި އެތައް އިރަކު ރުއިމަށް ފަހު މަޑު މަޑުން އަމިއްލަ ނަފްސާ މުޚާޠަބް ކޮށް ބުނެ އެވެ. "މި ބަރަކާތްތެރި މަހާނަ ހުޅުވޭނެ- ބަރަކާތްތެރި އަތްޕުޅު ފާޅު ވާނެކަން ކަށަވަރު- އިންޞާފު ކުރެވޭނެކަން ގައިމު- އިންޞާފު ކުރެވޭނެ-" ދެން ދަރިފުޅު ލޯ މަރައިލަނީ އެވެ. އަދި އަނެއްކާވެސް ޤުރްއާން ކިޔެވުމުގެ ތެރެއަށް ގެއްލެނީ އެވެ.

މަންމެންނަށް އެއް ދުވަހަކު ހަޒްރަތު ޝާހް ގެ ފައިންޕުޅު ފެނިއްޖެ އެވެ. ކީރިތި ޤުރްއާން ކިޔަވާ މީހަކާ ޖިންނިއެއް ކައިރިއެއް ނުވާނެއޭ މަންމަމެން ދެންނެވީމެވެ. އެ ސޮރުމެން ދުރުގައި ތިބެގެން ވައްތަރު ޖައްސާނީއޭ ވެސް ދެންނެވީމެވެ. ކީރިތި ޤުރްއާން ކިޔަވާ އަޅުވެރި ކުއްޖަކާ ޖިންނިއެއް އަވަލައިފި ނަމަ އެ ޖިންނިއެއް ވާނީ މި މަޤްބަރާގެ ޖިންނިއަކަށޭ ވެސް ދެންނެވީމެވެ. އެހެން ވެއްޖެ ނަމަ އެ ޖިންނިއަކަށް އެކަހަލަ ކަމެއް ކުރަން ކެރޭނީ ހަޒްރަތު ޝާހްގެ އަމުރުފުޅަށް ކަމުގައި ވެސް ދެންނެވީމެވެ. އެހެންވީމާ މަންމަމެންނާ އެކީގައި ވަޑައިގެން އެ ޖިންނީގެ ބަލާވެރިކަމުން ދަރިފުޅު ސަލާމަތް ކޮށްދެއްވާށޭ، އާދޭސް ކޮށްފައި ދެންނެވީމެވެ. އޭނާ ޖިންނި ދުރަށް ފޮނުއްވައި ލައްވާނަމޭ ވިދާޅުވި އެވެ. އަދި އެއީ ކާފަރު ޖިންނިއަކަށް ވާތީ އޭނާގެ ބާރުފުޅުގެ ދަށުގައި އުޅޭ ޖިންނިއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް އިތުރަށް ދުޢާފުޅު ކުރައްވައިގެން ޖިންނި ފައްސަވައި ލައްވާނޭ ކަމަށް ވިދާޅުވި އެވެ. އަދި މަންމަމެންވެސް ގެއަށް ގޮސް ދުޢާ ކުރާން އެންގެވި އެވެ.

މަންމަމެންގެ ހިތްވަރު އެލިއްޖެ އެވެ. ހިތް ހަލާކު ވެއްޖެ އެވެ. އެނބުރި ދިޔަ މަގުމަތީގައި މަންމަމެންނާ ބައްދަލު ވަނީ މަޤްބަރާގެ އަންހެން ނޯކަރަކާ އެވެ. އޭނާ ބުންޏެވެ. "އަޅުކަމުގެ ޚާއްޞަ ތިން ދުވަހުގެ ތެރެއިން ތިން ވަނަ ދުވަހު ހަޒްރަތު ޝާހް މަޤްބަރާ އަށް ވަޑައިގަތެވެ. ދަރިފުޅު މަހާނައިގެ ކައިރީން އަކިރި އެއްކޮށްގެން ލިބާހުގެ ފަސްބަޔަށް އަޅައިގެން ހުރެ ބުނި ކަމަށް ވެއެވެ. "ކަނޑައެޅިފައި އޮންނަ ވަގުތު ޖެހުނީމާ ބަރަކާތްތެރި އަތްޕުޅު މި ތަނުން ފާޅު ވާނެ- އެކަމަކު އަޅުގަނޑާ ދިމާއަށް އެއް ފިޔަވަޅު އިތުރަށް އެޅުއްވިޔަސް ދޫލޭ ޝާހް ދެއްވާފައި މިވާ އަކިރިން ތަޅައިގަތް ގަތީނުން ދުވަސް ދުއްވައިލާނަން-" ހަޒްރަތު ޝާހްގެ ނޯކަރުން ދަރިފުޅު ހިފަހައްޓައިފި އެވެ. އަދި ތަޅައިގަންނާން އުޅުނީމާ ހަޒްރަތު ޝާހް ވިދާޅުވި ކަމަށް ވެއެވެ. "މޮޔައިންނޭ- އެއީ އެ ކުއްޖާގެ ވާހަކައެއް ނޫން- އެއީ އެ ކުއްޖާގެ މައްޗަށް ބާރު ފޯރުވާ ކާފަރު ޖިންނީގެ ވާހަކަ- އެ ޖިންނީގެ ބާރު މި މަޤްބަރާގެ މައްޗަށް ވެރި ވެފައި އޮތްހައި ހިނދަކު އަހަރެންނާއި އަހަރެންގެ ޢާއިލާގެ މީހުން މި ތަނަށް އައުން ރަނގަޅެއް ނުވާނެ

އެއް ރެއަކު މަޤްބަރާގެ ނޯކަރަކު އައިސް ދަރިފުޅު މަންމައަށް އެބަ ގޮވައޭ ބުނެފި އެވެ. މަންމަމެން ހަމަ އެ ވަގުތު އަތުވެއްޖައީމެވެ. އޭރު ދަރިފުޅު އޮތީ މަހާނައިގެ ކައިރީގައި ބިންމަތީގަ އެވެ. ބައްތީގެ ފަނޑު އަލީގެ ތެރެއިން ދަރިފުޅުގެ ތުންފަތް ވަރަށް ކުޑަކޮށް ޙަރަކާތް ކުރާތީ މަންމައަށް ފެނުނެވެ. އެ ވަގުތުވެސް ދަރިފުޅު ޤުރްއާން ކިޔަވަނީކަން މަންމައަށް އެނގުނެވެ. މަންމަ ދަރިފުޅުގެ ބޯ ނަގައި އުނގުމަތީގައި ބާއްވައިގެން ބިންމަތީގައި އިށީނދެއްޖައީމެވެ. ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން އިނދެ ރޯން ފަށައިފި އެވެ. އެ ވަގުތު ދަރިފުޅު ވަރަށް މަޑު މަޑުން ބުނެލިއެވެ. "މަންމާ- ބައްޕާ- މަހާނަ ނުހުޅުވުނީ ކިހިނެއް ވެގެން ކަމެއް އެކަކަށް ވެސް ނޭނގޭ- މައްސަލަ ނިމުނީ- މައްސަލަ ނިމުނީ އަހަރެން މިއީ ފާފަވެރިއަކަށް ވެގެން- އެންމެ ރަނގަޅު- ދޫލޭ ޝާހް- ދެން އޮތީ އެންމެ ފަހުގެ ދުވަސް- އާޚިރަތް ދުވަސް- ﷲ ގެ ޙަޟްރަތުގައި އަހަރެމެން އެންމެން ކޮޅަށް ތިބޭނޭ ދުވަސް- ﷲ ގެ ޙަޟްރަތުގައި... ﷲ ގެ..." އޭގެ ފަހުން ދަރިފުޅު ހިމޭން ވެއްޖެ އެވެ. ދުވަހަކުވެސް ވާހަކަ ނުދައްކާ ގޮތަށް އަބަދަށްޓަކައި ދަރިފުޅު ހިމޭން ވެއްޖެ އެވެ.

މަންމަމެން ދަރިފުޅު ގެއަށް ގެނެސްފީމެވެ. މިއަދު ހެނދުނު ދޫލޭ ޝާހްގެ މަޤްބަރާ އިން މީހަކު އަތުވެއްޖެ އެވެ. އޭނާ އައީ ހަޒްރަތު ޝާހް ދެއްވި ކަފުން ފޭއްޔަކާއިގެންނެވެ. ދަރިފުޅުގެ ބައްޕަ އެ ކަފުން ފޭލި އެއްލައިލީ ދަރިފުޅު ހިނަވަން ފެން ކައްކަން އުދާފައި ހުރި އުނދުނަށެވެ. ދަރިފުޅާ އަވަލައިގެން އުޅުނު ޖިންނި ބައްޕަޔާ އަވަލީ ކަމަށް ވެދާނެ އެވެ.
މިހާރު...

ލޯބިވާ ދަރިފުޅާ އެވެ. މަންމަގެ ފުރާނަޔާއެވެ. މަންމަގެ ހިތުގެ އެތިކޮޅެއް ކަމަށްވާ ރާނޫ އެވެ. ދަރިފުޅުގެ ނިތްކުރީގައިވާ ހުޅެވި ހަނދުގައި މަންމަ ބޮސް ދޭނަމެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހަމަ މިއަދު ވެސް ހަމަ އެހެން އެބަ ހުއްޓެވެ. މުގޮށި މީދާތައް ގަސް ގަހަށް އަރައި ފުމެ ހަދަމުން ދަނީ އެވެ. އެ ދުވަހު ޖެހުނު ގޮތަށް ވައި އެބަ ޖެހެއެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑި ތަކުން ކުރި ފަޅައިފާނޭ ހެންނެވެ. މިހާރުވެސް ގޭތެރެއިން ދަރިފުޅު ޤުރްއާން ކިޔަވާ އަޑު އިވޭހެން އެބަ ހީވެ އެވެ. ގޭތެރެއިން ދުވަނީ ކާފޫރު ވަހެވެ. ދަރިފުޅު ވިހެއި ވަގުތު މަންމަގެ ހަށިގަނޑުގައި ވޭން އެޅި ވަރަށް މިއަދުވެސް ވޭން އެބަ އަޅައެވެ.

ދިވެހިބަސް

ދިވެހިބަހަކީ ނުވަތަ މަލިކުބަހަކީ މަލިކުންގެ ބަހެވެ. އަދި މަލިކުގެ ދެކުނުން އޮތް ދިވެހިރާއްޖޭގައި (މަހަލްދީބުގައި) މޮށި އުޅޭ ބަހެވެ. ބޭރު މީހުން ދިވެހިބަހަށް "މަހަލް" ބަހޭ ކިޔަނީ މި ބަހުން މޮށިއުޅޭ ގިނަ މީހުން އުޅެނީ މަހަލްދީބުގައި ކަމަށް ވާތީއެވެ. ބަހާބެހޭ މާހިރުން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގައެވެ.

ދިވެހި ބަހުގެ މަތިކޮޅުގައި އެންމެ ކުރީޒަމާނުގައި އޮތް މައި ބަސް " ޕުރޯޓޯ- އިންޑޯ- ޔޫރަޕިއަން" ބަހުން ވާހަކަދައްކާ އުޅުނު ބަޔަކު ދެބަޔަކަށް ބެހިގެން، އެއްބަޔަކު ހުޅަނގުގެ ރަށްރަށަށް އަނެއްބަޔަކު އިރުމަތީ ރަށްރަށަށް ގޮސް އެތަންތާނގައި ރަށްވެހިވީ އެވެ. މި މީހުން ވާހަކަދައްކާ އުޅުނު ބަސް ބަދަލުވެ ތަރައްޤީވެ ވަކި ބަސް ބަހަށްވީ އެތައް ވޭލާއެއްގެ ނުވަތަ ޒަމާނެއްގެ ތެރޭގަ އެވެ. އިރުމައްޗަށް އައި މައިގަނޑު ބަހަކީ އިންޑޯ- އިރޭނިއަން ބަހެވެ. މި ބަސް ކަފިވީ އިރޭނިއަން ބަހަށާއި، އިންޑޯ އާރިއަން ބަހަށެވެ. މި ޢާއިލާގެ މައި ބަހަކީ (ސެންސިކިރިތ) ބަހަށެވެ. މިދެންނެވި ސެންސިކިރިތގެ ހުޅަނގާއި، ހުޅަނގު ދެކުނުގެ ބައިގައިވަނީ ގުޖަރާތީ މަރާޓީ ކޮންކަނީ، ދިވެހި، ސިންގަޅަ، މި ބަސްބަހެވެ.

ވީމާ، މިބަސް ތަކުގައި ބޭނުންކުރާ ލަފުޒުތަކާއި، ގަވައިދާއި އަދި ބަހުގެ އަދަބުތަކުގައި ތިމާގެކަންހުރެ އެވެ. ހުޅަނގަށް ގޮސްފައިވާ ގޮފީގެ ބަސްތަކާއި، އަޅުގަނޑުމެންގެ އިންޑިކު ނުވަތަ ސެންސިކިރިތުން އުފެދިފައިވާ ބަސްތަކާއި ވަރަށް ތަފާތެވެ. އިނގިރޭސި ބަހަކީ މިދެންނެވި ހުޅަނގަށް ގޮސްފައިވާ ގޮފީގެ އަލްމާނީ ބަހެކެވެ.

ދިވެހިބަހަށް ބަލާއިރު، ބޭރުބަސްބަހުގެ އެތައް ލަފުޒެއް އަޅުގަނޑުމެންގެ ބަހާބެހީގައި އެކުލެވިފައިވެއެވެ. މިހެން ދިމާވާންވީ އެތައް ސަބަބުތަކެއްވެއެވެ. އެންމެ ފުރަތަމަ ފާހަގަކުރަންޖެހޭ ސަބަބަކަށް ވަނީ، ހިންދު ކަނޑުގައި މަލިކާއި މަހަލްދީބު އޮންނަ މަގާމެވެ. އާދެ! ވިޔަފާރިކުރާ ނާފަހަރު ދަތުރުފަތުރުކޮށް އުޅުނު ހުރިހާ މަގުތަކުގެ މެދުތެރޭގައެވެ. ތާރީޚަށް ބަލާއިރު ވެސް އެމީހުންގެ ބާރުގެ ދަށަށް މި ސަރަޙައްދު ގެންނަން މަސައްކަތްކަތްކުރި މީހުން މި ތަން އަތުލަން ބޭނުންވެފައިވަނީ ޖޫރާފީ ގޮތުން މިރަށްތައް އޮތް މުހިއްމު މަޤާމަށްޓަކައެވެ. އިހުޒަމާނުގެ ކަނޑު ދަތުރުވެރިންނަށް ހިންދު ކަނޑު ރަނގަޅަށް ދަސްވެފައިވާނަމަ، މޫސުން ނުބައިވެގެން، ނުވަތަ ކާބޯތަކެއްޗާއި ފެންލުމަށް މަޑުކޮށްލުމަން އެންމެ އެކަށީގެންވާ ހިސާބެއްގައިވަނީ މި ރަށްތަކެވެ. މި މަގުތައް ރަނގަޅަށް ނޭނގޭ ބަޔަކަށްނަމަ ނާފަހަރު އުރި ހަލާކުވުން ވެސް އެންމެ އެކަށީގެންވަނީ ހަމަ މި ހިސާބުގައެވެ. ވީމާ، ބޭނުމެއް ޖެހިގެން ނުވަތަ މަޖުބޫރުވެގެން ނަމަވެސް މި ރަށްތަކަށް އައިސް، ދުވަސްތަކެއް ހޭދަކުރަންޖެހުނު މީހުން އެކި ރަށްރަށުން މި ރަށްތަކަށް އައިސްފައިވެ އެވެ. މިފަދަ ވަރަށް ގިނަފަރާތްތަކުން ދިވެހިބަހަށް މުއްސަނދިކަން ލިބުނެވެ.

ބަންގި: ޢަޖާއިބުކުރުވަނިވި ޤުދުރަތީ ޙަޤީޤަތެއް


ތަރުޖަމާ: ޝަމްސުލްފަލާޙް

އަޑުއިވޭގޮތުން އަޖައިބުކުރުވަނިވިއެވެ. ނަމަވެސް، ދުނިޔޭގެ މުސްލިމުންނަށް ނަސީބަކުން އެއީ މާކުރިން ޤާއިމްވެފައިވާ ޙަޤީޤަތެކެވެ. ދުނިޔޭގެ ޗާރޓަށް ބަލައިލާށެވެ. އިންޑޮނީޝިޔާ ދުނިޔޭގެ އެންމެ އިރުމަތީފަރާތުގައި ވާތަން ތިބާއަށް ފެންނާނެއެވެ. އިންޑޮނީޝިޔާގެ އެންމެ ބޮޑެތި ސިޓީތަކަކީ، ޖާވާ، ސުމާޓްރާ، ބޯރނިއޯ އަދި ސައިބިލް އެވެ. އެޤައުމުގެ ގަޑިން ގާތްގަނޑަކަށް ފަތިހު 5:30 ހާއިރު ސައިބިލްއަށް ފަތިސްވާއިރު ފަތިސްނަމާދުގެ ބަންގި ދޭން ފެށެއެވެ. އިންޑޮނީޝިޔާގެ އެތައް ހާސް މުދިމުންނެއް ބަންގިދޭންފަށައެވެ.

ހުޅަނގު އިންޑޮނީޝިޔާއާ ދިމާއަށް މި ޙަރަކާތް ކުރިއަށްދެއެވެ. ސައިބިލްގައި ބަންގި ގޮވުނުތާ ދޮޅުގަޑިއިރު ފަހުން، ޖަކާރޓާގައި އެ އަޑު ތަކުރާރުވެއެވެ. އެއަށްފަހު، ސުމާޓްރާ، މި އަޑު އަޑުއަހައެވެ. އަދި ބަންގީގެ މި އުއްމީދީ ޙަރަކާތް އިންޑޮނީޝިޔާގައި ނުނިމެނީސް މެލޭޝިޔާގައި ބަންގިދޭން ފެށެއެވެ.
އެ ރޮނގުގައި ދެން ޖެހިގެން އޮންނަނީ ބަރުމާއެވެ. ޖަކާރޓާގައި ބަންގިދޭން ފެށުނުތާ އެއް ގަޑިއިރުތެރޭ، ބަންގްލާދޭޝްގެ ވެރިރަށް ޑާކާއަށް ބަންގިފޯރައެވެ. ބަންގްލާދޭޝްގައި ބަންގިދިނުން ނިމޭއިރު، ހުޅަނގު އިންޑިޔާގައި ބަންގިދިނުން އޮންނަނީ ފެށިފައެވެ. ކަލްކަތާއިން ސްރީނަގަރަށެވެ. ދެން ކުރިއަށްދަނީ، ބޮމްބޭއާ ދިމާލަށެވެ. އަދި މުޅި އިންޑިޔާގެ މާހައުލުގައި ބަންގީގެ އަޑު ގުގުމާލައެވެ. ސްރީނަގަރާއި ސިއަލްކޮތް (ޕާކިސްތާނުގެ އުތުރުގައިވާ ސިޓީއެއް) ގައި ބަންގީގެ ވަގުތުތައް އެއްގޮތަށް ދިމާވެއެވެ. ސިއާލްކޯޓު އާއި ކުއެޓާއާއި ކަރާޗީގެ ވަގުތުގެ ތަފާތަކީ 40 މިނިޓެވެ. އަދި މި ވަގުތުގައި، ފަތިސްނަމާދުގެ ބަންގީގެ އަޑު މުޅި ޕާކިސްތާނުން އިވެއެވެ. ޕާކިސްތާނުގައި ފަތިސްނަމާދުގެ ބަންގި ނުނިމެނީސް، އަފްޣާނިސްތާނާއި މަސްޤަޠް (މަސްކަޓް، އޮމާން) ގައި ބަންގިދޭންވަނީ ފެށިފައެވެ. މަސްޤަޠާއި ބަޣްދާދުގެ ވަގުތުގެ ތަފާތަކީ، 1 ގަޑިއިރެވެ. މި އެއްގަޑިއިރު ތެރޭގައި، މާތް މައްކާއާއި މަދީނާއާއި، ޔަމަނާއި، އެކުވެރި ޢަރަބި ޢިމާރާތާއި، ކުވެތާއި ޢިރާޤުގައި ބަންގީގެ އަޑު ގުގުމަމުންދެއެވެ.
ބަޣްދާދާއި އިސްކަންދަރިއްޔާ (މިޞްރުގެ ސިޓީއެއް) ގެ ގަޑިތަފާތުވަނީ އެއް ގަޑިއިރެވެ. މި އެއްގަޑިއިރުތެރޭގައި ސީރިޔާއާއި، މިޞްރާއި ސޯމާލިޔާއާއި އަދި ސޫދާނުގައި ބަންގިދިނުން ކުރިއަށްދެއެވެ. އިރުމަތީ އަދި ދެކުނު ތުރުކީގެ ގަޑިތަފާތުވަނީ ދޮޅުގަޑީއިރަށެވެ. އެވަގުތުގައި، ތުރުކީގައި ބަންގީގެ އަޑު ގުގުމަމުންދެއެވެ.

އިސްކަންދަރިއްޔާއާއި ޓްރިޕޮލީ (ލީބިޔާގެ ވެރިރަށް) އާދެމެދުވަނީ 1 ގަޑިއިރުގެ ތަފާތެކެވެ. ބަންގި ގޮވުމުގެ ޙަރަކާތް، މުޅި އެފްރިކާ ބައްރުގައި ކުރިޔަށްދެއެވެ. އެހެންކަމުން، އިންޑޮނީޝިޔާއިން ފެށުނު ތަޢުޙީދާއި ރިސާލަތް، 9 ގަޑިއިރާއި 30 މިނެޓްފަހުން، އެޓްލާންޓިކް ކަނޑުގެ އިރުމަތީ އައްސޭރިއަށް ފޯރައެވެ. އެޓްލާންޓިކް ކަނޑުގެ އައްސޭރިއަށް ބަންގި ފޯރުމުގެ ކުރިން، މެންދުރުނަމާދުގެ ބަންގިގޮވުން އިރުމަތީ އިންޑޮނީޝިޔާގައި ފެށެއެވެ. އަދި މެންދުރުނަމާދުގެ ބަންގި ޑާކާއަށް ފޯރުމުގެކުރިން، ޢަޞުރު ނަމާދުގެ ބަންގިދޭން ފެށެއެވެ. އޭގެ 1 ގަޑިއިރާއި 30 މިނެޓްފަހުން ޖަކާރޓާއާ ހަމައަށް ޢަޞުރުވަގުތުވެއެވެ. އޭރު ސައިބިލްއަށް މަޣްރިބް ނަމާދުވަގުތުވެއެވެ. އަދި ސުމާޓްރާއަށް މަޣްރިބް ނަމާދުވަގުތުވުމުން އިސާހިތަކު، ސައިބިލްގައި ޢިޝާ ނަމާދުގެ ބަންގިދޭން ފެށެއެވެ. އިންޑޮނޭޝިޔާގެ މުދިމުން ފަތިސް ނަމާދަށް ބަންގިގޮވާއިރު، އެފްރިކާގެ މުދިމުން ގޮވާނީ ޢިޝާ ނަމާދުގެ ބަންގިއެވެ.

ބަންގީގެ މި ޙަރަކާތާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނައިފިނަމަ، މިދުނިޔޭގެ ބިންމަތީގައި، ސައްތައިން ނުވަތަ ހާހުން މުދިމުން ބަންގި ގޮވަމުންނުދާ އެންމެ ހިނދުކޮޅެއްވެސް ނުވާކަމުގެ އަޖައިބުކުރުވަނިވި ޙަޤީޤަތަށް އިޢުތިރާފްވެވޭނެއެވެ. އަދި ހަމަ ތިބާ މި ލިޔުން ކިޔަމުން ގެންދާއިރުވެސް، ބަންގިގޮވަމުންދާ އަދި އެބަންގީގެ އަޑު އަހަމުންދާ އެތައް ހާސް މީހުންނެއްވާކަން ޔަޤީންކުރެވިދާނެއެވެ.

"ޙިކްމަތާއި، ރިވެތި ވަޢުޡުއާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލު ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." (ސޫރަތުއްނަޙްލް ، 125 ވަނައާޔަތް)

ސައިފު ރަސްގެފާނު ވާހަކަ - 1

އިހު ޒަމާނުގައި ތަބާބިއާގެ ރަސްރަސްކަލުންގެ ތެރޭ އިއްޒަތާއި ގަދަރު މަތިވެރިވެގެންވާ ރަސްކަލަކު ހުންނެވިއެވެ. އަދި އެރަށުގެ އަހުލުވެރީން، އެމަނިކުފާނު ދެކެ ނުހަނު ބޮޑަށް ބިރުގަނެއެވެ. ސަބަބަކީ، އެޒަމާނުގެ ރަސްރަސްކަލުންތެރޭ އެފަދަ އެހެން ރަސްކަލަކު ނުވާ ކަމެވެ. މިމަނިކުފާނަކީ ހިމްޔަރު ވަންހައިން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ ޝާންޝައުކަތާއި ގަދަފަދަކަންވަނީ އެންމެންގެ މެދުގައި އާއްމު ވެފައެވެ. އެރަސްގެފާނުގެ ނަންފުޅަކީ ޒީޔަޒަންއެވެ. އެމަނިކުފާނުގެ ވަޒަނަކީ ޔަމަންކަރަ އެވެ. އަދި، އެމަނިކުފާނުގެ އަރިހުގައި، އެންމެހައި، ކަންތަކަށް ގާބިލު ވަރަށް އިއްޒަތްތެރި، ބުއްދިވެރި ވަޒީރަކު ހުންނަވައެވެ. އެވަޒީރުގެ ދޫ ފަސޭހަކަމާއި، ބަސްމޮށުންތެރިކަން ލާމަސީލު ވެފައިވެއެވެ. އެވަޒީރުގެ ނަމަކަށް ކިޔަނީ، ޔަސްރިބެވެ.
އެވަޒީރުގެ ދަރަޖައާއި އިއްޒަތް، ރަސްގެފާނާއި، އެހެނިހެން ވަޒީރުންގެ ކުރިފުޅު މަތީގައި ވަރަށް ބޮޑުވެގެން ވެއެވެ. އަދި، އެންމެހައި ކަންކަމުގައި ރަށުގެ އަހުލުވެރީން، މިވަޒީރުގެ އަމުރުތަކަށް ފުރިހަމަޔަށް ކިޔަމަންވެއެވެ. މިވަޒީރާއި އަޅާ ބެލުމުގައި ދުނިޔޭގެ މަޝްރިގާއި މައުރިބުގައި ވެސް އެފަދަ އެހެން ވަޒީރަކު ނުވާ ކަމުގައި، ބުނެވެއެވެ. މިވަޒީރަކީ އިހުޒަމާނުގެ ފޮތްތައް ރަނގަޅަށް އުނގެނި އެއިން އިލްމު ވެރިވެ ލައްވައިގެން ހުންނެވި މައްޝޫރުކަން ބޮޑު ބޭކަލެކެވެ. އަދި މިކަލޭގެފާނަކީ، އަދުނާނު ވަންހައިން ވަޑައިގެން ހުންނެވި، އިއްޒަތްތެރިއެކެވެ. އެއްވެސް ހަނގުރާމައިގެ މައިދާނެއްގައި މިވަޒީރަށްވުރެ މަތިވެރި ކާމިޔާބު ލިބޭ އެހެން މީހެއް އެދުވަސްވަރުގެ ދުނިޔެއަކު ނުވެއެވެ. މިހެން ކަމުން، ކިތަންމެ، ކިތަންމެ، ރަށެއް މީނާގެ އަތް މައްޗަށް ވަނީ ފަތަހަ ވެފައެވެ.
ވަޒީރު ޔަސްރިބަކީ އެކަލޭގެފާނު ކިޔަވާ ވިދާޅުވި ފޮތްތަކުގެ ސަބަބުން ހައްގާއި ބާތިލު ރަނގަޅަށް އޮޅުން ފިލާފައިވާ އަދި ހައްގު، ގޮތުގައި ހުންނެވި، އިސްލާންދީން ވަންހަނާ ކުރައްވައިގެން ހުންނަވާ ތެދުވެރި މުސްލިމެކެވެ. މިގޮތުގެ މަތީން ޒީޔަޒަން ރަސްގެފާނުގެ އަރިހުގައި މިވަޒީރު ހުންނެވި އިރު، ރަސްގެފާނުގެ ރަސްކަމުގެ ދުވަސްތައް ވޭތުވަމުން ގޮސް އެމީހުންގެ ވަރަށް ބޮޑު އީދެއް ކުރިމަތި ވެއްޖެއެވެ.
މިއީދުގެ ތެރޭގައި، ރަސްގެފާނު ވަޒީރުންނާއި، އަމީރުންނައި، އަދި ރަށުގެ އަހުލުވެރީންގެ ތެރެއިން، އަންހެނުންނާއި ކުޑަކުދީން ފިޔަވައި، އެހެން އެންމެންނާއި ގެން ރަށް ބޭރަށް ނުކުމެ ވަޑައިގެންފިއެވެ. މިފަދަ ގިނަ އަދަދެއްގެ މީހުންނާއިގެން، ރަށް ބޭރަށް ރަސްގެފާނު ނުކުމެ ވަޑައިގެން އެއެންމެން ދެކެ ވަޑައިގެން، އެލަޝްކަރުގެ އަދަދަކީ، ކޮބައިތޯ ބެއްލެވި އިރު އެއީ ސޯޅަ ލައްކަ މީހުން ކަމުގައި ފެނިވަޑައިގަތެވެ. އަދި އެއިން ކޮންމެ މީހަކީ، ހަނގުރާމައިގެ މައިދާނުގައި، ގަދަފަދަ ސިންގާއަކަށް ވުރެވެސް ބާރުގަދަ މީހުން ކަމުގައި ވެއެވެ. ދެންފަހެ، ރަސްގެފާނަށް މިކަންކަން އެނގި ވަޑައިގަތް ހިނދު، އުފާފުޅުން، ހިނިފުޅު ވަޑުވާލައްވާފައި، ވިދާޅުވިއެވެ. ލާތާއި އުއްޒާ ގަންދެއްވައި ވިދާޅުވަމެވެ. ދުނިޔޭގެ މަޝްރިގާއި މައުރިބަށް ދާންދެން ބެލި ނަމަވެސް މިފަދަ ބޮޑު ލަޝްކަރެއް ދުނިޔޭގެ އެހެން އެއްވެސް ރަސްކަލެއްގެ އަރިހުގައި ނުވާނެކަން ކަށަވަރެވެ. އަދި ބޮޑުވަޒީރާއި ދިމާއަށް ބައްލަވާފައި ވިދާޅުވިއެވެ. އޭ ވަޒީރާއެވެ! ތިމަން ރަސްގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކަލެއަކީ، ވިސްނުންތެރި ބުއްދިވެރި، އަދި ކަންތައްތަކުގެ ކަބަރުތައް ރަނގަޅަށް ފިލާފައިވާ މީހަކީމުއެވެ. މިހެންވީއިރު، މަށަށް ވުރެ ލަޝްކަރު ގިނަ، ރަސްކަން ބޮޑު އެހެން ރަސްކަލަކު، މިދުނިޔޭގެ ބިންމަތީގައި، ވާކަން ކަލެޔަށް އެނގިފައިވޭ ހެއްޔެވެ؟ ދެން މި ޔަސްރިބު ވަޒީރު ދެންނެވިއެވެ. އޭ މާތްވެގެންވާ ވިސްނުންތެރި ރަސްގެފާނެވެ. އޭ ބާއްޖަވެރި ކަމުގެ ވެރިޔާއެވެ. ދުނިޔޭގެ އިރުމަތީ ފަރާތުގެ ރަށް ތަކުގެ ތެރެއިން، ރަށެއްގައި ބައުލަބަކޭ ކިޔާ އިއްޒަތްތެރި ރަސްކަލަކު ހުންނަވައެވެ. އެއީ ހިއްމަތްތެރި، އަސްވާރުންނާއި އަބުތޯލުން ގިނަ، ބާރުގަދަ ރަސްކަލެކެވެ. އެ ރަސްގެފާނުގެ ލަޝްކަރު ދުވަހަކުވެސް ހަނގުރާމައިގެ މައިދާނުގައި ހަލާކުވެ ފަނާވެ ހިނގައި ދާނެތީ، ނުވަތަ މަރުވެ، ނެތި ދާނެތީކީ، ބިރެއް ނުގަނެއެވެ. އަދި އެރަށުގެ ރަށްބޭރުގައި ވަރަށް ވަރުގަދަޔަށް ތައްޔާރުކޮށްފައި ވާ ކިއްލާއެއް ހުރެއެވެ. މުޅި އެތަން ފުރިފައިވަނީ ރަނާއި ޖަވާހިރުންނެވެ. އަދި އެރަށަކީ ރަންނެގޭ ރަށެކެވެ. އެކިއްލާ ބިނާ ކުރެވިފައިވަނީ ރަނާއި ރިއްސާއި، އަދި އެނޫންވެސް ބާވަތް ބާވަތުގެ މައުދަނުންނެވެ. އެތާގެ އެތެރޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ކަންވާރުގެ އަދަދު ލައްކައަކަށް ވުރެވެސް އިތުރު ވެގެން ވެއެވެ. އަދި އެކިއްލާގެ އެތެރެއާއި ބޭރުގައި ދިއްލާފައިވާ ބިއްލޫރި ބަނޑިޔާ ތަކުގެ އަދަދު އެތައް ސަތޭކަ އަކުން އަދަދު ކުރެވެއެވެ. އެކިއްލާގެ މަތީގައިވާ ކުރިބޯށިތައް އެތައް ލައްކަ ޖަވާހިރަކަށް ވުރެ އަގު ބޮޑުވެފައި ވެއެވެ. އަދި އެކިއްލާގެ ވަށައިގެންވާ ބަގީޗާގެ ތެރޭގައި ހުރި ގަސްތަކުގެ މަތީގައި އެކި ފާޑުފާދުގެ ދޫނިތައް އެތަކެތީގެ ދުލުން ހާލިގު ވަންތަ އިލާހުގެ ހަޒުރަތަށް، ތަސްބީހަ ކިޔަކިޔާ ތިބެއެވެ. އަދި އެކިއްލާގެ ތެރޭގައިވާ، ހާއްސަ ގަނޑުވަރެއް ދެކެފި ކޮންމެ މީހަކުގެ ކިބައިން، އެމީހެއްގެ ކިބައިގައިވާހާ، މޮޅިވެރިކަމާއި، ހިތާމަވެރިކަން، ހަމަ ވަގުތުން ފިލައި، ހިނގައިދާހައި ވެއެވެ.
ޔަސްރިބު ވަޒީރު، މިދެންނެވި ވާހަކައިގެ އަޑު، ޒީޔަޒަން ރަސްގެފާނު އެއްސެވި ހިނދު، އެމަނިކުފާނުގެ މޫނުފުޅުގެ އުޖާލާކަން ކުއްލިއަކަށް، ބަދަލު ވެގެން ހިނގައްޖެއެވެ. އަދި ވިދާޅުވިއެވެ. ލާތާއި އުއްޒާ ގަންދީ ބުނަމެވެ. މަގޭ މައްޗަށް، މިވަގުތު ވާ އެންމެ ބޮޑު ވާޖިބަކީ، ތިޔަ ބުނާ ބޮޑު ރަސްކަލެއްގެ ގާތަށް ގޮސް، އޭނާ މަށަށް ކިޔަމަން ކުރުވައި، ނުވަތަ އޭނާގެ ވަސް ދުނިޔެއިން ފިލުވާލުމެވެ. އެގޮތަކީ، މައްޝޫރު ވެގެންވާ ހިމްޔަރު ވަންހައިގެ އެންމެހައި ކުދި ބޮޑު ދައުލަތްތަކުގެ މައްޗަށް އަމުރު ކުރާ އެންމެ ބޮޑު ރަސްކަލަކީ މަށެވެ.
ދެން ފަހެ އީދުގެ ކުޅިވަރުތަކާއި، ގުރުބާން ތަކުން ނިމިވަޑައިގަތުމަށްފަހު، ދުވާލުން ބަޔެއް ވޭތި ކުރައްވައި، އަސް މައްޗަށް ސަވާރުވެ ލަޝްކަރާއިގެން، ރަސްގެފާނު ރަށަށް ވަޑައިގަންނަވައިފިއެވެ. އަދި ރަސްކަމުގެ ދީވާނަށް ވަދެވަޑައިގެން، ތަހުތުގައި އިށީނދެ ވަޑައިގެން، އީދުގެ މުނާސަބަތުގައި، އިނާމު ތަޝްރީފުތައް ބައްސަވައި، ހައްދަވައިފިއެވެ. މިގޮތުން ކޮންމެ މީހަކަށް ވެސް އެމީހަކާއި އެކަށީގެންވާ ގިނަ އަދަދަކަށް، މުދާ ލިބުނު ކަމުގައި ވިއެވެ. ޒީޔަޒަން ރަސްގެފާނު، އުފާ ފާގަތި ކަންމަތީ ރަސްކަން ކުރައްވަން ހުންނަވާއިރު، ޔަސްރިބު ވަޒީރު އެދެންނެވި ވާހަކައާއި މެދު، ވަރަށް، ބޮޑަށް ހިޔާލު ކުރައްވާ ކަމުގައި ވިއެވެ. އޭގެ ތެރެއިން އެއްދުވަހަކު، ރަސްގެފާނު، ވަޒީރު ބަލާ ފޮނުއްވައިގެން ގެންނަވާފައި ވިދާޅުވިއެވެ. އޭ ވަޒީރެވެ! ތިމަން ރަސްގެފާނުންގެ ހަޒާނާއިން ހަރަދުކޮށްގެން ބައުލަބަކުގެ ރަށަށް ދިއުމަށް ގާފިލާ ތައްޔާރު ކުރާށެވެ. ދެން ވަޒީރު އާދޭހޭ ދަންނަވާފައި، ދުރުވެ ރަސްގެފާނު، އަމުރުފުޅު ކުރެއްވި ފަދައިން، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، ހަނގުރާމައިގެ ގާފިލާއެއް ތައްޔާރު ކުރެއްވިއެވެ. އެއަށްފަހު، ވަޒީރު ދަރުބާރަށް ދުރުވެ، ރަސްގެފާނަށް އަދަބު އަދާ ކޮށް ދެންނެވިއެވެ. އޭ. ބާއްޖަވެރި ކަމުގެ ސާހިބާއެވެ. ގާފިލާވަނީ ތައްޔާރުވެފައެވެ. ލަޝްކަރު ވަނީ ރަށްބޭރަށް ނެރެވިފައެވެ. މަނިކުފާނު ކުރައްވާނޭ އަމުރުފުޅެއްގެ އިންތިޒާރީގައި ބަލަބަލައި އެބައިމީހުން އެބަތިއްބެވެ. ހަމަ އެވަގުތު ރަސްގެފާނު ތެދުވެ ވަޑައިގެން އެތެއްގެ މައްޗަށް ސަވާރުވެ ވަޑައިގަންނަވައިގެން ރަށްބޭރަށް ނުކުންނަވާ ގާފިލާގެ ވަށައިގެން ދުއްވަވާ ބެއްލެވި ހިނދު، ބޮޑު ވެގެންވާ ހިމަނައި އަދަދު ނުކުރެވޭވަރުގެ ލަޝްކަރެއް ކަމުގައި ދެކެވަޑައިގަތެވެ.
މިގޮތުން ރަސްގެފާނުގެ ހިތްޕުޅު ހަމަ ޖެހުމާއި އެކީ އަނެއް ދުވަހުގެ ހެނދުނާ ބައުލަބަކު ގެ ރަށަށް ދިއުމަށް ދަތުރު ފެއްޓުމަށް ގަސްތު ކުރައްވައި، ރަށަށް އެނބުރި ވަޑައިގެންފިއެވެ. ދެން މިބޮޑު ލަޝްކަރުގެ އެންމެން އުފާ ފާގަތިކަން މަތީ އެރޭ ވޭތިކޮށްފޫއެވެ. ފަހެ ފަޖުރުލައި ދުނިޔެ މައްޗަށް އަލިކަން ފާޅުވުމާއި އެކީ، ރަސްގެފާނު ސަވާރުވެ ވަޑައިގަންނަވާ، ލަޝްކަރަށް ދަތުރު ފެށުމަށް އަމުރު ކުރައްވައިފިއެވެ. ޒީޔަޒަން ރަސްގެފާނު މިފަދަ ބޮޑު ލަޝްކަރަކާއި ގެން، މިފަދަ އިއްޒަތުގައި ދަތުރު ކުރައްވާތާ ތިންވަނަ ދުވަސް ފާއިތުވެދިޔަ ފަހުން، ހަތަރުވަނަ އަށް ވީ ދުވަހު، މާތް ވެގެންވާ ކައުބަތުއްލާހި ގެފުޅާއި ހަމަޔަށް ވަޑައިގެންނެވިއްޖެއެވެ. އެވަގުތު ކުއްލިޔަކަށް ޔަސްރިބު ވަޒީރު އަސްމަތިން، ފުންމާ ލައްވާ، ގެފުޅާއި ދިމާޔަށް ކުރިމަތި ލައްވާ ސަޖިދަ ކުރެއްވިއެވެ. އަދި ބުނުއްވިއެވެ. ހުރިހާ އަޅުކަމެއް ހައްގުވެގެންވާ، ކީރިތި ވަންތަ އިލާހަށް މެނުވީ ސަޖިދަ ކުރުން އެކަށީގެނެއް ނުވެއެވެ. އެއިލާހީ ހަލްގުތަކުން ނެތުމުގެ ތެރެއިން، ވުޖޫދަށް ނެރުއްވި އިލާހެވެ. ޔަސްރިބު ވަޒީރު މިކުރެއްވި ކަންތައް ދެކެ ވަޑައިގެންފައި، ރަސްގެފާނު ވަރަށް ބޮޑަށް ހައިރާން ވެވަޑައިގެންނެވިއެވެ. ނަމަވެސް ވަޒީރު ސަޖިދައިން ތެދުވެ ވަޑައިގަންނަވަންދެން މަޑުން ހުންނަވައިފިއެވެ.

އެއްބައެކެވެ.ނަމަވެސް ދެ ޤައުމެކެވެ

މަލިކަކީ ހއ.ތުރާކުނުގެ އުތުރުން 70 ވަރަކަށް މޭލު ދުރުގައި އޮންނަ އަތޮޅެކެވެ. ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖެ ހިކިފައި އޮތް އަށީގެ އެންމެ އުތުރަށް އޮތީ މަލިކު ކަމުގައިވިޔަސް ސިޔާސީ ގޮތުން މަލިކަކީ އެއަތޮޅުގެ އުތުރުން 114 ވަރަކަށް މޭލު ދުރުގައި އޮންނަ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދީޕުގެ އެންމެ ދެކުނަށް އޮތް އަތޮޅެވެ. މަލިކަށް އިންޑިޔާގެ ރަސްމީ އިދާރާތަކުން ކިޔާ ނަމަކީ "މިނިކޯއި" އެވެ. މަލިކު އަތޮޅުގައި އޮންނަނީ ޖުމްލަ 2 ރަށެވެ. އެއީ އަތޮޅުގެ ނަން އެރަށަކަށް ނިސްބަތްވާ މަލިކާއި ވިރިނގިލި މިނަން ކިޔާ ކުޑަކުޑަ ރަށެކެވެ. މީގެ އިތުރުން އަތޮޅުގެ ހުޅަނގު ފަރާތު ފަރުމަތީގައި ރަށްގަނޑޭ ކިޔާ ކުޑަހުރައެއްވެސް އޮވެއެވެ. މަލިކަކީ ބިމުގެ ގޮތުން 4.4 އަކަކިލޯމީޓަރުގެ ބޮޑުރަށެކެވެ. ރަށުގެ ދިގުމިނުގައި 11 ކިލޯމީޓަރު ހުންނައިރު ރަށުގެ އެންމެ ފުޅާ ހިސާބުގައި ހުންނަނީ ގާތްގަނޑަކަށް 800 ވަރަކަށް މީޓަރެވެ. މިގޮތުން ލަކްޝަދީޕުގެ ރަށްތަކުގެ ތެރެއިން ދެވަނައަށް އެންމެބޮޑު ރަށަކީ މަލިކެވެ. ދިވެހިރާއްޖޭގެ ނިސްބަތުން ބަލާއިރު މަލިކުގެ ބޮޑުމިނަކީ ގާތްގަނޑަކަށް އައްޑުއަތޮޅު ހިތަދޫގެވެސް ބޮޑުމިނެވެ. އަތޮޅުގައި ހިމެނޭ ދެރަށުގެ ތެރެއިން މީހުން އުޅޭ ރަށަކީ މަލިކެވެ. އަދި ވިރިނގިއްޔަކީ އިހުގައި ކަށިވިދުރި ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ބޭނުން ކުރެވުނު ރަށެކެވެ. އެހެންކަމުން ބޭރުގެ ފަރާތްތަކުން އިހުގައި އެރަށަށް "ސްމޯލްޕޮކްސް އައިލެންޑް" ގެނަމުން ކިޔައި އުޅުނެވެ.

މަލިކު ފަޅަކީ ވަރަށް ބޮޑު ފަޅެކެވެ. 10 ވަރަކަށް ކިލޯމީޓަރު ދިގު އަދި އެންމެފުޅާ ހިސާބުން 5 ކިލޯމިޓަރަށް އަރާ މިބޮޑު ފަޅަށް ވަންނަން ޚާއްޞަކޮށްފައިވާ 4 ނެރެއް އޮވެއެވެ. އެއީ އަތޮޅު އުތުރުގައި އޮންނަ "ސާލުމަގު"، "ކަނޑިންމަ މަގު"، އަތޮޅުގެ މައިނެރު ކަމަށްވާ "ނެރުމަގު" އަދި ވިރިނގިއްޔާ ދިމާލުން އޮންނަ "ޗޯރުމަގު" ނުވަތަ "ޕޯޗަންޗޯރު މަގު" މިއެވެ.

މަލިކު ބެހިގެންވަނީ ތަފާތު ސަރަޙައްދު ތަކަކަށެވެ. މިގޮތުން އުތުރުން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދު ތަކަކީ ބޮޑު މަހަރަގަނޑު، ހިކި އަކިރިގަނޑުކޮޅު، ރަށްބުރިވިތަން، މޮޑޭ ގަސްގަނޑު، ރަނަށް ގަތްތަން، ދުރުކޯޑި، މާކަނާ އިއްތާ ގަސްދޮށް، ބޮޑު ހަވަލިގަނޑު، ކޯޑި (އިހުގައި ޖުޒާމްބަލި ޖެހޭ މީހުން ކަރަންޓީނުކުރާ ސަރަހައްދު)، ރުއްގަނޑު ކޮޅު، މައުވަލު، ފައިބެންނަމަގު، ފިޔޮޅު ރިވެތި މަގު، ފަލައްސޭރި، ފާޑިކަލަ، ކުދެހިމަގު، ފުން ހިލޮޅު، ދިހަމަތި، މުރަނބު، ތިރީސްމީހުން ކާލި ކުންނު، ފަންޖެހި ދަނޑި، އަލޫޑި، މާލިޔާ މަގު، ސޭޑިވަލު، ބޮޑުރަށްމެދު، އުޑިއްނަ މަގު، ރަށްމެދު، ހަތަރެއްމަގު، ބޮޑުކޮށި ދޮށް، ބޮޑު އަތިރި، ކަންޑަމާތު މަގު، އައުމަގު، ބާޑަ، ވައިމައްތި، ބޮޑުވަލު، ކުދިންގެ މަގު، އެއްލާމަގު، ފުރެއްދޮށް، ހުޅަނގަށްލާ މަގު، ކަތުރަން ކެއްކި މަގު، އޮޑިވަޅު، އަންދާތު މަގު، ތޭވަރާތު މަގު، ވަގުތޮންޑަގާތު މަގު، ފާކަނާތެރެ، ހައިވަލުމަގު، މުލިމައްތި މަގު، ތޮންޑަގާތު މަގު، މާލިމީ މަގު، ގޮއިފަޅު މަގު، ކަށިމަގު، .ޒިޔާރަތްދޮށް، ކަލޭގެފާނު ގާތް، ކަލޭގެފާނު ފެންގަނޑު، ކޯރު، ރަށްބޭރުފަރާތް އަދި ތުނޑިއެވެ
ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދު އޮންނަނީ ރަށުގެ މެދަށް ވާގޮތަށެވެ. މަލިކުގެ މީހުން ދިރިއުޅޭ ސަރަޙައްދުގެ މަގުތައް ހެދިފައި ނެތުމާއި ގޯތިތައް ޖެހިޖެހިގެން ހުރުމުން އެސަރަޙައްދު އޮންނަނީ ވަރަށްބޮޑަށް ތޮއްޖެހިފައެވެ. ދިވެހިރާއްޖެއަށް ބަލާއިރު އެންމެ ވައްތަރީ ޅ.ނައިފަރުގެ ރަށުތެރެއާއެވެ. މަގުތައްވެސް އޮންނަނީ އެކަހަލަ ގޮތަކަށެވެ. ނަމަވެސް މިސަރަޙައްދު އޮންނަނީ އިތުރު 11 ބަޔަށް ނުވަތަ އަވަށުގެ ގޮތުގައި ބަހާފައެވެ. މިގޮތުން މަލިކުގައި އޮންނަ އަވަށްތަކަކީ ފަލެއްސޭރި، ކުދެހި، ފުންހިލޯޅު، އަލޫޑި، ސޭޑިވަލު، ރަށްމެދު، ބޮޑުއަތިރި، އައުމަގު، ބާޑަ، ކެނޑިޕާޓީ އަދި ވަރަށް ފަހަކުން އުފެދުނު ނިއު ބޮޑުއަތިރިއެވެ.
މަލިކުގައި ދިރިއުޅޭ މީހުންނަށް ބަލާލާއިރު އެބައިމީހުންގެ ނަޞްލަކީ ދިވެހިރާއްޖޭގައި ތިބި އަހުލުވެރިންގެ ނަޞްލުކަން ތާރީޚީ، ޘަޤާފީ އަދި ލުޣަވީ ހެކިތަކުން ޘާބިތުވެއެވެ. މިގޮތުން މަލިކު މީހުންގެ ދޫދޫމަތިން ކިޔަމުން އަންނަ ގޮތުންނަމަ މަލިކުގައި މިހާރު ތިބީ ދިވެހިރާއްޖެއިން އެރަށަށް ހިޖުރަކުރި ކަނބޯރަނިންނާޢި ކޮހޮރަތުކަމަނާއާއި އެބައިމީހުންނާއެކު އައި މީސްމީހުންގެ ދަރިކޮޅެވެ. މިގޮތުން މަލިކު މީހުންގެ އިޖްތިމާޢީ ގިންތިތައް ބެހިފައި އޮންނަގޮތުން ކަނބޯރަނިންނާއި ކޮހޮރަތުކަމަނާގެ ދަރިކޮޅުން އައިމީހުންނަކީ ރަށުގެ ބޮޑުންނެވެ. މިގޮތުން ރަށުގެ ބޮޑުންނަށް ބޭފާނުގެ ގޮތުގައި މުޚާޠަބު ކުރެވޭއިރު އެބައިމީހުންގެ ނަމުގެ ފަހަތަށް މަނިކުފާނު މިނަން އިތުރުކުރެވެއެވެ. މިސާލަކަށް، މޫސާ މަނިކުފާނު ނުވަތަ ޢަލި މަނިކުފާނު ފަދަ ނަންނަމެވެ. އަދި ބޮޑުންގެ އަންހެނުންނަށް ތާދަފާނުގެ ނަމުން މުޚާޠަބު ކުރެވޭއިރު އެބައިމީހުންގެ ނަމުގެ ފަހަތަށް މަނިކަ މިނަން އިތުރުކުރެވެއެވެ. މީގެ މިސާލަކީ އައިޝާ މަނިކަ ނުވަތަ ޙައްވާ މަނިކައެވެ. ދެވަނަ ދަރަޖައަކީ ނިޔަމީންނެވެ. މިބައިމީހުންގެ ފިރިހެނުންނަށް ބޭބެގެ ނަމުން މުޚާޠަބު ކުރެވޭއިރު ނަމުގެ ފަހަތަށް ތަކުރުފާނު މިނަން އިތުރު ކުރެވެއެވެ. މިސާލަކަށް، ޙަސަން ތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނެވެ. އަދި މިބައިމީހުންގެ އަންހެނުންނަށް ދާތިފާނުގެ ނަމުން މުޚާޠަބު ކުރެވޭއިރު ނަމުގެ ފަހަތަށް ބީފާނު އިތުރު ކުރެވެއެވެ. މިސާލަކަށް މަރިޔަމް ބީފާނު، ދޮން ބީފާނު ފަދަ ނަންނަމެވެ. ތިންވަނަ ދަރަޖައިގެ މީހުންނަކީ ކަލާސީން ނުވަތަ މެދުކެނބީންނެވެ. މިބައިމީހުންގެ ފިރިހެނުންނަށް ކާކަގެ ނަމުން މުޚާޠަބު ކުރެވޭއިރު ނަމުގެ ފަހަތަށް ތަކުރު މިނަން އިތުރު ކުރެވެއެވެ. މިސާލަކަށް ޢަލި ތަކުރު ނުވަތަ ޙުސައިން ތަކުރެވެ. މިބައިމީހުންގެ އަންހެނުންނަށް ދާތަގެ ނަމުން މުޚާޠަބު ކުރެވޭއިރު ނަމުގެ ފަހަތަށް ބިބީ އިތުރުކުރެވެއެވެ. މީގެ މިސާލަކީ ޙައްވާބީ ނުވަތަ ޢައިޝާބީއެވެ. ހަތަރުވަނަ ދަރަޖަ ނުވަތަ އެންމެ އާދައިގެ މީހުންނަކީ ރާވެރިންނެވެ. އެބައިމީހުންނަށް މުޚާޠަބުކޮށް އުޅެނީ އެމީހަކަށް ކިޔައިއުޅޭ ނަމަކުންނެވެ. އަދި އެބައިމީހުންގެ ފިރިހެނުންގެ ނަމުގެ ފަހަތަށް ކަލޯ އަދި އަންހެނުންގެ ނަމުގެ ފަހަތަށް ކަނބިލޯ އިތުރު ކުރެވެއެވެ. މީގެ މިސާލަކީ ޙަސަންކަލޯ ނުވަތަ ފާޠިމާ ކަނބިލޯއެވެ. ނަމަވެސް ޒަމާންތައް ފާއިތުވަމުން އައިސް މިހާރު މަލިކު މީހުން މިފަންތިތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

މަލިކު މީހުން އެކަކު އަނެކަކަށް ނަން ކިޔުމުގައި ގޭގެ ނަމާއެކު ބޭނުން ކުރުމަކީ ޢާއްމު ކަމެކެވެ. މިސާލަކަށް މުރައިދުގަނޑުވަރު ޢަލި މަނިކުފާނު، ދިއްދުގޯތި ހުސައިން، ގިރާވަރުގޭ ފާޠިމާ ފަދަ ނަންތައް ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގައިވެސް މިކަން ހިނގަމުން އައިގޮތެވެ. ނަމަވެސް މަލިކު މީހުން ރަސްމީ ލިޔެކިޔުންތަކުގައި ގޭގެ ނަން ލާފައި ބޭނުން ކުރާތީ އިންޑިޔާ މީހުން އެނަންތަކަކީ މަލިކު މީހުން "ސަރނޭމް" އެއްގެގޮތުގައި ބޭނުންކުރާ ނަމެއް ކަމަށްބަލައި ގޭގެ ނަމުން އެބައިމީހުންގެ ލިޔެކިޔުމުގައި ބޭނުން ކުރަމުން އާދެއެވެ. މީގެ މިސާލެއްގެ ގޮތުން ތަކަންދުގޯތި ޙަސަންއަށް މރ.ތަކަންދުގޯތީގެ ގޮތުގައި މުޚާޠަބު ކުރެވޭތަން ބައެއްފަހަރު ފެނެއެވެ.

މަލިކުގައި ހުންނަ ގޯތިގެދޮރަށް ކިޔާ ނަންތަކަށް ބަލާއިރު މަލިކަކީ ދިވެހިރާއްޖޭގެ އެތަންމިތަނުން މީހުންގޮސް ވަޒަންވެރިވެ އުޅުނު ރަށެއްކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. އެހެނީ ދިވެހިރާއްޖޭގައިވެސް މިފަހަކާ ޖެހެންދެންވެސް ކަންހިނގާ މަގަކީ މީހަކު އެމީހާ ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ގޮސް ވަޒަންވެރިވެގެން އުޅޭނަމަ އެމީހާ ދިރުއުޅޭ ގެއަކަށް އެމީހެއްގެ އަސްލު ރަށުގެ ނަމުން ނަން ކިޔަމުން އައިސްފައިވެއެވެ. މިސާލަކަށް ތިނަދޫ މީހަކު މާލޭގައި ވަޒަންވެރިވެގެން ހުންނަ ގެއަށް ތިނަދޫގެ ކިޔުން ހިމެނެއެވެ. މިގޮތުން މަލިކުގައިވެސް އައްޑުގޯތި، މާލޭގެ، ތަކަންދުގޯތި، މާރަންދުގޯތި، ދިއްދޫގެ، ފެންފުށީގެ ފަދަ ނަންނަން ކިޔާ ގެތަކެއް ހުރެފައި މިކަންތައް ދިރާސާކުރާ މީހަކަށް މިގެތަކުގެ އަސްލު ވަޒަންވެރިންނަކީ އެރަށްތަކަށް ނިސްބަތްވާ މީހުންކަން އެނގި ފާޅުވާނެއެވެ.

ލަކްޝަދީޕުގެ އެހެނިހެން ރަށްތަކާ ޚިލާފަށް މަލިކު މީހުން ވާހަކަ ދައްކައި އުޅެނީ ދިވެހި ބަހުންނެވެ. އަދި ލިޔެ ކިޔުމަށް ބޭނުންކުރަނީ ތާނަ އަކުރެވެ. ނަމަވެސް އިންޑިޔާގެ ރަސްމީ އިދާރާތަކުން މަލިކު މީހުންގެ ބަހަށް ކިޔާ ނަމަކީ މަހަލް ބަހެވެ. އަދި މަލިކު މީހުންވެސް މިހާރު އެބަހަށް ކިޔަނީ މަހަލް ބަހެވެ. ބުނެވޭ ގޮތުގައި މަލިކަށް އެއްފަހަރަކު އައި އިނގިރޭސި އޮފިސަރަކު މަލިކު މީހެއްގާތު އެރަށުގެ އަހުލުވެރިންގެ ބަހަކީ ކޮބައިތޯ އެހުމުން އެމީހަކު އެބަހަކީ މަހަލްދީބު ބަސްކަމަށް ބުންޏެވެ. މިގޮތުން އިނގިރޭސި އޮފިސަރަށް ނޯޓު ކުރެވުނީ ހަމައެކަނި މަހަލް ކަމަށްވާތީ އެނަން އެގޮތަށް ދެމިގެން އައިސްފައި އޮތީއެވެ. ކޮންމެއަކަސް މިހާރުވެސް ދިވެހިރާއްޖޭގެ ދައުލަތުގެ ނިޝާނުގެ ތިރީގައި ދިވެހިރާއްޖޭގެ ނަމަކަށް އައްދައުލަތުލް މަހަލްދީބިއްޔާ އޮތުމުން މަހަލް މިބަހުގެ އަސްލަކީ ދިވެހިރާއްޖޭގެ ބަސް ނުވަތަ ދިވެހި ބަސްކަން ސާފުކޮށް އެނގެއެވެ. 1956 ގައި މަލިކު ރަސްމީ ގޮތުން އިންޑިޔާގެ ތަނެއްކަމުގައި ހަމަޖެހުމާއެކު ދިވެހިރާއްޖެއާއި ދެމެދު އޮތް ދަތުރުފަތުރު ކުރުމުގެ ސިލްސިލާ ހުއްޓުމަކަށް އައުމާ ވިދިގެން ދިވެހި ބަހަށް ޒަމާނާއެކު އައި ކުރިއެރުން މަލިކު މީހުންގެ ބަހުރުވައަކަށް ނާދެއެވެ. އަދި މަލިކު އެބައެއްގެ ދަށުގައި އޮންނަ ލަކްޝަދީޕުގެ ބަހަކީ ހޮޅި ބަސް ކަމަށްވެފައިވުމުން މަލިކުގައި ހިންގާ ސަރުކާރު ސްކޫލްތަކުގައި ބޭނުންކުރާ ރަސްމީ ބަހަކަށް ހޮޅި ބަސް ވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މަލިކުގައި ވާހަކަ ދައްކާ ބަހުރުވައަށް ހޮޅި ބަހުގެ އަސަރު އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. މީގެ އިތުރުން އިންޑިޔާގެ މައިބަސް ކަމަށްވާ ހިންދީ ބަހުގެ ނުފޫޒުވެސް މަލިކު ބަހުރުވައަށް ފޯރަފައިވެއެވެ. އެހެންނަމަވެސް ދިވެހިބަހުގެ ބަހުރުވަތަކުގެ ތެރެއިން އައްޑޫ، ފުވައްމުލަކު އަދި ހުވަދޫ ބަހުރުވައާ ޚިލާފަށް މަލިކު ބަހުރުވައިން ދައްކާ ވާހަކަ ޢާއްމު ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް އެއްވެސް އޮޅިމެއްނެތި ސާފުވާހާ ދިވެއްސެވެ. މަލިކުގެ ސްކޫލްތަކުގައި ގްރޭޑް 4 އާހަމައަށް މަހަލްގެ ނަމުގައި ދިވެހިބަސް ކިޔަވައިދެވެއެވެ. މިގޮތުން މަހަލް ބަސް ކިޔަވައި ދިނުމަށް މުދައްރިސުން ތަމްރީނު ކޮށްފައިވަނީ 1991 ވަނަ އަހަރު ހާތަނުގައި އިންޑިޔާ ސަރުކާރާއި ދިވަހި ސަރުކާރާ ގުޅިގެން މާލޭގައެވެ. އޭގެފަހުން މިހާތަނަށް އަދި އެފަދަ އެއްވެސް ކޯހެއް ހިންގިފައެއްނުވެއެވެ.

މަލިކު މީހުން ލައިއުޅުނު ހެދުމަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހަމަ ދިވެހިރާއްޖޭގެ އަޙުލުވެރިންވެސް ލައިއުޅުނު ޒާތްޒާތުގެ ހެދުމެވެ. މިގޮތުން ދާދި ފަހަކާ ޖެހޭންދެން މަލިކު ފިރިހެނުންގެ ޢާއްމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުން އައިސްފައިވަނީ ކަކުލުގެ ތިރިއާ ހަމައަށް އަރާވަރުގެ ކަޅުހަރުވާޅަކާއި އޭގެ މަތިން އަންނަ ހުދުފޮށައެކެވެ. އެބައިމީހުން ފޫޅުން މަތި ނިވާކުރަން އިތުރު އެއްވެސް އެއްޗެއް ނުލައެވެ. ނަމަވެސް ބޮލުގައި ރަތްރުމާލެއް ނުވަތަ ހުދުފޮށައެއްވެސް އަޅައި އުޅުނެވެ. މިއީ 19 ވަނަޤަރުނާއި 20 ވަނަޤަރުނުގެ ކުރީކޮޅުގައި ދިވެހިރާއްޖޭގެ ފިރިހެނުންވެސް ބޭނުންކުރަމުން އައި ހެދުމެވެ. ނަމަވެސް ޢުމުރުން ދުވަސްވީ މަދުބަޔަކު މެނުވީ މިގޮތަށް ހެދުން އަޅައި އުޅޭތަނެއް މިހާރަކު ނުފެނެއެވެ. މިހާރު މަލިކު ގިނަ މުސްކުޅިންގެ ހެދުމަކީ ޢާއްމު ދިވެހި މުސްކުޅިންގެވެސް ހެދުމެވެ. އެއީ ގޮޅިޖެހި މުންޑާއި ގަމީހެވެ. އަދި ޒުވާން ފިރިހެނުން ގަމީހާއި، ފަޓުލޫނާއި، ޖިންސުފަދަ ޒަމާނީ ހެދުންތައް ބޭނުން ކުރެއެވެ. މަލިކު އަންހެނުން އަޅައި އުޅުނު ހެދުމަށްބަލާއިރު ފެންނަނީ 19 ވަނަ ޤަރުނާ ޖެހެންދެން ދިވެހި އަންހެނުން ލައިއުޅުނު ފާޑުގެ ލިބާހެވެ. މިގޮތުން ބޮލުގައި ފައްޓުގަނޑޭ ކިޔާ ކަޅުކުލައިން އޮންނަ ފޮތިކޮޅެއް އަޅައި، ދެކަންފަތުގައި މަތީ ކައިރިން ފެށިގެން ފޫޅުގަނޑާ ޖެހެންދެން މުދިލައި، ދެއަތުގައި ކުޑަހުޅުން ފެށިގެން އުޅަބޮއްޓާ ހަމައަށް އުޅާއަޅައި، ފެހި ނުވަތަ ނޫ މުންޑު އަންދެ، އުނަގަނޑުގައި ފައްޓަރު އަޅައި، އޭގެމަތިން ކަސަބުން ބޯވަޅާއި އަތުކުރި ޖަރީކުރެވިފައިވާ ރަތްލިބާހެއް ލައެވެ. އިސްވެ ދެންނެވުނު ފަދައިން މަލިކު މީހުންގެ ލިބާސް ހުރީ 19 ވަނަ ޤަރުނާ ޖެހެންދެން ދިވެހިން ބޭނުންކުރި ލިބާހާ އެއްގޮތަށެވެ. ނަމަވެސް ޒަމާނާއެކު ދިވެހިލިބާހަށް އައި ބަދަލު މަލިކު ރަތްލިބާހަކަށް ނާދެއެވެ. މިގޮތުން މިއަދާ ޖެހެންދެންވެސް ދިވެހި އަންހެނުން ބޭނުންކުރަމުން އައި ލިބާހުގެ ބޯވަޅު ބޮޑުވެ، ބޯވަޅު ކައިރި ޖަރީކޮށްފައި ހުންނަލެއްވެސް ބޮޑެވެ. ދިވެހިން އަންހެނުންނެކޭ އެއްފަދައިން އެބައިމީހުންގެ ލިބާސް ޖަރީކުރާ ހިރިތައް ގަތަމުން އައިސްފައިވަނީ މަލިކު އަންހެނުން އަމިއްލައަށެވެ. މިގޮތުން އިހުގައި މަލިކު ގެތަކުގައި ގަތަން ބޭނުންކުރާ ސާމާނުވެސް ހުރެއެވެ. ނަމަވެސް ފިރިހެނުންގެ ހެދުން ފަދައިން މަލިކު އަންހެނުންގެ މިހެދުންވެސް ވަނީ މަދު މުސްކުޅިއަކު ނޫނީ ނުލާ ހެދުމަކަށް ވެފައެވެ. މިޒަމާނުގައި މަލިކު އަންހެނުންގެ ޢާއްމު ހެދުމެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ މައުލިބާހޭ ކިޔާ ދިވެހި ދުވަސްވީ މީހުން މިހާރަކަށް އައިސް ލައިއުޅޭ ގަޔަށް ދޫކޮށް އޮންނަ ދިގުހެދުން ފާޑުގެ ހެދުމެކެވެ. އަދި މިހެދުމާއެކު މަލިކު އަންހެނުން އެބައިމީހުންގެ ބޮލުގައި މައުދޮޅިއޭ ކިޔާ ފޮތިގަނޑެއް އަޅައެވެ. މިދެންނެވި މައުލިބާހާއި މައުދޮޅިއަކީ 1940 ގެ އަހަރުތަކުގައި މަލިކުގައި ދިރިއުޅުނު މާލޭ ޝައިޚެއްކަމަށްވާ މަލިންގޭ ޙުސައިން ދީދީ މަލިކަށް ތަޢާރަފު ކުރި ހެދުމެކެވެ. މިހާރު މަލިކުގެ ގިނަ ޒުވާން އަންހެނުން ލައިއުޅެނީ ހަރުވާޅު ހެދުމެވެ. އަދި މިހަރުވާޅު ހެދުން ލަނީވެސް އިންޑިޔާ މީހުން އެހެދުން ލައިއުޅޭ ގޮތަށް ބޯމައްޗަށް ދޯޕައްޓާވެސް ވައްޓާލައިގެންނެވެ. އަދި ސަރުކާރު ވަޒީފާތަކުގައި އުޅޭ ބައެއް އަންހަނުން ސާޅިވެސް އަޅައިއުޅެއެވެ.

މަލިކު ފިރިހެނުންގެ މައިގަނޑު މަސައްކަތަކީ ބޯޓު ދަތުރުކުރުމެވެ. މިގޮތުން މަލިކުގެ ފިރިހެނުންގެ ތެރެއިން 80 އިންސައްތަ މީހުން އިންޑިޔާއާއި ދުނިޔޭގެ އެތަންމިތަނުގެ ބޯޓު ފަހަރުގައި މަސައްކަތް ކުރެއެވެ. މިގޮތުން ދިވެހިރާއްޖޭގެވެސް ވަރަށް ގިނަ ބޯޓުފަހަރުގައި މިފަހަކަށް އައިސް މަލިކުގެ ވަރަށް ގިނަ ޒުވާނުން މަސައްކަތްކުރަމުން އެބައާދެއެވެ. ބޯޓު ދަތުރުކުރުމަށްފަހު މަލިކު މީހުން ދެންކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މަލިކަކީ ދިވެހިރާއްޖެ ފިޔަވައި ދޮށީގެ މަސްވެރިކަމަށް އެންމެ ކުޅަދާނަ ރަށެވެ. މަލިކު މީހުންނަށް ދޮށީގެ މަސްވެރިކަން ވާރުތަކޮށްފައިވަނީ މަލިކުމީހުން އެބަޔަކާއެކު ވެރިކަން ފިޔަވައި ހުރިހާ ކަމެއް ހިއްސާކުރާ ދިވެހިންގެ ކާބަފައިންގެ ފަރާތުންނެވެ. ދިވެހިން ކުރަމުން އައި މިޒަމާންވީ ޘަޤާފީ މަސްވެރިކަން މިއަދުވަނީ މަލިކު މީހުންގެ ފުށުން ލަކްޝަދީޕުގެ އެހެން ރަށްތަކަށްވެސް ގޮސްފައެވެ. މިގޮތުން އިންޑިޔާ ސަރުކާރުގެ ފަރާތުން ލަކްޝަދީޕުގެ އެހެން ރަށްރަށަށް މަލިކު މަސްވެރިން ފޮނުވައިގެން އެބައިމީހުންނަށްވަނީ ދޮށީގެ މަސްވެރިކަން ދަސްކޮށްދީފައެވެ. މިގޮތުން ލަކްޝަދީޕުގެ އާގައްތީއަކީ ދޮށީގެ މަސްވެރިކަމުގައި ކުރިއަރަމުން އަންނަ ރަށެކެވެ. މަލިކު މީހުން އެބައިމީހުން ބާނާ މަހުން ހިކިމަސް ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި މަލިކުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއްވެސް ހުރެއެވެ. މިނޫނަސް ޢާއްމު ދިރިއުޅުމުގެ ބޭނުންތަކަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްވެސް މަލިކު ފިރިހެނުން ކުރެއެވެ. މީގެ އިތުރުން މަލިކު އަންހެނުންނަކީ އެބައިމީހުންގެ މަސައްކަތްތެރިކަމަށް ހިތްވަރާއި ސާބަސް ދޭހާ ކުޅަދާނަބައެކެވެ. މިގޮތުން ރޯނު ވެށުމުން ފެށިގެން ޑޮކްޓަރީކަމާ ހަމައަށް މަލިކުގެ މުޖްތަމަޢުން މަލިކު އަންހެނުންގެ މަސައްކަތްތައް ފެނެއެވެ.

މަލިކުގައި ހުރި ތާރީޚި ތަންތަނަށް ބަލާއިރު އެންމެ މުހިއްމު ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މަލިކު ބައްތިއެވެ. އެބައްތިއަކީ 1885 ގައި އެދުވަސްވަރު އެތެރެވަރީގައި ވެރިކަންކުރަމުން އައި އިނގިރޭސިން މަލިކުގައި ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ހަދާފައިވާ ބައްތިއެކެވެ. 49.5 މީޓަރު އުސް މިބައްތީގެ އަލި 40 ނޯޓިކަލްމޭލަށް ފޯރައެވެ. އެހެންކަމުން ގަލްފުގެ ޤައުމުތަކުން އިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ކަނޑުގެ އުޅަނދުފަހަރަށް މިބައްތިއަކީ ނުހަނު އެހީތެރިކަމެއް ދެމުން އަންނަ ބައްތިއެކެވެ. މިބައްތީގެ އިތުރުން މަލިކުގައި އިހުގައި ދިރިއުޅުނު ބުދިސްޓުންގެ ބައެއް އާޘާރު ކަމަށް ބެލެވޭ ފަސްގަނޑުގަނޑު ހުރެއެވެ. ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި ފަދައިންނެވެ. މީގެ އިތުރުން މަލިކުގައި ވަރަށް ގިނަ ވެޔޮ ނުވަތަ މަލިކު ބަހުން ކިޔާގޮތުންނަމަ ބޮޑުވަޅު ހުރެއެވެ. މަލިކުގައި ދިވެހި ތާރީޚާ ގުޅިފައިވާ ވަރަށް ޚާއްޞަ ތަނެއްވެސް ހުރެއެވެ. ދިވަހި ތާރީޚުގައި ދިވެހިރާއްޖެއަށް ފުށެތިކޭޒީން އަރައި ވެރިކަން ކުރި ދުވަސްވަރު އެބައިމީހުންނާ ދެކޮޅަށް ޖިހާދުކުރެއްވުމަށް ބޮޑުތަކުރުފާނުމެން ނިކުންނެވިއިރު އެތަކުރުފާނުމެންގެ ޢާއިލާތައް ޙިމާޔަތް ކުރެއްވުމަށްޓަކައި މަލިކަށް ގެންދެވިކަމަށް ލިޔެވިފައިވެއެވެ. އަދި ބޮޑުތަކުރުފާނަށްފަހު ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ރަދުން އައްސުލްޠާން އިބްރާހީމް ކަލާފާނުވެސް އުފަންވެވަޑައިގަތީ މަލިކުގައި ކަމަށް ލިޔެވިފައިވެއެވެ. މިގޮތުން ބޮޑުތަކުރުފާނުގެ ޢާއިލާ މަލިކުގައި އުޅުއްވުމަށް މަލިކު މީހުން ބިނާކުރި ގެކަމުގައިވާ "ދިވެހިގަނޑުވަރު" އަދިއަދަށް ދާންދެންވެސް މަލިކުގައި އެބަހުއްޓެވެ. މިއަދު އެގޭގައި ދިރުއުޅެނީ މާލޭގެ ކާކާގެއަށް ނިސްބަތްވާ ޢާއިލާއެކެވެ. އަދި އެގަނޑުވަރާ އިންވެގެން އެތަކުރުފާނަށްޓަކައި މަލިކު މީހުން ބިނާކުރި މިސްކިތްކަމަށްވާ ރާތީބު މިސްކިތޭ ކިޔާ މިސްކިތެއްވެސް މަލިކުގައި ހުރެއެވެ. މީގެ އިތުރުންވެސް މަލިކުގައި ދިވެހިރާއްޖޭގެ ރަސްމަތިފުށުގެ ޢާއިލާތަކަށް ނިސްބަތްވާ ޚާއްޞަ ގެތަކެއް އެބަހުއްޓެވެ. މިގެތަކަށް މަލިކު މީހުން ކިޔަނީ ގަނޑުވަރުގެ ނަމުންނެވެ. މިގޮތުން ގަނޑުވަރު ނަމުން ކިޔާ 15 ގެއެއް މަލިކުގައި އެބަހުއްޓެވެ. އެގެތަކަކީ ދިވެހި ގަނޑުވަރު، ބޮޑު ގަނޑުވަރު، ރަށްމެދު ގަނޑުވަރު، ބޮޑުވައު ގަނޑުވަރު، ޙަސަން މަނިކުފާނު ގަނޑުވަރު، ލޭންދުރަން ގަނޑުވަރު، މުރައިދު ގަނޑުވަރު، ތުއްކަތުރާ ގަނޑުވަރު، ދިހަމައްތި ގަނޑުވަރު، އައު ގަނޑުވަރު، ކެހި ގަނޑުވަރު، އަތިރީ ގަނޑުވަރު، އަލޫޑި ގަނޑުވަރު، އޮޑިވަޅު ގަނޑުވަރު އަދި ވައިމަތި ގަނޑުވަރެވެ. މަލިކުގެ އާޘާރީ ތަންތަން ހޯދަން ބަޔަކު މަސައްކަތްކޮށްފި ނަމަ ވަރަށް އިހުގެ އާޘާރުތައް މަލިކުން ފެނިގެން ދިޔުމަކީ ދުރުކަމަކަށް ނުވާނެއެވެ. އަދި މިކަމަކީ ޚާއްޞަކޮށް ދިވެހި ތާރީޚަށް އައުއަލިކަމެއް ލިއްބައިދޭނެ ކަމަކަށް ވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

މަލިކު މީހުން އެބައިމީހުންގެ ޚާއްޞަ ދުވަސްދުވަހުގައި ކުޅޭ ޚާއްޞަ ޘަޤާފީ ކުޅިވަރުތަކާއި ނެށުންތައް ހިމެނެއެވެ. މިގޮތުން އެންމެ ޚާއްޞަ ނެށުމަކީ ފިރިހެނުންތަކެއް 2 ސަފަކަށް ތިބެ ޚާއްޞަ ހެދުމެއް ލައިގެން ކަރުގައި ބެރު އެލުވައިގެންތިބެ ބެރު ޖަހަމުން އެއާ އެއްވަރަށް ފައިހަމަ ކުރަމުން ރައިވަރާއި ފަރިހި އެއްޗެހި ކިޔަމުން ނަށާ ނެށުމެކެވެ. މީގެ އިތުރުން ދަނޑިޖެހުމާއި، ތާރަޖެހުމާއި، ބަނޑިޔާ ޖެހުމާއި، ފުޅިއާއި އަށިމަތީ ބެރު ފަދަ ނެށުންތައް ހިމެނެއެވެ. ރައިވަރު ކިޔުމަކީވެސް މަލިކު މީހުން ޚާއްޞަ ދުވަސްތަކުގައި ކުރާ ކަމެކެވެ. މަލިކު ބަހުރުވައިން ރައިވަރަށް ކިޔަނީ ތައިވަރެވެ. މީހެ އިތުރުން ޖަހާ ދޯނި ދުއްވުމަކީވެސް މަލިކު މީހުން ޘަޤާފީ ގޮތުން ކުރާ ވަރަށް ޚާއްޞަ އަދި ދިވެހިވަންތަ ކަމެކެވެ.

މަލިކު މީހުން ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ފިރިހެނުންނަށް ޚާއްޞަ ކުޅިވަރާއި އަންހެނުންނަށް ޚާއްޞަ ކުޅިވަރު ހުރެއެވެ. މިގޮތުން ފިރިހެނުންނަށް ޚާއްޞަ ކުޅިވަރުތަކުގެ ތެރޭގައި ފޯލި، ފީބޮނޑި، ހިއްލާބޮނޑި، އޮއްޓު، ވެލާ، އެގޮނބުތަކުރު މިގޮނބަށްލާން، ބުމަރު، ހާނބު، ރަޅައިލާން، ފަންތޮށި ތޫޑުން، ގުޑިއެރުވުން ދޫނި މަޅިޖެހުން، ކަނބިލި މަޅިޖެހުން، އޮޑިއޮޑި، ކަށިކުއުއޮޑި އަދި ދަނޑިކޮ ހިމެނެއެވެ. މީގެ ތެރެއިން ގިނަ ކުޅިވަރުތައް ނުވަތަ ހުރިހާ ކުޅިވަރުތަކަކީވެސް ހަމަމިނަން ނަމުގައި ނުވަތަ އެހެން ނަންނަމުގައި ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގެ ކުޅެމުން އައި ކުޅިވަރުތަކެވެ. އަންހެނުންނަށް ޚާއްޞަކޮށްގެން މަލިކުގައި ކުޅެވޭ ކުޅިވަރުތަކުގެ ތެރޭގައި އެނބުރިއެނބުރިކަނޕަޗޯ، ސީޓު، ތުބީސް، ތަށިބަރި، ބައިގަނޑެތި، ބޮކަބޮކަ، ފަންގަން، މައިނޮޅި، މަތަގޮނޑި، ކުރިކިއްލާ އަދި ފުނައޮއް ފަދަ ދިވެހިރާއްޖޭގައިވެސް ކުޅެވެމުން އައި ކުޅިވަރުތައް ހިމެނެއެވެ.

މަލިކު މީހުންގެ ކާބޯތަކެއްޗަށް ބަލާއިރު ދިވެހިރާއްޖޭގައި ތައްޔާރުކުރާ ދިވެހި ހުރިހާ ވައްތަރެއްގެ ކެއިންބުއިންތައް މަލިކުގައި ދެގޮތެއް ނުވާގޮތަށް ތައްޔާރު ކުރެވެއެވެ. ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މަލިކު މީހުން ހެދިކާއަށް ކިޔަނީ "އައްޕަން" އެވެ. މިގޮތުން މަލިކު މީހުން ހަވީރު ސަޔަށާއި ރޯދަމަހު ރޯދަ ވީއްލުމަށާއި (މަލިކު ބަހުރުވައިން ކޯދޮވުން) ތަރާވީސް ދަމަށް ތަފާތު ބާވަތް ބާވަތުގެ ހެދިކާ ހަދައި އުޅެއެވެ. މީގެ ތެރޭގައި މުގު އައްޕަން، ކިރު ފޮއްޅަ، ހަކުރު ފޮއްޅަ، ރިހާކުރު ފަތަފޮޅި، ހިކިތަވާ، ކީނައްތު، ސަޓަނި އައްޕަން އަދި ބޮޑު އައްޕަން ހިމެނެއެވެ. ބޮޑު އައްޕަނަކީ ކުޅިބޯކިބާއެވެ. އަދި ސަޓަނި އައްޕަނީ ގުޅައެވެ. މީގެ އިތުރުން ގިނަ ދުވަހު ގެންގުޅެވޭ ގޮތަށް ދިވެހިރާއްޖޭގައި ކުދިގުޅަޔާއި ކާޖާ ކަހަލަ އެއްޗެތި ތައްޔާރުކުރާ ގޮތަށް މަލިކު މީހުންވެސް މިފަދަ ތަކެތި ތައްޔާރު ކުރެއެވެ. މިގޮތުން އެބައިމީހުން ތައްޔާރުކުރާ މިބާވަތުގެ އެއްޗެތީގެ ތެރޭގައި ކޮލުދަތް، ތުންއެނބުރި، ބޮންޑަ، ހަރުއައްޕަން ހިމެނެއެވެ. މަލިކު މީހުން ކަނޑުމަހުން ތައްޔާރުކުރާ ލައިގެން ކާތަކެތީގެ ތެރޭގައި ގަރުދިޔަ، ރިހާކުރު، ފޮރެއްޕި ރިހާކުރު، މަސްކަވާބު، ކިރުދިޔަ، ރަތްރިހަ އަދި ހުތްބަށި ރިހަ ހިމެނެއެވެ.

މިއަދުގެ މަލިކުގެ އަހުލުވެރިންގެ އުޅުމާއިބުޅުމަށް ބަލާލާއިރު ފެންނަނީ ހިތާމަ ކުރަންޖެހޭ ވަރުގެ މަންޒަރެކެވެ. މަލިކުން ދުވަހެއް ދުވަހަކަށް ދިވެހިވަންތަކަން ކެނޑެމުން ދަނީއެވެ. އަދި އެކިގޮތްގޮތުން އިންޑިޔާގެ ޘަޤާފީ ނުފޫޒު މަލިކުތެރެއަށް ވަންނަމުން ދަނީއެވެ. މިއަދު މަލިކުގެ ޒުވާން ޢުމުރުގެ ކުދިން ދިވެހި ބަހުން ވާހަކަ ދައްކަނީ ބިދޭސީން ދިވެހި ބަހުން ވާހަކަ ދައްކާ ފަދައިންނެވެ. ބިދޭސީންވެސް ދޭތެރެއަކުން ރަށުބަހެއް ބޭނުންކުރާހެން މަލިކު މީހުން ދިވެހި ބަހުގެ ތެރެއަށް ލަކްޝަދީޕުގެ ރަސްމީ ބަސްކަމަށްވާ ހޮޅިބަސް ނުވަތަ ހިންދީ ބަސް އެއްކޮށްގެން ވާހަކަ ދައްކައި އުޅެއެވެ. މީގެ މިސާލެއްގެ ގޮތުން މިދޭތެރެއަކުން އަޅުގަނޑު މަލިކުގެ ގެއަކަށް ގުޅައިގެން ވާހަކަ ދެއްކުމުގެ ތެރޭގައި އެގޭ މީހަކު ދިވެހި އޮޑިފަހަރު ކުރިން މަލިކަށް އައިސް އުޅޭ ވާހަކަ ދައްކަމުން އޮޑީގެ ބަދަލުގައި ކީނަމަކީ އޯޑަމް އެވެ. އޯޑަމްއަކީ އޮޑިއަށް ހޮޅިބަހުން ކިޔާނަމެވެ. މީގެ އިތުރުން މަލިކު ކުދިން އެބައިމީހުންގެ މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް އިންޑިޔާގައި ގިނަދުވަހު އުޅެންޖެހުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިޔާގެ ތަހުޒީބާއި ފެޝަންތައް މަލިކު ޒުވާނުންގެ ގައިން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިއަދު މަލިކު ޒުވާން ފިރިހެންކުދިންނާއި އަންހެންކުދިން އެބައިމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި ބޯފުނާއެޅުމުގެ ވައްޓަފާޅި ގެންގުޅެނީ އިންޑިޔާގެ އެފުރައިގެ ކުދިންނާ އެއްގޮތަށެވެ. ނަމަވެސް އެބައިމީހުން ޢުމުރުން ދުވަސްވީ މީހުން ދިވެހިރާއްޖޭގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނެކޭ އެއްވެސް ތަފާތެއް ނުހުރެއެވެ.


މިއަދު ދުނިޔޭގެ އެތަންމިތަނަށް ނަޒަރު ހިންގާލާއިރު މިފެންނަނީ އެއްކަހަލަ މަންޒަރު ތަކެކެވެ. އުތުރު ކޮރެއާގައިވެސް އުޅެނީ ކޮރެއާ ނަސްލުގެ މީހުންނެވެ. އަދި ދެކުނު ކޮރެއާގައިވެސް އުޅެނީ ކޮރެއާ ނަސްލުގެ މީހުންނެވެ. ނަމަވެސް އެއީ 2 ޤައުމެކެވެ. އިންޑިޔާގެ ޓަމިލްނާޑޫގައާއި ސްރީލަންކާގެ އުތުރުގައިވެސް އުޅެނީ ތަމަޅައިންނެވެ. ހަމަ އެއްނަސްލެއް އެއްބަހެއްގެ އަހުލުވެރިންނެވެ. ތަފާތަކީ 2 ޤައުމެއްކަމެވެ. މަލިކަކީ ޖިއޮގްރަފީގެ ގޮތުން، ތާރީޚީ ގޮތުން، ނަސްލީ ގޮތުން، ޘަޤާފީ ގޮތުން، ބަހުގެ ގޮތުން ދިވެހި ރަށެކެވެ. ނަމަވެސް އެއީ ދިވެހިރާއްޖޭގެ ރަށެއް ނޫނެވެ. އެއީ އިންޑިޔާގެ ލަކްޝަދީޕުގެ ރަށެކެވެ. ތާރީޚުގެ ތެރެއިން ދިވެހިރާއްޖޭގެ ސަރަޙައްދަކީ މަލިކައްޑޫ މިދެމެދު ކަމަށް ކިޔުނު ދުވަސްވަރެއް ދިޔަނަމަވެސް މިއަދު ދިވެހިރާއްޖޭގެ ސަރަޙައްދަކީ ތިލައައްޑޫއެވެ. އާދެ! ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅާ ދެމެދެވެ.

މަނަދޫ ސޭކުބޭ ވާހަކަ


ކުރީ ޒަމާނުގައި ހުކުރު، ހޯމަ ވިލޭރޭ ތަކުގައި އެބޭކަލަކު އެ އެނދު ދާންމަތިކޮޅުގައި އަވަހާރަފުޅު ލައްޕަވަން ވަޑައިގަންނަވާ ކަމަށް ބުނެވެއެވެ. އެރޭތަކުގައި އެ ގޭގައި އުޅޭ އެންމެން ނިދަން ތިބޭނީ އެތެރިގެބައިގައި، ދޮރުލައްޕާ ތަންޑުއަޅައިގެންނެވެ. އެބޭކަލެއްގެ މަރަވަޅި ކޮޅުގެ " ޓޮއްޓޮއް " އަޑު އިވެން ފެށުމާއެކު މުޅި ގޭތެރޭގައި މީރު ހުނވަދެއްގެވަސް ފެތުރިގެންދެއެވެ. އަނެއް ދުވަހު ބަލާއިރު އެނދު ދާންމަތިކޮޅުގައި އެބޭކަލަކު އަވަހާރަ ލެއްޕެވިކަމުގެ ނިޝާންތައް ފެންނަން ހުރެއެވެ. ބެޓްޝީޓަށް ހުންނަނީ ރޫޖެހިފައެވެ. ބާލީސްތަކާއި ކަންނެތޮތަކުގެ ތަރުތީބު ހުންނަނީ ގެއްލިފައެވެ.

އެރޭރޭގައި ދިއްލާފައިހުންނަ ބައްތި ރީތިކޮށް ފޮހެ، ސާފުކޮށްފައިނެތިއްޔާ ބައްތި ނިވާލައްވާނެއެވެ. އަދި ތަންމަތިކޮޅު ރީތިކޮށް އަޅާފައި ނެތިއްޔާ ބެޑްޝީޓް އޮންނާނީ ބިންމައްޗަށް އެއްލާލާފައެވެ. ބުނެވޭގޮތުގައި އެރޭރޭ ރަށުގެ އެކި ހިސާބުތަކުގައި އެބޭކަލަކު ހިންގެވި އަޑު އިވުނު އެތައް ބަޔަކު ތިބެއެވެ.

މިއީ " މަނަދޫ ސޭކުބޭ " ވާހަކައެވެ. ތުންތުންމަތިން ކިޔެމުންއައި " ސޭކުބޭ ވާހަކަ " ގައި މިހާތަނަށް އައިއިރު ކިޔުމުގައި ޚިލާފުތަކެއް ހުރިނަމަވެސް މައިގަނޑު ވާހަކައަކީ އެއް ވާހަކައެކެވެ. ހާދިސާތައް ދާދިއެއްގޮތެވެ. ބުނެވޭ ގޮތުގައި ސޭކުބޭ ތުއްޕުޅުއިރު އެދުރުގެ ތަކަށް ފޮނުވައިގެން އުޅެވެސް ކިޔަވާ ވިދާޅުވާގޮތެއް ނުވިއެވެ. އާދަވެގެން ބޮޑެތިވަމުން އަންނަ ކުދިންނާއެކު މޫދަށް އެރިވަޑައިގެން ކުޅިވަރު ކުޅުއްވާ ހެއްދެވުމުގެ ބަދަލުގައި ސޭކުބޭ ވެވަޑައިގަތީ ބަސްމަދު، ގިނަ ވަގުތު އެކަނިވެރިކޮށް ވަގުތުތައް ހޭދަކުރައްވާ ބޭކަލެކެވެ. ދުވާލުގެ ގިނަ ވަގުތުތައް ހޭދަކުރައްވަނީ ވަލުތެރޭގައެވެ. ސޭކުބޭގެ މި އާދަޔާ ޚިލާފު މަޑުމައިރި މިޒާޖުފުޅުގެ ސަބަބުން އެހެން މީހުން ދެކެންފެށީ އެބޭފުޅާއަކީ " ސޭކު ކުއްޖެއް " ކަމަށެވެ. އާދެ! މޮޔަ ކުއްޖެއް ކަމަށެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އެއްރެއަކު އަވަހާރަފުޅުގައި ސޭކުބޭ ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާ އަޑު އިވިއްޖެއެވެ. މިކަންތައް ތަކުރާރުވާން ފެށުމުން އެކަމަކީ ބޮޑު އަޖައިބަކަށް ވެއްޖެއެވެ. ޤުރުއާނުގެ އަލިފެއްހާ މިންވަރުވެސް އެދުރުގެއަކުން އުނގެނިވަޑައިގެންފައި ނުވާތީ އާއި އެހާ ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވާތީއެވެ.

އެއްދުވަހަކު ސޭކުބޭ ގޭގައި ވަޑައިގެން ނެތިސް އޭނާގެ ފޮށިކޮޅު ބަޔަކު ހުޅުވާ ބެލިއިރު އެފޮށިކޮޅުން ފެނުނު ކަމަށްވަނީ ޤުރުއާން ޚަތިމެކެވެ. އެ ޚަލިމް ލިޔެފައިއޮތީ މަގޫފަތްތަކެއްގައެވެ. އެދުވަހަށްފަހު ސޭކުބޭ އާއިމެދު މީހުން ދެކެމުން އައިގޮތް މުޅީން ބަދަލުވީ ކަމަށް ބުނެއެވެ.

ރަބީޢުލްއައްވަލު މަހެއްގެ ބާރަވަނަ ދުވަހެވެ. ގޭގޭގައި ދުޢާ އާއި ޞަލަވާތް ފާތިހާ ކިޔަމުން ގެންދިޔައެވެ. މިގޮތުން ގެއެއްގައި ޞަލަވާތް ކިޔަވާ ވިދާޅުވާން ސޭކުބޭ ވަޑައިގެންނެވިއެވެ. އިތުރު ދެމީހަކާއެކު ޞަލަވާތް ކިޔަވާ ވިދާޅުވަން އިންނަވާފައި ކުއްލިއަކަށް ޞަލަވާތް ކިޔަވަން އަރާތިއްބެވި ބޮޑު އައްޓާއި ފާރާ ދޭތެރެއަށް އަތްޕުޅު ލައްވައިފިއެވެ. އިރުކޮޅެއް ފަހުން އަތްޕުޅު ނެންގެވިއިރު ފެންތިކި ޖަހައެވެ. ތިޔަ ކުރެއްވީ ކޮންކަމެއްތޯ ސުވާލު ކުރުމުން ވިދާޅުވިކަމަށްވަނީ ކާށިދޫ ބޮޑު ކަނޑުގައި ދަތުރުކުރަމުންދިޔަ ބަޔަކު ކަނޑުވެގެން އެބައިމީހުން ސަލާމަތް ކުރެއްވީ ކަމުގައެވެ. އެހެން ވިދާޅުވުމުން މީހުންތައް އެވާހަކަ ޔަޤީން ކުރުމަށް އަތްޕުޅުގައިލަނީ ލޮނު ރަހަތޯ ބަލާ ހެދިކަމަށްވެއެވެ. ބުނެވޭ ގޮތުގައި އެފެންތިކިތަކުން ލީ ސޭކުބޭ ވިދާޅުވި ފަދައިން ހަމަ ލޮނު ރަހައެވެ.

އެހެން ހާދިސާއެކެވެ. މާލެ އަންނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ހދ. ކުޅުދުއްފުށީ ދޯންޏެއް މަނަދޫގައި ބަނދަރު ޖަހައިފިއެވެ. މި މީހުން ފައިބާ ބޯފެންލާ ހެދިއިރު މޫސުން ރަނގަޅުވެ، އުޑުމަތި ސާފުވެއްޖެއެވެ. މިބައި މީހުން ފުރަން އުޅެނިކޮށް ސޭކުބޭ ވަޑައިގެން މާލެ ގެންގޮސް ދިނުމަށް އެދިވަޑައިގަތެވެ. އެމީހުންނަށް އެއީ ކޮންބޭކަލެއްކަން ނޭނގުމުގެ ސަބަބުން ކޮންމެވެސް ބަހަނާއެއް ދައްކާފައި މާލެ ގެންގޮސް ދޭކަށް އެއްބަހެއް ނުވިއެވެ. މި ދޯނިމީހުން ފުރަންވެގެން ލޮތާރި ( ނަގިލި ) ނަގަން އުޅެއުޅެ އެކަންވާގޮތެއް ނުވިއެވެ. މޫދުގެ އަޑީގައި ދޮންވެލިގަނޑު މަތީގައި ރީތިކޮށް ނަގިލި ފެންނަން އޮވެ، ނަގިލި ހިލޭގޮތް ނުވުމުން އެބައިމީހުން ވަރަށް ބިރުގަނެގެން އެއްގަމަށް ފައިބާ މިވާހަކަ ދައްކަން ފަށައިފިއެވެ. ރަށުގެ މީހުންގެ ފުށުން އެނގުނުގޮތުގައި އެގޮތަށް އެދިމާވީ ސޭކުބޭ އެއޮޑިން މާލެ ގެންދާން އެބައިމީހުން އެއްބަސް ނުވުމުންނެވެ. އަވަސް އަވަހަށް އެބައިމީހުން ސޭކުބޭ އަރިހަށްގޮސް މާފަށްއެދި، މާލެ ގެންގޮސް ދިނުމަށް އެބަސްވެ ހިތްހަލާލު ހޯދައިފިއެވެ. ނަމަވެސް އެއޮޑިން މާލެ ވަޑައިގެންނެވުމަކަށް ސޭކުބޭ އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. ވަރަށް ނިޔާމަ ދަތުރަކަށްފަހު އެދޯނި މާލެ ގޮސްފިއެވެ. އެމީހުން މާލެ އައިއިރު ސޭކުބޭ ވަޑައިގެން ހުންނެވީ މާލޭ އަތިރިމަތީގައެވެ. ބުނެވޭގޮތުގައި ސޭކުބޭ މާލެ ވަޑައިގެންނެވީ ކަޅުހިލަ ދައެއްގައެވެ.

ހުކުރުވިލޭރެއެއްގައި ދެނަމާދު ދޭތެރެ ވަގުތު ( ޢިޝާނަމާދާއި ނަޣުރިބް ނަމާދާއި ދެމެދު ) ގައި އެއް ފުރައެއްގެ ކުދިންތަކަކާއެކު ރުޤިއްޔާވެސް ދިޔައީ މަޣުރިބް ނަމާދުކޮށްގެން ގެއަށް ޔާސީން ކިޔަވާށެވެ. އެވަގުތަކީ އާންމުކޮށް ގޭގޭގައި ކުޑަކުދިން ޔާސީން ސޫރަތް ކިޔަވާ ވަގުތުކަމަށްވާތީ ރަށުގެ އެކި ހިސާބުތަކުން ކީރިތި ޤުރުއާންގެ އަޑު އިވިއިވި ހުއްޓެވެ. ކުއްލިއަކަށް ސޭކުބޭމެންގެ އަސްކަނި ދޮށުގައި ހުދުހެދުމެއްގައި ހުންނެވި ބޭކަލަކު ރުޤިއްޔާއަށް ފެނިއްޖެއެވެ. އޭރު ރުޤިއްޔާގެ ޢުމުރުންވާނީ ދިހަވަރަކަށް އަހަރުކަމަށްވާތީ ކުއްލިއަކަށް ބިރުގަންނަ ގޮތްވެގެން އަޅާ އިތިކޮށް ދުވެއްޖެއެވެ. ބުނެވޭގޮތުގައި ސޭކުބޭ އަރިހަށް އައުމަށް ރުޤިއްޔާއަށް އިޝާރާތް ކުރެއްވީ ޤުރުއާން ކިޔަވާ ވިދާޅުވެ ދެއްވާށެވެ. ނަމަވެސް ބިރުގަންލެއް ބޮޑޫކަމުން އެކުޑަ ކުއްޖާ ފިލީއެވެ. ބުނެވޭ ގޮތުގައި އެކުއްޖާ ބިރު ނުގަނެ ސޭކުބޭ އަރިހަށް ދިޔަނަމަ އެކުއްޖާވީހީ ޤުރުއާން ހިތުދަސް ކުއްޖަކަށެވެ. ނަމަވެސް މިހެން ކަންތައް ދިމާވުމުން އެކުއްޖާވީ ވަރަށް ބޮޑަށް މަސައްކަތް ކޮށްވެސް އުމުރު ދުވަހަށްވެސް ޤުރުއާން ޚަތިމް ނުކުރެވުނު މީހަކަށެވެ. ފަހުން މި ރުޤިއްޔާއަށް ކިޔުނީ ރުގީދައިތަ ކަމަށް ބުނެވެއެވެ.

ސޭކުބޭގެ ދާންމަތިކޮޅު ނުވަތަ މަގާންކޮޅު ކަމަށް ބުނެވޭ އެނދެއް ދާދި ފަހަކާ ޖެހެންދެންވެސް ނ. މަނަދޫ ކިހިފިނިފެންމާގޭގައި ހުއްޓެވެ. އެ މަގާމުކޮޅު ޒީނަތްތެރި ކޮށްފައިހުރީ ވަށައިގެން ގާތްގާތުގއި ކޮޅަށް ޖަހާފައިހުރި ސާފު ހުދުކުލައިގެ ފޮތި ދިދަތަކަކުންނެވެ. އެނދުގެ ވަޑައިގެން ޖަހާފައިހުރި މިދެންނެވި ދިދަ ތަކުގެ އިތުރުން ތަންމަތި އަޅާފައި ހުންނަނީވެސް ހުދު ކުލައިގެ ބެޑްޝީޓުންނެވެ. ތުނި ނަރު ގޮދަނޑިއެއް ދާންމަތި ކޮޅުގައި އޮވެއެވެ. ބާލީސްތަކުގެ އުރަތަކުގެ ކުލައަކީވެސް ސާފު ހުދުކުލައެވެ. އަބަދުވެސް ދާންމަތި ކޮޅުގައި ޚަތިމެއް ބާއްވާފައި އޮވެއެވެ. އަދި ނަދުރުބުނެގެން ނަދުރުފުއްދުމަށް ގެނެސް ބަހައްޓާފައިހުންނަ ގަހަނާގެ ބާވަތްތައް ނެތްއިރެއް ނުދެއެވެ. އެދާންމަތި ކޮޅުގައި އެއްވެސް މީހަކު އޮށޯވެ، އިށީނދެ ހެދުމަކީ މުޅިން މަނާކަމަކެވެ. އެދާންމަތިކޮޅު އެބޭކަލަކަށް ނިސްބަތްވާ ވަލީވެރި ބޭކަލެއް ކަމަށް ބުނެވޭ މަނަދޫ ސޭކުބޭ ފަސްދާނު ވެޑުވިފައިވަނީ ބުނެވޭގޮތުގައި މާލޭ ހުކުރު މިސްކިތް ދޮށުގައެވެ.
ސޭކުބޭ އާއި ބެހޭގޮތުން ތުންތުންމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތަކަށް ބަލާއިރު ކުރީ ޒަމާނުގައި ރާއްޖޭގައި މިފަދަ " ވަލީވެރިން ބޭކަލުން " ނޭ ކިޔައިގެން ފެތުރިފައިވާ ވާހަކަތަކާ ވަރަށް އެއްގޮތްކަން ފާހަގަކުރެވެއެވެ. މިފަދަ ވާހަކަތަކުގައި ޚުރާފާތުގެބައި ބޮޑުކަމުން މިހާރަކު މިފަދަ ވާހަކަތައް ޤަބޫލުކުރާ ބަޔަކު މަނަދޫއަކުންވެސް ނުފެނެއެވެ. ތުންތުންމަތިން ދެކެވެމުންއައި މި ވާހަކައަކީ މިހާވަރެއްގެ ހަގީގަތެއްހުރި ވާހަކައެއް ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

1989 ވަނަ އަހަރުގެ ތެރޭގައި މިދެންނެވި ސޭކުބޭގެ " މަގާންކޮޅު" ނަގާ ތަންސާފު ކުރެވުނެވެ. އެމަގާންކޮޅު ނުވަތަ އެނދުދާންމަތިކޮޅު ހަދާފައިހުރި އެނދު، މަނަދޫ ހިކިފިނިފެންމާގެއިން ނެރެގެން ގެންދެވުނީ މަނަދޫ ލިލީމާގެއަށެވެ. ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގެ ދަރިވަރުން މުޙަންމަދު ތަކުރުފާނުގެ ވާހަކައަށް ތަމްސީލެއް ކުޅުމަށް ކުރީ ޒަމާނުގެ އެނދެއް ނުލިބިގެން މި އެނދު ބޭނުން ކުރިއެވެ. އެ ތަމްސީލުގައި އެ އެނދުގައި އިށީނުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ.

މިއީ ފޯކްލޯރެއް ކަމުން މި ވާހަކައިގައި ތާރީޚީ ހަގީގަތްތަކެއް ކޮންމެވެސް ވަރަކަށް ހުރުމަކީ ވެދާނެ ކަމެކެވެ. މި ވާހަކަ އަޅުގަނޑު ލިޔެފައި މިވަނީ މަނަދޫގައި ތިބި ދުވަސްވީ މީހުންގެ ކައިރިން އަހާ އޮޅުންފިލުވައިގެން އެމީހުންގެ ވާހަކަތަކުގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ. ވާހަކައިގައި ރުޤިއްޔާއެއްގެ ވާހަކަ އާދެއެވެ. އެއީ ކޮން ރުޤިއްޔާއެއް ކަމެއް ނޭނގެއެވެ. މީގެ އިތުރުން މި ވާހަކަ ލިޔުމުގައި މީހުން ސޭކުބޭގެ ސިފައާއިމެދު ދައްކާ ވާހަކަތައް ވާނީ އުނިކޮށްފައެވެ. ސޭކުބޭ ސިފަކަމަށް ގިނަ މީހުން ކިޔައދޭ ސިފައަކީ އާދައިގެ އާދަމުގެ ދަރިއަކަށް ނިސްބަތްކުރާވަރަށްވުރެ މާބޮޑު މީހެއްގެ ސިފަކަމަށް ބެލެވެއެވެ. މިގޮތުން ސޭކުބޭގެ ދަތްޕިލާގެ ދަތެއް މާޅިސްކެޔޮ ވަކެއްވަރު ވާކަމަށްވެސް ބުނެވެއެވެ. މިހސާބުން ސޭކުބޭގެ ވާހަކަ ނިމުނީ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެކަމަކު މިލިޔުމުގައި އަޅުގަނޑަށް ސޭކުބޭގެ ޙަޔާތްޕުޅާބެހޭ ގޮތުން ހޯދުނު މަޢުލޫމާތެއް ހުރިހަމަ މިވަނީ ހިމަނާފައެވެ. ( ނިމުނީ )


ނޯޓް: މި ވާހަކަ ލިޔެ ފުރަތަމަ ޝާއިޢުކުރެވުނީ އުދަރެސް މަޖައްލާގެ 35 ވަނަ އަދަދުގައި ( 17 ޖުލައި 2001 ) ގައެވެ. މަނަދޫ ހިކިފިނިފެންމާގޭ އަލްފާޟިލް އިބްރާހިމް ޢަބްދުޞަމަދަށް މިހާރު ބައެއް މީހުން "ސޭކުބޭ" ކިޔަސް މަނަދޫގައި އުޅުއްވި ވަލީވެރިބޭކަލެއް ކަމަށް ބުނެވޭ މަނަދޫ ސޭކުބެއަކީ އޭނާއެއްނޫނެވެ.

ދިވެހި ޖުމްހޫރިއްޔާގެ ރައީސުން 1


މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށާއި، ދިވެހި ދައުލަތަށް އަގުހުރި އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އަމިއްލަ ދިރިއުޅުން

ނަސަބު

މުޙައްމަދު އަމީން އަކީ ހުރާގޭ ޚާންދާނުގެ އެއްގޮފި ކަމުގައި ހިމެނޭ އަތިރީގޭ އާއިލާގެ ބޭފުޅެކެވެ. އެއީ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެއަޙުމަދު ދޮށިމޭނާ ކިލެގެފާނު ގެ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެ. މަންމައަކީ ރޯނުގޭ އިބްރާހީމް ދީދީގެ ޢައިޝަތު ދީދީ އެވެ. މުޙައްމަދު އަމީން އުފަންވެ ވަޑައިގަތީ 20 ޖުލައި 1910 ގައި މާލޭގައެވެ. އެއީ ހިޖުރީގޮތުން 13 ރަޖަބު 1328 ގައެވެ.

މުޙައްމަދު އަމީންގެ ދައްތައަކީ އާމިނަތު އަމީން ދީދީ އެވެ. ކޮއްކޮ އަކީ މަރިޔަމް އަމީން ދީދީ އެވެ. މަރިޔަމް އަމީން ދީދީ އުފަންވެ ވަޑައިގަތީ ހިޖުރައިން 1337 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުއެވެ.

ޒަވާޖީ ޙަޔާތް

މުޙައްމަދު އަމީން ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންގެ ދަރިކަނބަލުން ފާޠިމަތު ސަޢީދު އާއެވެ. ފާޠިމަތު ސަޢީދުގެ ފަރާތުން މުޙައްމަދު އަމީން އަށް 3 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އޭނާ އަވަހާރަވިއިރު ދުނިޔޭގައި އިންނެވީ އެންމެ ބޭފުޅެކެވެ. އެއީ ފާޠިމަތު ސަޢީދުގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އައްނަބީލާ އަމީނާ މުޙައްމަދު އަމީން އެވެ.

މުޙައްމަދު އަމީން ދެވަނަ އަށް ކައިވެނި ބައްލަވައިގަތީ އަލްވަޒީރު ޙަސަން ފާމުލަދޭރި ތަކުރުފާނުގެ އާމިނާ ދީދީ އާއެވެ. މިބަނޑުފުޅުން ބޭފުޅަކު ލިބިވަޑައި ނުގެން އެއަނބިކަނބަލުން ވަރިކުރެއްވިއެވެ. މުޙައްމަދު އަމީން ތިންވަނައަށް ކައިވެނި ބައްލަވައިގަތީ ހެންވޭރުގޭ މުޙައްމަދު ޢަބުދުއް ޞަމަދު ދީދީގެ ޒުބައިދާ މުޙައްމަދު ދީދީ އާއެވެ. މިބަނޑުފުޅުން ވެސް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ.

ހަޔާތުގެ ކުރީކޮޅު

މުޙައްމަދު އަމީންގެ ތުއްޕުޅުއިރު ނުވަތަ ޅައުމުރުފުރާ ހޭދަކުރެއްވީ އޭނާގެ މަންމައާއި ބައްޕަގެ އަރިހުގައި އަތިރީގޭ އާގޭގައެވެ. އެއީ އޭނާގެ ކާފަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެވެ. މުޙައްމަދު އަމީންގެ ފުރަތަމަ ފިލާވަޅުތަކުގެ ބައިވެރިޔަކީ، ކުޅިވަރުތަކުގެ އެހީތެރިޔަކީ، އަދި ދުވަހަކު ވަކިނުވާ ރަފީގާ އަކީ އޭނާގެ ދައްތަ އާމިނަތު އަމީން ދީދީ އެވެ.

މުހައްމަދު އަމީން އާއި، އޭނާގެ ދައްތަ އާމިނަތު އަމީންގެ ޢުމުރުގެ ތަފާތަކީ 11 މަސް ދުވަހެވެ. އެހެންކަމުން އެދެބޭފުޅުން ބޮޑުވަމުން އައީ އެކުއެކީގައެވެ. އާމިނަތު އަމީން އަކީ މުހައްމަދު އަމީންގެ ބައްޕައާއި މަންމަގެ 4 ވަނަ ބޭފުޅާއެވެ. 3 ވަނަ އަށް ލިބުނު ދައްތަ ފާތިމަތު ދީދީ އަވަހާރަވީ އުމުރުން 10 އަހަރުގައެވެ.

މުޙައްމަދު އަމީން ޅަދުވަހު ކުޅުއްވި ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވަލުތެރޭގައި ރޭސް ދުއްވުން އެވެ. އަނެއް ކަމަކީ އަތިރީ އާގޭގައި އޮންނަ ބާދަގަނޑު އުދުނެއް ދޯންޏަކަށް ހަދައިގެން އެދުއްވުމެވެ. ތިންވަނަ ކަމަކީ ދިރިއުޅުމުގައި ފެންނަ ތަފާތު މަންޒަރުތައް ތަމްސީލެއްގެ ގޮތުގައި ކުޅުމެވެ. އެގޮތުން އެންމެ ގިނައިން ތަމްސީލު ކުރެވޭ މަންޒަރަކީ މާލޭ ޕޯސްޓް އޮފީހުގައި ސިޓީ ބަހާ މަންޒަރެވެ. ބައެއް މަންޒަރުތައް ތަމްސީލް ކުރާއިރު އިގިރޭސި ނުވަތަ ހިންދީ ބަހުން ވާހަކަ ދައްކައި ހަދައެވެ.

މުހައްމަދު އަމީން އާއެކު ތުއްޕުޅު އިރު ކުޅެން އުޅުނު ކުދިންގެ ތެރޭގައި ކަނޑިގޭ ދޮންމަނިކެ، މާބަނޑޭރި އަހުމަދު މަނިކުގެ މަންމަ ނޫރުއް ނަހާރު، މަލިން ކަލޭގެފާނުގެ މުޙައްމަދު ފުޅު، އަދި ދޮން ޙުސައިން ތުއްތުގެ ތިއްތި ކަމަނަ، އަދި ކަނޑިގޭ ޒަކަރިއްޔާގެ އަންހެން ކުއްޖެކެވެ.

މުޙައްމަދު ޚިތާން ކޮށްދެއްވީ މިލަދޫގެ އަލިމަނިކު އެވެ. މުޙައްމަދު އަމީން އާއެކު އެކުގައި ޚިތާން ކުރެއްވި ކުދިންނަކީ ބުޗާގޭ ކަޅުތުއްތުގެ ދޮންމަނިކު އާއި، ސަލާމް ޔޫސުފް ފުޅުގެ އަލިފުޅެވެ.

ތުއްޕުޅު އިރު މުޙައްމަދު އަމީން އެންމެ ބިރުފުޅު ގަންނަނީ ކުރަފި ދެކެއެވެ. އެންމެ ފުރަތަމަ މުޙައްމަދު އަމީން އަރާ ވަޑައިގަތް މަނަވަރަކީ ސިލޯނުގެ އެޗް އެމް އެސް ކޯމަސް ކިޔާ މަނަވަރެކެވެ. މިމަނަވަރު މާލެއައީ 21 ޖެނުއަރީ 1920 ގައެވެ. އެންމެ ފުރަތަމަ ކަނޑުމައްޗަށް އެރީ ވިހަމަނާފުށި ނުވަތަ ކުރުބާ ވިލެޖަށް ދިއުމަށްޓަކައެވެ. ވިހަމަނާފުއްޓަށް ދިޔައީ އަތިރީގޭގައި އޮންނަ ހައްދުއްމަތީ ދޯނިކޮޅު އޭ ކިޔޭ ދޯނިކޮޅުގައެވެ. އެކުގައި ވަޑައިގަތީ ބައްޕަ އަދި ތިއްތި ބޭބެ އެވެ.

ފާހަގަކުރެވޭ ސިފަތައް

މުޙައްމަދު އަމީން އަކީ ހަށިކޮޅު ރީތި، ގައިކޮޅުގެ ކުލަދޮން، މުރާލިފުޅު ކަމުގައި ދިވެހިންގެ ތެރެއިން އެފަދަ މީހަކު ނުފެންނަފަދަ ލާމަސީލު މިސާލެކެވެ. އަމިއްލަފުޅު ގޮތުން އަދަބީ ކަންތައްތަކަށާއި، ތާރީޚަށާއި، ގައުމީ ވިޔަފާރިއަށާއި، އަދި ޒަމާނުގެ އެކިއެކި ކުޅިވަރުތަކަށް، ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެކެވެ. ވާހަކަ ދެއްކެވުމާއި، ލިޔުއްވުމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާޢިރެކެވެ. މިއުޒިކަށް ލޯބިކުރެއްވި ބޭފުޅެކެވެ. ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ހިތްވަރުގަދަ ޒަޢީމެކެވެ. ދިވެހިރާއްޖޭގައި އުފެއްދި އެންމެ އަގުހުރި އަބްޠާލުންގެ ތެރެއިން އެއް ބަޠަލެވެ. މިޒަމާނުގެ ދިވެހި ރަށްވެހިކަމުގެ ހަގީގީ ބައްޕަ އެވެ.

ތަޢުލީމް ޙާޞިލްކުރެއްވުން

މުޙައްމަދު އަމީން އާއި އެބޭފުޅާގެ ދައްތަ އާމިނަތު އަމީން އަށް އެންމެ ފުރަތަމަ ހިސާބު،އުރުދޫ، އަދި ގުރުއާން އުގަންނައިދެއްވީ އަލްފާޟިލް ބުޗާ ކަޅުތުއްތު އެވެ. ގުރުއާން ކިޔެވުން އޮންނަނީ ހެދުނު 9 ޖަހާއިރު އެވެ. ގަޑިއެއް ހާއިރު ވަންދެން ގުރުއާން ކިޔެވުން އޮވެއެވެ. ހަވީރު 4 ޖަހާއިރު އޮންނަނީ އުރުދޫ، އަދި ހިސާބު ކިޔެވުމެވެ. އިގިރޭސި އުނގެނުމަށްޓަކައި ކުޑަކުޑަ އޭބީސީޑީ ފޮތެއް ފުރަތަމަ ހަދިޔާއަކަށް މުޙައްމަދު އަމީން ފޮނުއްވީ އޭރު ބަންގާޅުގައި ތަޢުލީމް ޙާޞިލްކުރެއްވުމަށް ހުންނެވި އިސްމާޢީލް ކަލޭފާނުގެ ތުއްތު އެވެ. މުޙައްމަދު އަމީންގެ އިގިރޭސި ބަހުގެ ފުރަތަމަ އެދުރަކީ ބައްޕާފުޅު އަޙުމަދު ދޮށިމޭނާ ކިލެގެފާނު އެވެ.

އަލްފާޟިލް ބުޗާގެ ކަޅުތުއްތު އަށްފަހު ދެން މުޙައްމަދު އަމީންގެ އެދުރަކީ އައްޑޫ ހިތަދޫ ޙުސައިން ރަހާ އެވެ. ނުވަތަ އައްޝައިޚް ޙުސައިން ރަހާ އަލްއަޒްހަރީ އެވެ. އޭގެ ފަހުން އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނު އެވެ.

މުޙައްމަދު އަމީންގެ ޢުމުރުން 10 އަހަރުގައި އިގިރޭސި ތަޢުލީމް ހޯއްދެވުމަށް ސްރީލަންކާ އަށް ވަޑައިގެން ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ސެންޓް ޖޯސެފް ކޮލެޖަށް ވެދެވަޑައިގެންނެވި އެވެ. ސިލޯނަށް ދިއުމަށް ފުރާވަޑައިގަތީ ހިޖުރައިން 1338 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ސިލޯނަށް ވަޑައިގަތީ ލޭޑީ މެކްކޮލަމް ކިޔާ މަނަވަރެއްގައެވެ. އެކަށީގެންވާ މުއްދަތަކަށް ފަހު ސެންޓް ޖޯންސް ކޮލެޖްގައި ވެސް ދުވަސްތަކެއް ހޭދަކުރެއްވި އެވެ. ސްރީލަންކާގައި މުޙައްމަދު އަމީންގެ ބެލެނެވެރިޔަކީ އޭނާގެ ބޮޑުބޭބެ އަދި އޭރު ކޮލަމްބޯގައި ހުންނެވި ދިވެހި ސަފީރު އައްނަބީލް ޢަބުދުލް ޙަމީދު ދީދީ އެވެ. އިގިރޭސި ބަހުގެ ތަޢުލީމް ވަކިވަރަކަށް ޙާޞިލް ކުރެއްވުމަށްފަހު، ދެންވަޑައިގަތީ އިންޑިޔާގެ އަލީގަޅު ޔުނިވަސިޓީ އަށެވެ. އެތަނުން މެޓްރިކިއުލޭޝަން އިމްތިޙާނުން ފާސްވެ ވަޑައިގަތެވެ. އޭގެ ފަހުން އޭރު ދައުލަތް ހިންގެވުމާއި ޙަވާލުވެ ހުންނެވި އަލް އަމީރު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ލަފާފުޅުގެ މަތީން ކިޔަވާ ވިދާޅުވުން އެހިސާބުން ހުއްޓަވައިލައްވާ ރާއްޖެއަށް ވަޑައިގަތީ އެވެ.

ސެންޓް ޖޯސެފްސް ކޮލެޖްގައި

ސިލޯނުގެ ސެންޓް ޖޯސެފްސް ކޮލެޖްއަށް މުޙައްމަދު އަމީން ވެދެވަޑައިގަތީ 25 މާރޗް 1921 ގައެވެ. އެއީ އެކޮލެޖަށް 25 އަހަރު ފުރުނުތަނާ އެވެ. މިބުނި ކޮލެޖަކީ އީސާއީ ދީނުގެ ރޯމަން ކެތޮލިކް މަޛުހަބު ގެ ފަރާތުން ހިންގާ ކޮލެޖެކެވެ. އެކޮލެޖް އުފައްދާފައިވަނީ 1896 ވަނަ އަހަރު އެވެ. އެއީ އޭރު ސިލޯނުގައި ހުންނެވި އެމަޛުހަބުގެ އެންމެ ބޮޑުވެރިޔާ އާރޗް ބިޝޮޕްގެ ހިންމަތާއި މިއްނެތް މަސައްކަތުންނެވެ. އެކޮލެޖް ހުޅުވާފައިވަނީ މާރޗް 2 1896 ގައެވެ. ކޮލެޖްގެ ފުރަތަމަ ނާޒިރަކީ ފާދަރ ކޮލިންސް އެވެ.

މުޙައްމަދު އަމީން ސެންޓް ޖޯސެފްސް ދާން ފެއްޓިއިރު އެކޮލެޖްގައި ތިބެނީ 2000 އެއްހާ ކުދިންނެވެ. އޭރު ކޮލެޖްގެ ނާޒިރަކީ ރެވަރަންޑް ފާދަރ އެމްޖޭ ލެގޮކް އެވެ. މުޙައްމަދު އަމީން އަށް ވަދެވުނީ އެއްވަނަ ކްލާސްތަކުގެތެރެއިން ޚާއްޞަ ކްލާސް އަކަށެވެ. ފުރަތަމަ މުދައްރިސާ އަކީ 18 ވަރަކަށް އަހަރުގެ ސިންގަޅަ އަންހެން ކުއްޖެކެވެ. މިސް އެން ކާރނަރ އެވެ. ކްލާހުގައި ގާތްގަނޑަކަށް 30 ކުދިން ތިބެއެވެ.
ސެންޓް ޖޯސެފްސް ކޮލެޖުގައި މުޙައްމަދު އަމީން އާއި ފުރަތަމަ ރަހުމަތްތެރިވި ދެދަރިވަރުންނަކީ އޭރު ސެންޓް ޖޯސެފްސް ކޮލެޖްގެ ކްރިކެޓް ޓީމްގެ ކެޕްޓަން ލޭނާރޑް ޖަޔާ ވަޑޯނާ އެވެ. ފަހުން އޭނާ އަކީ ނިގަންބޫގެ ވަކީލު އެވެ. އަނެއް ރަހުމަތްތެރިއަކީ ބާރޓް ވެންލަން ގަންބާރގް އެވެ. އެއީ ފަހުން ސިލޯނުގެ ތިޖާރާ މަހްކަމާގެ ވެރިޔާ އެވެ.

މުޙައްމަދު އަމީން އުގެނުނު ދުވަސްވަރު އަބަދުވެސް ކްލާހުގެ މަތިން ވަނައެއް ހޯއްދަވައެވެ. އެންމެ ޚާއްޞަ ކަމެއް ދެއްވީ އިގިރޭސި ބަސް، ބޮޓަނީ، ކެމިސްޓްރީ، ކުރެހުން މިމާއްދާތަކުގެ މައްޗަށެވެ. ސެންޓް ޖޯސެފްސް ކޮލެޖް އިން ވަކިވީ 15 މާރޗް 1926 ވީ ހޯމަ ދުވަހުއެވެ. އެއަށްފަހު ވެދެވަޑައިގަތީ އެއަށްފަހު ވެދެވަޑައިގަތީ ސިލޯނުގެ ޕާނަދުރާގައި ހުންނަ ސެންޓް ޖޯންސް ކޮލެޖް އަށެވެ.

ސެންޓް ޖޯންސް ކޮލެޖްގައި

ސެންޓް ޖޯސެފްސް ކޮލެޖް އިން ވަކިވީ 15 މާރޗް 1926 ވީ ހޯމަ ދުވަހުއެވެ. އެއަށްފަހު ވެދެވަޑައިގަތީ ސިލޯނުގެ ޕާނަދުރާގައި ހުންނަ ސެންޓް ޖޯންސް ކޮލެޖް އަށެވެ. ސެންޓް ޖޯންސް ކޮލެޖަކީ ޢީސާއީ ދީނުގެ ޕްރޮޓެސްޓެންޓް މަޛުހަބުގެ ފަރާތުން ހުޅުވި ސުކޫލެކެވެ. ފުރަތަމަ ވަކި 3 ބައެއް ހިގަމުން ދިޔަ މިކޮލެޖް ފަހުން ވެފައިވަނީ ސިލޯނުގައި އަންހެންކުދިންނާއި ފިރިހެންކުދިން އެއްކޮށްގެން ކިޔަވައިދޭން ފެށި ފުރަތަމަ ކޮލެޖް ކަމުގައެވެ. ސެންޓް ޖޯންސް ކޮލެޖްގައި މުޙައްމަދު އަމީން 3 އަހަރު ވަރު ހޭދަކުރެއްވި އެވެ.

ސެންޓް ޖޯންސް ކޮލެޖްގައި ވާހަކަ ދައްކަން ދަސްކޮށްދޭ ޖަމްޢިއްޔާގެ ސެކެޓްރީކަމަށް މުޙައްމަދު އަމީން އިންތިޚާބުކުރީ އެކޮލެޖަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އަދި އެކޮލެޖްގެ ކުދިން ނެރޭ ބާޒު ކިޔާ މަޖައްލާއެއްގެ އެޑިޓަރ ކަން ވެސް ލިބިވަޑައިގަތެވެ. އަދި ސެންޓް ޖޯންސް ކޮލެޖް އިން ވަކިވުމުގެ ކުރިން އެސްކޫލްގެ އިސް މުރުޝިދެއްގެ މަގާމް ވެސް ލިބިވަޑައިގަތެވެ.

ސެންޓް ޖޯންސް ކޮލެޖްގައި ފުޓްބޯޅަ، ކްރިކެޓް އަދި ބޮކްސިންގ ގައި މުޙައްމަދު އަމީން ބައިވެރިވެ ލެއްވިއެވެ. ބޮކްސިންގ ގައި ފެހި އަދި ހުދުކުލައިގެ ގަމީސް ލުމުގެ ފަޚްރު ހޯއްދެވިއެވެ. ސުކޫލްގައި ކުޅުނު ކޮންމެ ތަމްސީލެއްގައި އެއް މުމައްސިލަކު ކަމުގައި ވިއެވެ. އެސްކޫލްގެ ބޯއީ ސްކައުޓުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެވެ. ސެންޓް ޖޯންސް ކޮލެޖަށް ވަތްތަނާ މުޙައްމަދު އަމީނަށް ދީނިއްޔާތު ކިޔަވައި ދިނުމަށްޓަކައި އައްޝައިޚް ޢަބުދުއް ޞަމަދު އޭނާގެ ތުއްތުބޭބެ ހޯއްދަވައި ދެއްވި އެވެ.

މުޙައްމަދު އަމީން ކޭމްބްރިޖް ސީނިއަރ އިމްތިހާން ހެއްދެވީ ސެންޓް ޖޯންސް ކޮލެޖްގައި އުޅެމުންނެވެ. ސެންޓް ޖޯންސް ކޮލެޖްގެ ސުކޫލް ބައިގައި އުޅުނު އިރު އެއްއަހަރު ފިޔަވައި ދެން ކޮންމެ އަހަރަކު ޑަބަލް ޕްރޮމޯޝަން މުޙައްމަދު އަމީން ހޯއްދެވި އެވެ. ސެންޓް ޖޯންސް ކޮލެޖް އިން މުޙައްމަދު އަމީން ވަކިވެޑައިގަތީ ހިޖުރައިން 1347 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 15 ދުވަހު އެވެ.

އަލީގަޅު ޔުނިވަސިޓީގައި

ސިލޯނުން އިންޑިޔާގެ އަލީގަޅު ޔުނިވަސިޓީ އަށް ކިޔަވަން ދިއުމަށް ފުރީ ރޭލުގައެވެ. އެއީ 27 ރަބީޢުލް އާޚިރު 1347 ގައެވެ. އިންޑިޔާ އަށް ދިޔައީ ބަންގާޅު މަގުންނެވެ. އޭރުގެ ބަންގާޅުގެ ބައެއްގޮތުގައި އޮތް ކަލްކަތާ އަށް މުޙައްމަދު އަމީން މެން ދަތުރުކުރި ރޭލު ދިޔައީ ހެދުނުގެ ވަގުތެއްގައެވެ. ބަންގާޅުން ދެން ދިޔައީ އިންޑިޔާގެ ލަކަނޫ އަށެވެ.

މުޙައްމަދު އަމީން ދީދީ އަލީގަޅު ޔުނިވަސިޓީއަށް ވަނީ އަލްފާޟިލް އަޙުމަދު ކާމިލްދީދީގެ އެހީތެރިކަމާ އެކުގައެވެ. އަލީގަޅު ޔުނިވަސިޓީގައި އަހަރަކާ އެތަކެއް މަހެން ވަންދެން މުހައްމަދު އަމީން އުޅުއްވި އެވެ. އެއުޅުމުގެ ތެރޭގައި ލަންޑަން މެޓްރިކިޔުލޭޝަން ޓެސްޓުން ފާސްވުމުގެ އިތުރުން، އިންޓަރ ސައިންކްލާހުގެ އިމްތިހާނުންވެސް ފާސްވިއެވެ.

އަލީގަޅު ޔުނިވަސިޓީގައި މުޙައްމަދު އަމީން ވަނީ ތަފާތު ހަރަކާތްތަކުގައި ވެސް ބައިވެރި ވެފައެވެ. އެގޮތުން އިންޑިޔާގެ ޔުނިވަސިޓީ ތަކުގެ މެދުގައި ބޭއްވި ބަހުސް ކުރުމުގެ މުބާރާތުގައި އަލީގަޅު ޔުނިވަސިޓީގެ ފަރާތުން ބައިވެރިވުމުގެ ފަޚްރު ހޯއްދެވިއެވެ. އަދި އެއަހަރު ބަހުސް މުބާރާތުން 1 ވަނަ އެކޮލެޖް ހޯދިއެވެ. ޔުނިވަސިޓީ ތަކުގެ ތަމްސީލް މުބާރާތުގެ 1 ވަނަ މުމައްސިލުގެ މަގާމް ވެސް މުޙައްމަދު އަމީން ހޯއްދެވިއެވެ. އެކަމުގެ މުނާސަބާގައި ރަންމެޑެލްގެ 6 މެޑެއްޔާއި، ރިހި މެޑެލްގެ 2 މެޑެލް ލިބިލެއްވި އެވެ. އަލީގަޅު ޔުނިވަސިޓީގައި މުޙައްމަދު އަމީން ހުންނެވި ދުވަސްވަރު ދިރިއުޅުއްވީ މިންޓޯގެ ކިޔާ ބޯޑިންގ ގައެވެ.

ކޮޅުނބުގައި

މަތީ ތަޢުލީމް ޙާޞިލްކުރުމަށް މުޙައްމަދު އަމީން ސިލޯނަށް ދިއުމަށް ފުރާވަޑައިގަތީ ހިޖުރައިން 1338 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ސިލޯނަށް ވަޑައިގަތީ ލޭޑީ މެކްކޮލަމް ކިޔާ މަނަވަރެއްގައެވެ. ލޭޑީ މެކްކޮލަމް ކޮޅުނބުގެ ބަދަރަށްވަނީ 1 ޖުމާދިލް އާޚިރު 1338 ގެ ވީ ހޮނިހިރުވިލޭރޭ މެންދަމެއް ހާއިރު އެވެ. އެއީ 21 ފެބުރުއަރީ 1920 އެވެ. މުޙައްމަދު އަމީން ސިލޯން ގައި ފުރަތަމަ ހުންނެވި ގެޔަށް ކިޔަނީ އައިވަންހޯ އެވެ.

ކޮޅުނބުގެ މަގުތައް ބަލާލުމުގެ ފުރުޞަތު މުޙައްމަދު އަމީން އަށް ލިބިވަޑައިގަތީ ކޮޅުނބަށް ދިޔަ ދުވަހުގެ ފަހު ދުވަހު އެވެ. އެދުވަހު މުޙައްމަދު އަމީންގެ ތުއްތުބޭބެ އާއެކު ކާރު ދުއްވާލުމަށް ނިކުމެ ވަޑައިގަތެވެ. އެދުވަހުގެ ވަޑައިގަތީ ސިލޯނުގެ ނުގޭ ގޮޑާ ކިޔާ އަވަށެއްގައި ހުންނަ މިރިހާނާ ވަލައްވާ ކިޔާ ގެއަކަށެވެ. އެދުވަހު އެގެއިން އުމުރުން 19 ދުވަސްވީ ކުއްޖަކު އުރާލެއްވި އެވެ. މިބުނި ކުއްޖަކީ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ފާތިމަތު އިބްރާހީމް ދީދީ އެވެ.

ކޮޅުނބުގައި ފުރަތަމަ މުޙައްމަދު އަމީނަށް ކިޔަވާދިނުމަށް އޭނާގެ ތުއްތުބޭބެ ގެނެސްދެއްވި މާސްޓަރ އަކީ ސެންޓް ޖޯސެފްސް ކޮލެޖްގައި ކިޔަވާ ދެއްވާ ބޭފުޅެއްކަމުގައިވާ ސިސިލް އޭ ސްޕްލެޓްސް ވިންޑް އެވެ. ގޭގައި ކިޔަވައި ދޭތާ އަހަރެއްވީތަނާ ސެންޓް ޖޯސެފްސް ކޮލެޖަށް ވަނުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

ސިޔާސީ ޙަޔާތް

މުޙައްމަދު އަމީންގެ ޙަޔާތުގެ ކުރީކޮޅަކީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލުމަށް މަސައްކަތް ކުރެވެމުން ދިޔަ ދުވަސްވަރެކެވެ. 1932 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ޑްރާފްޓް ކުރެއްވި ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މުޙައްމަދު އަމީން މަސައްކަތް ކުރައްވާފައި ވެއެވެ. 1943 ވަނަ އަހަރު އޭރު ރަސްކަލަކަށް ހުންނެވި ރަސްކަލުން ރަސްކަމުން ދުރުވެވަޑައިގަތުމާއި، އަދި ދެވަނަ ބޮޑު ހަގުރާމަ ދުނިޔޭގައި ފެށުމާއެކު ދިވެހި ފަސްގަނޑުގައި ވެސް ސިޔާސީ އަރާރުންތަކާއި ކޯޅުންތައް އިތުރުވެގެން ދިޔައެވެ. އެހެންކަމުން ދިވެހި ގައުމު އޮތީ ގައުމު ހިންގާނޭ ސިޔާސީ ލީޑަރަކަށް ބޭނުންވެފައެވެ. އޭރު ކޮޅުބުގައި ހުންނެވި އަބުދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު އަށް ވެސް ވެރިކަމާއި ހަވާލުވުމަށް މާލެ ވަޑައިގަތުމަށް ދައުވަތު އެރުވުނެވެ.

ނާދީ ތަމައްދުން ގައި ބޭއްވުނު އެތަކެއް ބައްދަލުވުން ތަކަށްފަހު ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ރައްޔިތުންގެ މުތަގައްދިމު ޕާޓީ އުފައްދެވި އެވެ. އަދި އެޕާޓީގެ އިސްކޮށް ތިއްބެވި މެންބަރުންނަށް ފެނިވަޑައިގަތީ މުޙައްމަދު އަމީން ދިވެހިރާއްޖޭގެ ވެރިކަމަށް އިސްވެ ވަޑައިގަތުމަށެވެ.

އެއަށްފަހު ކުރެވުނު ތަފާތު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވުނެވެ. އަދި އެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން އިސްކުރެވުނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެއްގެ ގޮތުން ރައީސްކަން 7 މަހާއި 26 ދުވަސް ވަންދެން މުޙައްމަދު އަމީން ކުރައްވާފައި ވެއެވެ. މުޙައްމަދު އަމީންގެ ދައުރުގައި ނާއިބު ރައީސެއްގެ ގޮތުން ހުންނެވީ ވެލާނާގެ އަލްފާޟިލް އިބްރާހީމް ދީދީ އެވެ.

ސިޔާސީ ގޮތުން މުޙައްމަދު އަމީން ކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގައިވާ އެއްބަސްވުން އާކުރެއްވުން، އުތުރުގައި އުފެދުނު ވަރަށް ވަރުގަދަ ހަމަނުޖެހުމެއް ހަމަޖެއްސެވުން، އައްޑު އަތޮޅުގައި އުފެދުނު ފިތުނަވެރިކަމެއް ހަމަޖައްސަވާ ޞުލްޙަ ކުރެއްވުން ހިމެނެއެވެ.

ވެރިކަމުގެ ފެށުމާއި ނިމުން

ލިޔެވިފައިވާ ތާރީކުތަކުން ފެންނަގޮތުގައި މުޙައްމަދު އަމީން ދައުލަތް ހިންގެވުމާއި ޙަވާލުވެ ވަޑައިގަތީ އޭރު އޮތް ވަޒީރުންގެ މަޖުލީހުން ޙަސަން ފަރީދު ދީދީއަށް ޗުއްޓީއެއް އެރުއްވުމަށް ފާސްކުރެއްވި ފާސްކުރެއްވުމާއި ގުޅިގެން، ވަޒީރުއް ދާޚިލިއްޔާގެ ގާއިމް މަގާމް ގެ ނަމުގައެވެ. އެއަށްފަހު ޙަސަން ފަރީދު ދީދީ ހުންނެވި ކޮޅުބުގައެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވީ މިޞްރު ގައެވެ. ބުނެވޭ ގޮތުގައި މުޙައްމަދު އަމީން ވެރިކަން ހިންގަވަން އުޅުއްވީ އެދެބޭފުޅުންގެ ލަފާ ލިބިވަޑައިގަންނަވާ ގޮތެއްގައެވެ.

ކޮންމެ އަކަސް ޙަސަން ފަރީދު ދީދީ އަށް އެވީގޮތެއްވަންދެން ( ދިވެހި ދައުލަތުން ރަސްމީކޮށް ގަބޫލުކޮށްފައިވަނީ ޙަސަން ފަރީދު ދީދީ ދަތުރުކުރެއްވި އެޗްއެމްއެސް މާލޮއީ ޖަޕާނުގެ ސަބްމެރީނަކުން ޓްރޮޕިޓޯ ޖަހައި ހަލާކުކޮށްލީ ކަމަށެވެ. އެހާދިސާގެ ތެރޭގައި ޚަބަރެއް ނެތި އަވަހާރަވީ ކަމުގައެވެ.) މުޙައްމަދު އަމީން ހުންނެވީ އަލްއަމީރު ޙަސަން ފަރީދު ދީދީގެ އަމުރުގެ ދަށުގައެވެ. އެއަށްފަހު އަލްއަމީރު ޢަބުދުލް މަޖީދު ދީދީގެ ނަޞޭހަތާއި ލަފާފުޅު ގަބޫލު ކުރައްވަން ޖެހޭ ގޮތެއްގައެވެ.

ރާއްޖޭގެ ރަސްކަމަށް ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އިސްވެ ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި އެކިލެގެފާނު އަވަހާރަވުމުން ދައުލަތް ހިންގުމުގެ ހަގީގީ ބާރާއި މަސްއޫލިއްޔަތު މުހައްމަދު އަމީންގެ ކޮނޑުފުޅުގައި އެޅިއްޖެއެވެ. ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވީ 21 ފެބުރުއަރީ 1952 ގައި ސިލޯނުގެ ކޮޅުބުގައެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވުނެވެ. އަދި އެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން އިސްކުރެވުނެވެ.

މުޙައްމަދު އަމީންގެ ވެރިކަމުގެ ނިމުމުގެ ސަބަބެއް ކަމުގައި މަޝްހޫރު ލިޔުންތެރިޔާ އަދި އަދީބު އިބްރާހީމް ޝިހާބު ދެކިލައްވަނީ އަންނަނިވި ކަންތައްތަކެވެ. އޭގެ ތެރޭގައި ވެރިކަމުގެ އެންމެ އެތެރޭގައި އުފެދުނު ނޭއްގާނީ ކަމާއި، ހިތް ނުބައިކަން، އަދި ވެރިކަމުގެ ފަހުކޮޅު މުޙައްމަދު އަމީނަށް ޖެހިވަޑައިގަތް ދެއާލާސްކަންފުޅެއްގެ ތެރޭގައި ދިވެހި ދައުލަތް ހިންގަން ނުކުޅެދުން ހިމެނެއެވެ.

އިބްރާހީމް ޝިހާބު ދެކިލައްވާގޮތުގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް އައުމަށް ޢާންމު ބައެއް ސަބަބުތަކާއި ، ޚާއްޞަ ސަބަބުތަކެއް ހިމެނެއެވެ. ޢާންމު ބައެއް ސަބަބަކީ އޭރު ފާސްކުރެއްވި ހިންގާލެވުނު ބައެއް ގާނޫނު ތަކެވެ. އެގާނޫނު ތަކާއި ގުޅިގެން ކަންހިގަމުންދިޔަ ޢަމަލީ ގޮތެވެ. އެކަމަށް ރާއްޖޭގެ ރައްޔިތުން ތަރުޙީބު ދިނުމުގެ ބަދަލުގައި ހިތް ނުބައިވަމުން ދިޔަ ދިޔުމެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވި ބޮޑު ތަދާއި ދަތިކަމެވެ. އިގްތިޞާދީ މަސްއަލަ ތަކެވެ. ޚާއްޞަ ބައެއް ސަބަބުތަކަކީ ވެރިކަމުގެ އެތެރޭގައި އެކަކު އަނެކަކާ ދެމެދު ހިތް ނުބައިވުމެވެ. ދެވަނަ ސަބަބަކީ ވަކި ދަރިކޮޅަކަށް ނިސްބަތްވެވޭގޮތަށްތިބި، ޒުވާނުންގެ ބަޔަކާއި، އެވެރިކަމާ ދެމެދު އޮތް ވިސްނުން ނުބައިވުމަކާއި، ނަފްރަތް ތެރި ކަމެކެވެ.

ކޮންމެ އަކަސް ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ ނިމިގެންދިޔައީ ރާއްޖޭގެ ސިޔާސީ ޙަޔާތުން އެފަދަ ކުލަތަކެއް ފެނުމަށް ނޭދޭ ފަދަ ގޮތަކަށެވެ. އެކަން ހިނގީ 21 އޮގަސްޓް 1953 ވީ ހުކުރު ދުވަހު ގުޅަކުޅޭ ފަސްގަނޑަށް މާލޭގެ ރައްޔިތުން އެއްވި އެއްވުމަކާއި ގުޅިގެންނެވެ. އެއީ ހިޖުރައިން 1372 ވަނަ އަހަރުގެ ޛުލްޙައްޖާ މަހުގެ 11 ވަނަ ދުވަހު އެވެ. ބައެއް ލިޔުންތަކުގައި އެކަން ހިނގީ 31 ޑިސެމްބަރ 1953 ވީ ބުރާސްފަތި ދުވަހުގެރޭގައި ކަމަށް ވެސް ލިޔެފައި ވެއެވެ.

ތަކުރާރުކޮށް ދަންނަވާނަމަ މުޙައްމަދު އަމީންގެ ވެރިކަމަށް ނިމުން ގެނައީ އެތައް ސަބަބުތަކެއް އެއްވެގެންނެވެ. ކުރިމަތިވީ ބޮޑު ތަދުގެ ދަތިކަމެވެ. ވެރިކަން ދެމެހެއްޓުމަށް އެއްބާރުލާންޖެހޭ ބައެއްގެ އެއްބާރުލުން ކެނޑުމެވެ. އަދި މުހައްމަދު އަމީންގެ އާލާސް ކަންފުޅާއި ދިވެހިންގެ ރުހުން ގެއްލޭފަދަ ގޮތެއްގައި ހިނގި ބައެއް ކަންތައްތައް އެސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ.

ގައުމީ ޚިދުމަތް

ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ހެދި މަޖުލިސްގައި ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މެންބަރުކަން 1932 ވަނަ އަހަރު މުޙައްމަދު އަމީން އަށް ލިބިލައްވާފައި ވެއެވެ. މިކަމުގެ އިތުރަށް އޭނާ އަދާކުރެއްވި ވަޒީފާ އަކީ ރަދުންގެ ކާތިބުއްސިއްރުގެ ނާއިބު ކަމާއި، ކަސްޓަމާއި ޕޯސްޓް އޮފީހުގެ ނާއިބުކަމެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ގާނޫނީ ސަރުކާރުގައި މުޙައްމަދު އަމީން ހިމެނިވަޑައިގަތީ އެސަރުކާރުގެ ވަޒީރުއްތިޖާރާ ކަމުގައެވެ. މިދެންނެވި މަގާމްގެ އިތުރަށް އޭނާ ފުރުއްވި ވަޒީފާތަކުގެ ތެރޭގައި ވަޒީރުލް މަޢާރިފްކަން، މަޙްކަމަތުލް އަޝްޣާލްގެ ވެރިކަން، ކާތިބުއްސިއްރުކަން، ކަސްޓަމާއި ޕޯސްޓްގެ ވެރިކަން، ރައްޔިތުން މަޖުލީހުގެ މެންބަރުކަމާއި ޒަޢީމްކަން، ވަޒީރުލް ޚާރިޖިއްޔާކަމާއި، ވަޒީރުއް ދާޚިލިއްޔާކަން، މަޙްކަމަތުލް އަމަން ޢާންމުގެ ވެރިކަން، ސިފައިންގެ ވެރިޔާކަމާއި، ވަޒީރުލް އަޢުޒަމްކަން ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސުލް ޖުމުހޫރިއްޔާގެ މަޤާމްގައި ވެސް ހުންނެވީ އެކަލޭގެފާނު އެވެ. ކިލެގެކަން ލިބިވަޑައިގަތީ 19 ޖުމާދިލް އާޚިރު 1367 ގައެވެ.

ދައުލަތުގެ ވަޒީފާތައް އަދާކުރެއްވުމުގެ ތެރޭގައި ވަރަށް ބޮޑެތި ގައުމީ ޚިދުމަތްތައް އޭނާ އަދާކުރައްވާ، އޭގެ ކުރީގައި ދުވަހަކުވެސް ރާއްޖެ ނުދެކޭ އިޞްލާޙުތައް ގެންނަވާފައި ވެއެވެ. ޚާއްޞަކޮށް ހަނގުރާމައިގެ ދުވަސްވަރު އޭނާ ރާއްޖެއަށް އަދާކުރެއްވި ޚިދުމަތްތަކާއި، ތަޢުލީމަށާއި، ދިވެހި ތާރީޚަށާއި، ބަހަށް އަދާކުރެއްވި ޚިދުމަތްތަކަކީ ދިވެހި ތާރީޚްގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާޅުވެގެންވާ ކަންތައްތަކެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ގާނޫނީ ހުކޫމަތެއްގެ ދަށުން ދިވެހި ސަރުކާރު ހިންގަވަން ފެއްޓެވުން، ތަޢުލީމް މުޅިރާއްޖެއަށް ޢާންމު ކުރެއްވުން، ދުނިޔޭގެ މިޒަމާނުގެ ތަހުޒީބުގެ ތެރެއަށް ދިވެހިރާއްޖެ ނެރުއްވުން، ދިވެހި ބަހާއި އަދަބަށް އައު ދިރުމެއް ގެންނެވުން، ބައިނަލް އަޤުވާމީ ދުނިޔެއަށް ދިވެހިރާއްޖެ ނެރެދެއްވުން، ގައުމީ ވިޔަފާރި ދިވެހިންގެ އަތްމައްޗަށް ގެންނެވުން ފަދަ މުހިއްމު ކަންތައްތައް ފާހަގަކޮށްލަން ޖެހެއެވެ.

ސިޔާސީ ގޮތުން މުޙައްމަދު އަމީން ކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގައިވާ އެއްބަސްވުން އާކުރެއްވުން، އުތުރުގައި އުފެދުނު ވަރަށް ވަރުގަދަ ހަމަނުޖެހުމެއް ހަމަޖެއްސެވުން، އައްޑު އަތޮޅުގައި އުފެދުނު ފިތުނަވެރިކަމެއް ހަމަޖައްސަވާ ޞުލްޙަ ކުރެއްވުން ހިމެނެއެވެ.

ކުރެއްވި ބައެއް ޚިދުމަތްތައް

* ކަރުދާހުގެ ފައިސާ އުފެއްދެވުން
* މަޖީދީ ކުތުބުޚާނާ އުފެއްދެވުން
* ނާދީ ތަމައްދުން އުފެއްދެވުން
* ގައުމީ ނިޝާން އުފެއްދެވުން
* ގައުމީ ސަލާމް އުފެއްދެވުން
* ޓެލެފޯންގެ ޚިދުމަތް ތަޢާރަފްކުރުން
* ވަޔަރލެސް އޮފީހެއް ގާއިމުކުރެއްވުން


* މާލޭގެ ހަތަރު އަވަށުގައި 4 ފުޓްބޯޅަ ދަނޑު ހެއްދެވުން
* ދާރުލް އިގާމާގެ ނަމުގައި ހޮސްޓެލް އެއް ބިނާކުރެއްވުން
* ބޭރަށް ކިޔަވަން ދިއުމަށް ސްކޮލަރޝިޕް ދޭން ފެށުން
* މާލެއަށް ކަރަންޓު ދޭންފެށުން
* ދިވެހިރާއްޖޭގެ ގައުމީ ވިޔަފާރި ކުންފުނި ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުން
* 28 ނޮވެންބަރު 1944 ގައި މަދަރުސަތުއް ސަނިއްޔާގެ ނަމުގައި މިހާރުގެ އަމީނިއްޔާ ސުކޫލް ހުޅުވުން
* މާލޭގެ ހަތަރު އަވަށުގައި މަދަރުސާތައް އުފެއްދެވުން
* ބަރުލަމާން އަށް މެންބަރުން އިންތިޚާބުކުރަން ފެށުން

އަދާކުރެއްވި ބައެއް ވަޒީފާތައް

* 1932 - ގާނޫނު އަސާސީ ޑްރާފްޓްކުރާ ކޮމެޓީގެ މެންބަރުކަން ލިބުން
* ރަދުންގެ ކާތިބުއްސިއްރުގެ ނާއިބުކަން
* ކަސްޓަމްގެ ނާއިބުކަން
* ޕޯސްޓް އޮފީހުގެ ނާއިބުކަން
* ވަޒީރުއް ތިޖާރާކަން
* ވަޒީރުލް މަޢާރިފް ކަން
* މަޙްކަމަތުލް އަޝްޣާލްގެ ވެރިޔާކަން
* ކަސްޓަމްގެ ވެރިޔާކަން
* ޕޯސްޓް އޮފީހުގެ ވެރިޔާކަން


* ރަދުންގެ ކާތިބުއްސިއްރު ކަން
* ރައްޔިތުން މަޖުލީހުގެ މެންބަރުކަން
* ރައްޔިތުން މަޖުލީހުގެ ޒަޢީމްކަން
* ވަޒީރުލް ޚާރިޖިއްޔާ ކަން
* ވަޒީރުއް ދާޚިލިއްޔާ ކަން
* މަޙްކަމަތުލް އަމަން ޢާންމުގެ ވެރިޔާކަން
* ސިފައިންގެ ވެރިޔާކަން
* ވަޒީރުލް އަޢުޒަމްކަން
* 1946- 1953 - މަޖީދިއްޔާ ސުކޫލްގެ ޕްރިންސިޕަލްކަން

އަދަބީ ޚިދުމަތް

މުޙައްމަދު އަމީން އަކީ ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެކެވެ. ވާހަކަ ދެއްކެވުމާއި، ލިޔުއްވުމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ލިޔުންތެރި އެކެވެ. ކުޅަދާނަ ޝާޢިރެކެވެ. މުޙައްމަދު އަމީން އަކީ ދިވެހި އަދަބިއްޔާތު ގެ ހިގައިގަނެވުނު ދައުރުގައި އެންމެ ފާހަގަކޮށްލެވުނު އަދީބުންގެ ސަފުގައި ގުނާލެވޭނެ ޚިދުމަތްތެރި އަދީބެކެވެ.

ލިޔުއްވާފައިވާ ބައެއް ފޮތްތައް

* ކުޅިވަރުގެ ރޫޙު- މާލެ، 1352ހ.
* ދިވެހި ބަސް ދަރިވަރުންގެ އެހީތެރިޔާ - މާލެ، 1364ހ.
* ފުރިހަމަ ޞިއްޙަތުގެ އަސްލަކީ ކޮބައިތަ-1 - މާލެ، 1366ހ.
* ދިވެހި ބަސް ދަރިވަރުންގެ އެހީތެރިޔާ-1 - މާލެ، 1366ހ.
* ހިތާއި ސިކުނޑީގެ ލޯބި - މާލެ، 1368ހ.
* ދިވެހިރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ތެރޭގައި - މާލެ، 1368ހ.
* ހަރުދަނާ އަޚްލާގެއް ލިބިގަންނާނީ ކިހެނަކުން؟ - މާލެ، 1370ހ.
* ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައެވެ. - މާލެ، 1371ހ.
* ޖުމުހޫރީ ދަރުބާރުގެ މައްޗަށް އަވަސްކަޅިއެއް - މާލެ، 1372ހ.
* ކޮންތާކަށްތަ މިދެވެނީ - މާލެ، 1951މ.
* ސައްޔާޙެއްގެ ޔައުމިއްޔާގެ ގަނޑެއް - މާލެ، 1987މ.
* ތަންގީހު ކުރެވުނު ދިވެހި ތާރީޚްގެ ތަންތަންކޮޅު

* ޙަޔާތުގެ ނިމުން - މާލެ، 1990މ.
* އަމީނުގެ މަޒުމޫނުތައް-1 - މާލެ، 1993މ.
* ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ޙަޔާތް - މާލެ، 2003މ.
* ދަރިއެއްގެ ޝުކުރު-ސީރަތުލް އަލްއަމީރު އަލްޙާއްޖު އަލްމަރުޙޫމް އަޙުމަދު ދޮށިމޭނާ ކިލެގެފާނު - މާލެ، 2003މ.
* ކަރުނަ އާއި ނުލައި ކެއްކުން - މާލެ، 2004މ.
* ކަނޑުން ފިރުކެމުން، ވައިން އުދުހެމުން - މާލެ، 2004މ.
* ހަމްދަރުދީ - މާލެ.
* ތަގުދީރުގެ މަގު - މާލެ.
* ޖޫލިއެޓްގެ ހުވަފެން - މާލެ.
* އަޅުގަނޑުގެ ހަދާންތައް

ހަދާންތަކާއި ބިނާތައް

މުޙައްމަދު އަމީނުގެ ހަދާނީ ބިނާތަކާއި ތަންތަނުގެ ތެރެއިން ފާހަގަކޮށްލެވޭ ދެތަނެއް ވެއެވެ. ފުރަތަމަ ތަނަކީ މާލޭގައި ހުރި އަންހެންކުދިންގެ އެންމެ ދުވަސްވީ ސާނަވީ މަދަރުސާ އަމީނިއްޔާ ސުކޫލް އެވެ. 1944 ގައި މަދަރުސަތުއް ސަނިއްޔާގެ ނަމުގައި ފުރަތަމަ ހުޅުވި އަމީނިއްޔާ ސުކޫލްގެ ނަން ނިސްބަތްވަނީ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަށެވެ. މީގެ އިތުރުން އަމީނިއްޔާ ސުކޫލްގެ ފަރާތުން ކޮންމެ އަހަރަކު އެސުކޫލްގެ ޚަރަދުގައި އެސުކޫލްގައި ތަޢުލީމު އުގެނުމުގެ ފުރުޞަތު ރާއްޖެތެރޭގެ ކޮންމެވެސް ދަރިވަރަކަށް 'އަމީން ދީދީ އެވޯޑް ގެ ނަމުގައި ދެވެއެވެ.

މުޙައްމަދު އަމީންގެ ނަމާއި ގުޅުވައިގެން މާލޭގެ ބޮޑުމަގަކަށް ނަންދެވިފައިވެއެވެ. އެއީ މާލޭގެ ދެކުނު ފަރާތުގައި އިރުން ހުޅަގަށް އޮންނަ ބޮޑުމަގެއް ކަމުގައިވާ އަމީނީ މަގު އެވެ.

ހަޔާތުގެ ފަހުދުވަސްތައް

ބަންދުކުރުން

އަލްއަމީރު މުޙައްމަދު އަމީން ދޫނިދޫގައި ބަންދުކުރެއްވީ އޭނާ ވެރިކަމުން ވަކިކުރުމަށް ރައްޔިތުން ގެނައި އިންގިލާބަކަށްފަހު ސްރީލަންކާގެ ކޮޅުބުގައި ހުންނަވާފައި މާލެ ވަޑައިގަތުމުންނެވެ. އެބަންދުގައި ކ.ދޫނިދޫގައި ހުންނަވަނިކޮށް ރޭއްވުނު ސިއްރު ރޭވުން ތަކެއްގެ މަތިން 31 ޑިސެމްބަރ 1953 ވީ ބުރާސްފަތި ވިލޭރޭގެ މެންދަމު މުޙައްމަދު އަމީން މާލެ ވަޑައިގަތުމުން އޭނާ އަށް ބައެއް ފަރާތުން ހާނިއްކަ އާއި އަނިޔާ ލިބުނީ އެވެ.

އަވަހާރަކޮށްލުން

މުޙައްމަދު އަމީން އަކީ ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ އަވަހާރަކޮށްލި ރައީސެކެވެ. އެމަނިކުފާނު މިދުނިޔެ ދޫކުރެއްވީ މިޒަމާނަށް އައިސް ދިވެހިންނަށް ކުރިމަތިވި އެންމެ ބޮޑު ތަދުމަޑުކަމުގެ ތެރޭގައި ސިޔާސީ މަސްރަޙްގައި ތިބި އަމިއްލަ އެދުމުން ފުރިގެންވާ ބައެއްގެ ކެހިވެރި ރޭވުމެއްގައި ހިންގި ވަރަށް ނުރައްކާތެރި ނާމާން ހަރަކާތް ގަނޑެއްގެ ތެރޭގައި އެމަނިކުފާނުންގެ ހަށިކޮޅަށް ދެވުނު ވަރަށް ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.

ޝަރީޢަތަށް ސާބިތުވި ގޮތުގައި ފާމުދޭރިގޭ އިބްރާހީމް ޙިލްމީ ދީދީގެ ރޭއްވެވުމުގެ މަތިން މުޙައްމަދު އަމީން މާލެ ގެންނަވައި ގުޅަކުޅޭ ފަސްގަނޑުގައި ހިނގި ހަމަ ނުޖެހުމުގައި އަލްއަމީރު މުޙައްމަދު އަމީންގެ ހަށިކޮޅަށް ވަރަށް ބޮޑު އަނިޔާ އާއި ގެއްލުން ލިބުނެވެ. މުޙައްމަދު އަމީން އަވަހާރަވީ އެރޭ ހިނގި ކަންތައްތަކަށްފަހު ކ.ގާފަރަށް އަރުވާލައްވާފައި ހުންނަވަނިކޮށް، އޭނާގެ ޙާލު ބޮޑުވެގެން ކ.ވިހަމަނާ ފުއްޓަށް ގެންނެވުމަށްފަހު ގައެވެ.

އަވަހާރަވީ ލިބުނު އަނިޔާއަށް އެކަށޭނަ އެއްވެސް ޝިފާއެއް ލިބިވަޑައި ނުގެން، އޮންނަވާން ޖެހިވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މުޙައްމަދު އަމީން އަވަހާރަވީ 19 ޖެނުއަރީ 1954 ގައެވެ. އެއީ ހިޖުރައިން 13 ޖުމާދިލް އޫލާ 1373 ގައެވެ. މުޙައްމަދު އަމީން ފަސްދާނު ލެވިފައިވަނީ ކ. ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ ވިލެޖް ޓޫރިސްޓް ރިސޯޓެވެ.




ރިފަރެންސް

* ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
* އިންޓަނެޓް ބައެއް ވެބްސައިޓްތައް
* ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
* ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
* އަޅުގަނޑުގެ ހަދާންތައް - މުޙައްމަދު އަމީން