އެއްބައެކެވެ.ނަމަވެސް ދެ ޤައުމެކެވެ

މަލިކަކީ ހއ.ތުރާކުނުގެ އުތުރުން 70 ވަރަކަށް މޭލު ދުރުގައި އޮންނަ އަތޮޅެކެވެ. ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖެ ހިކިފައި އޮތް އަށީގެ އެންމެ އުތުރަށް އޮތީ މަލިކު ކަމުގައިވިޔަސް ސިޔާސީ ގޮތުން މަލިކަކީ އެއަތޮޅުގެ އުތުރުން 114 ވަރަކަށް މޭލު ދުރުގައި އޮންނަ އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދީޕުގެ އެންމެ ދެކުނަށް އޮތް އަތޮޅެވެ. މަލިކަށް އިންޑިޔާގެ ރަސްމީ އިދާރާތަކުން ކިޔާ ނަމަކީ "މިނިކޯއި" އެވެ. މަލިކު އަތޮޅުގައި އޮންނަނީ ޖުމްލަ 2 ރަށެވެ. އެއީ އަތޮޅުގެ ނަން އެރަށަކަށް ނިސްބަތްވާ މަލިކާއި ވިރިނގިލި މިނަން ކިޔާ ކުޑަކުޑަ ރަށެކެވެ. މީގެ އިތުރުން އަތޮޅުގެ ހުޅަނގު ފަރާތު ފަރުމަތީގައި ރަށްގަނޑޭ ކިޔާ ކުޑަހުރައެއްވެސް އޮވެއެވެ. މަލިކަކީ ބިމުގެ ގޮތުން 4.4 އަކަކިލޯމީޓަރުގެ ބޮޑުރަށެކެވެ. ރަށުގެ ދިގުމިނުގައި 11 ކިލޯމީޓަރު ހުންނައިރު ރަށުގެ އެންމެ ފުޅާ ހިސާބުގައި ހުންނަނީ ގާތްގަނޑަކަށް 800 ވަރަކަށް މީޓަރެވެ. މިގޮތުން ލަކްޝަދީޕުގެ ރަށްތަކުގެ ތެރެއިން ދެވަނައަށް އެންމެބޮޑު ރަށަކީ މަލިކެވެ. ދިވެހިރާއްޖޭގެ ނިސްބަތުން ބަލާއިރު މަލިކުގެ ބޮޑުމިނަކީ ގާތްގަނޑަކަށް އައްޑުއަތޮޅު ހިތަދޫގެވެސް ބޮޑުމިނެވެ. އަތޮޅުގައި ހިމެނޭ ދެރަށުގެ ތެރެއިން މީހުން އުޅޭ ރަށަކީ މަލިކެވެ. އަދި ވިރިނގިއްޔަކީ އިހުގައި ކަށިވިދުރި ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ބޭނުން ކުރެވުނު ރަށެކެވެ. އެހެންކަމުން ބޭރުގެ ފަރާތްތަކުން އިހުގައި އެރަށަށް "ސްމޯލްޕޮކްސް އައިލެންޑް" ގެނަމުން ކިޔައި އުޅުނެވެ.

މަލިކު ފަޅަކީ ވަރަށް ބޮޑު ފަޅެކެވެ. 10 ވަރަކަށް ކިލޯމީޓަރު ދިގު އަދި އެންމެފުޅާ ހިސާބުން 5 ކިލޯމިޓަރަށް އަރާ މިބޮޑު ފަޅަށް ވަންނަން ޚާއްޞަކޮށްފައިވާ 4 ނެރެއް އޮވެއެވެ. އެއީ އަތޮޅު އުތުރުގައި އޮންނަ "ސާލުމަގު"، "ކަނޑިންމަ މަގު"، އަތޮޅުގެ މައިނެރު ކަމަށްވާ "ނެރުމަގު" އަދި ވިރިނގިއްޔާ ދިމާލުން އޮންނަ "ޗޯރުމަގު" ނުވަތަ "ޕޯޗަންޗޯރު މަގު" މިއެވެ.

މަލިކު ބެހިގެންވަނީ ތަފާތު ސަރަޙައްދު ތަކަކަށެވެ. މިގޮތުން އުތުރުން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދު ތަކަކީ ބޮޑު މަހަރަގަނޑު، ހިކި އަކިރިގަނޑުކޮޅު، ރަށްބުރިވިތަން، މޮޑޭ ގަސްގަނޑު، ރަނަށް ގަތްތަން، ދުރުކޯޑި، މާކަނާ އިއްތާ ގަސްދޮށް، ބޮޑު ހަވަލިގަނޑު، ކޯޑި (އިހުގައި ޖުޒާމްބަލި ޖެހޭ މީހުން ކަރަންޓީނުކުރާ ސަރަހައްދު)، ރުއްގަނޑު ކޮޅު، މައުވަލު، ފައިބެންނަމަގު، ފިޔޮޅު ރިވެތި މަގު، ފަލައްސޭރި، ފާޑިކަލަ، ކުދެހިމަގު، ފުން ހިލޮޅު، ދިހަމަތި، މުރަނބު، ތިރީސްމީހުން ކާލި ކުންނު، ފަންޖެހި ދަނޑި، އަލޫޑި، މާލިޔާ މަގު، ސޭޑިވަލު، ބޮޑުރަށްމެދު، އުޑިއްނަ މަގު، ރަށްމެދު، ހަތަރެއްމަގު، ބޮޑުކޮށި ދޮށް، ބޮޑު އަތިރި، ކަންޑަމާތު މަގު، އައުމަގު، ބާޑަ، ވައިމައްތި، ބޮޑުވަލު، ކުދިންގެ މަގު، އެއްލާމަގު، ފުރެއްދޮށް، ހުޅަނގަށްލާ މަގު، ކަތުރަން ކެއްކި މަގު، އޮޑިވަޅު، އަންދާތު މަގު، ތޭވަރާތު މަގު، ވަގުތޮންޑަގާތު މަގު، ފާކަނާތެރެ، ހައިވަލުމަގު، މުލިމައްތި މަގު، ތޮންޑަގާތު މަގު، މާލިމީ މަގު، ގޮއިފަޅު މަގު، ކަށިމަގު، .ޒިޔާރަތްދޮށް، ކަލޭގެފާނު ގާތް، ކަލޭގެފާނު ފެންގަނޑު، ކޯރު، ރަށްބޭރުފަރާތް އަދި ތުނޑިއެވެ
ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދު އޮންނަނީ ރަށުގެ މެދަށް ވާގޮތަށެވެ. މަލިކުގެ މީހުން ދިރިއުޅޭ ސަރަޙައްދުގެ މަގުތައް ހެދިފައި ނެތުމާއި ގޯތިތައް ޖެހިޖެހިގެން ހުރުމުން އެސަރަޙައްދު އޮންނަނީ ވަރަށްބޮޑަށް ތޮއްޖެހިފައެވެ. ދިވެހިރާއްޖެއަށް ބަލާއިރު އެންމެ ވައްތަރީ ޅ.ނައިފަރުގެ ރަށުތެރެއާއެވެ. މަގުތައްވެސް އޮންނަނީ އެކަހަލަ ގޮތަކަށެވެ. ނަމަވެސް މިސަރަޙައްދު އޮންނަނީ އިތުރު 11 ބަޔަށް ނުވަތަ އަވަށުގެ ގޮތުގައި ބަހާފައެވެ. މިގޮތުން މަލިކުގައި އޮންނަ އަވަށްތަކަކީ ފަލެއްސޭރި، ކުދެހި، ފުންހިލޯޅު، އަލޫޑި، ސޭޑިވަލު، ރަށްމެދު، ބޮޑުއަތިރި، އައުމަގު، ބާޑަ، ކެނޑިޕާޓީ އަދި ވަރަށް ފަހަކުން އުފެދުނު ނިއު ބޮޑުއަތިރިއެވެ.
މަލިކުގައި ދިރިއުޅޭ މީހުންނަށް ބަލާލާއިރު އެބައިމީހުންގެ ނަޞްލަކީ ދިވެހިރާއްޖޭގައި ތިބި އަހުލުވެރިންގެ ނަޞްލުކަން ތާރީޚީ، ޘަޤާފީ އަދި ލުޣަވީ ހެކިތަކުން ޘާބިތުވެއެވެ. މިގޮތުން މަލިކު މީހުންގެ ދޫދޫމަތިން ކިޔަމުން އަންނަ ގޮތުންނަމަ މަލިކުގައި މިހާރު ތިބީ ދިވެހިރާއްޖެއިން އެރަށަށް ހިޖުރަކުރި ކަނބޯރަނިންނާޢި ކޮހޮރަތުކަމަނާއާއި އެބައިމީހުންނާއެކު އައި މީސްމީހުންގެ ދަރިކޮޅެވެ. މިގޮތުން މަލިކު މީހުންގެ އިޖްތިމާޢީ ގިންތިތައް ބެހިފައި އޮންނަގޮތުން ކަނބޯރަނިންނާއި ކޮހޮރަތުކަމަނާގެ ދަރިކޮޅުން އައިމީހުންނަކީ ރަށުގެ ބޮޑުންނެވެ. މިގޮތުން ރަށުގެ ބޮޑުންނަށް ބޭފާނުގެ ގޮތުގައި މުޚާޠަބު ކުރެވޭއިރު އެބައިމީހުންގެ ނަމުގެ ފަހަތަށް މަނިކުފާނު މިނަން އިތުރުކުރެވެއެވެ. މިސާލަކަށް، މޫސާ މަނިކުފާނު ނުވަތަ ޢަލި މަނިކުފާނު ފަދަ ނަންނަމެވެ. އަދި ބޮޑުންގެ އަންހެނުންނަށް ތާދަފާނުގެ ނަމުން މުޚާޠަބު ކުރެވޭއިރު އެބައިމީހުންގެ ނަމުގެ ފަހަތަށް މަނިކަ މިނަން އިތުރުކުރެވެއެވެ. މީގެ މިސާލަކީ އައިޝާ މަނިކަ ނުވަތަ ޙައްވާ މަނިކައެވެ. ދެވަނަ ދަރަޖައަކީ ނިޔަމީންނެވެ. މިބައިމީހުންގެ ފިރިހެނުންނަށް ބޭބެގެ ނަމުން މުޚާޠަބު ކުރެވޭއިރު ނަމުގެ ފަހަތަށް ތަކުރުފާނު މިނަން އިތުރު ކުރެވެއެވެ. މިސާލަކަށް، ޙަސަން ތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނެވެ. އަދި މިބައިމީހުންގެ އަންހެނުންނަށް ދާތިފާނުގެ ނަމުން މުޚާޠަބު ކުރެވޭއިރު ނަމުގެ ފަހަތަށް ބީފާނު އިތުރު ކުރެވެއެވެ. މިސާލަކަށް މަރިޔަމް ބީފާނު، ދޮން ބީފާނު ފަދަ ނަންނަމެވެ. ތިންވަނަ ދަރަޖައިގެ މީހުންނަކީ ކަލާސީން ނުވަތަ މެދުކެނބީންނެވެ. މިބައިމީހުންގެ ފިރިހެނުންނަށް ކާކަގެ ނަމުން މުޚާޠަބު ކުރެވޭއިރު ނަމުގެ ފަހަތަށް ތަކުރު މިނަން އިތުރު ކުރެވެއެވެ. މިސާލަކަށް ޢަލި ތަކުރު ނުވަތަ ޙުސައިން ތަކުރެވެ. މިބައިމީހުންގެ އަންހެނުންނަށް ދާތަގެ ނަމުން މުޚާޠަބު ކުރެވޭއިރު ނަމުގެ ފަހަތަށް ބިބީ އިތުރުކުރެވެއެވެ. މީގެ މިސާލަކީ ޙައްވާބީ ނުވަތަ ޢައިޝާބީއެވެ. ހަތަރުވަނަ ދަރަޖަ ނުވަތަ އެންމެ އާދައިގެ މީހުންނަކީ ރާވެރިންނެވެ. އެބައިމީހުންނަށް މުޚާޠަބުކޮށް އުޅެނީ އެމީހަކަށް ކިޔައިއުޅޭ ނަމަކުންނެވެ. އަދި އެބައިމީހުންގެ ފިރިހެނުންގެ ނަމުގެ ފަހަތަށް ކަލޯ އަދި އަންހެނުންގެ ނަމުގެ ފަހަތަށް ކަނބިލޯ އިތުރު ކުރެވެއެވެ. މީގެ މިސާލަކީ ޙަސަންކަލޯ ނުވަތަ ފާޠިމާ ކަނބިލޯއެވެ. ނަމަވެސް ޒަމާންތައް ފާއިތުވަމުން އައިސް މިހާރު މަލިކު މީހުން މިފަންތިތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

މަލިކު މީހުން އެކަކު އަނެކަކަށް ނަން ކިޔުމުގައި ގޭގެ ނަމާއެކު ބޭނުން ކުރުމަކީ ޢާއްމު ކަމެކެވެ. މިސާލަކަށް މުރައިދުގަނޑުވަރު ޢަލި މަނިކުފާނު، ދިއްދުގޯތި ހުސައިން، ގިރާވަރުގޭ ފާޠިމާ ފަދަ ނަންތައް ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގައިވެސް މިކަން ހިނގަމުން އައިގޮތެވެ. ނަމަވެސް މަލިކު މީހުން ރަސްމީ ލިޔެކިޔުންތަކުގައި ގޭގެ ނަން ލާފައި ބޭނުން ކުރާތީ އިންޑިޔާ މީހުން އެނަންތަކަކީ މަލިކު މީހުން "ސަރނޭމް" އެއްގެގޮތުގައި ބޭނުންކުރާ ނަމެއް ކަމަށްބަލައި ގޭގެ ނަމުން އެބައިމީހުންގެ ލިޔެކިޔުމުގައި ބޭނުން ކުރަމުން އާދެއެވެ. މީގެ މިސާލެއްގެ ގޮތުން ތަކަންދުގޯތި ޙަސަންއަށް މރ.ތަކަންދުގޯތީގެ ގޮތުގައި މުޚާޠަބު ކުރެވޭތަން ބައެއްފަހަރު ފެނެއެވެ.

މަލިކުގައި ހުންނަ ގޯތިގެދޮރަށް ކިޔާ ނަންތަކަށް ބަލާއިރު މަލިކަކީ ދިވެހިރާއްޖޭގެ އެތަންމިތަނުން މީހުންގޮސް ވަޒަންވެރިވެ އުޅުނު ރަށެއްކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. އެހެނީ ދިވެހިރާއްޖޭގައިވެސް މިފަހަކާ ޖެހެންދެންވެސް ކަންހިނގާ މަގަކީ މީހަކު އެމީހާ ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ގޮސް ވަޒަންވެރިވެގެން އުޅޭނަމަ އެމީހާ ދިރުއުޅޭ ގެއަކަށް އެމީހެއްގެ އަސްލު ރަށުގެ ނަމުން ނަން ކިޔަމުން އައިސްފައިވެއެވެ. މިސާލަކަށް ތިނަދޫ މީހަކު މާލޭގައި ވަޒަންވެރިވެގެން ހުންނަ ގެއަށް ތިނަދޫގެ ކިޔުން ހިމެނެއެވެ. މިގޮތުން މަލިކުގައިވެސް އައްޑުގޯތި، މާލޭގެ، ތަކަންދުގޯތި، މާރަންދުގޯތި، ދިއްދޫގެ، ފެންފުށީގެ ފަދަ ނަންނަން ކިޔާ ގެތަކެއް ހުރެފައި މިކަންތައް ދިރާސާކުރާ މީހަކަށް މިގެތަކުގެ އަސްލު ވަޒަންވެރިންނަކީ އެރަށްތަކަށް ނިސްބަތްވާ މީހުންކަން އެނގި ފާޅުވާނެއެވެ.

ލަކްޝަދީޕުގެ އެހެނިހެން ރަށްތަކާ ޚިލާފަށް މަލިކު މީހުން ވާހަކަ ދައްކައި އުޅެނީ ދިވެހި ބަހުންނެވެ. އަދި ލިޔެ ކިޔުމަށް ބޭނުންކުރަނީ ތާނަ އަކުރެވެ. ނަމަވެސް އިންޑިޔާގެ ރަސްމީ އިދާރާތަކުން މަލިކު މީހުންގެ ބަހަށް ކިޔާ ނަމަކީ މަހަލް ބަހެވެ. އަދި މަލިކު މީހުންވެސް މިހާރު އެބަހަށް ކިޔަނީ މަހަލް ބަހެވެ. ބުނެވޭ ގޮތުގައި މަލިކަށް އެއްފަހަރަކު އައި އިނގިރޭސި އޮފިސަރަކު މަލިކު މީހެއްގާތު އެރަށުގެ އަހުލުވެރިންގެ ބަހަކީ ކޮބައިތޯ އެހުމުން އެމީހަކު އެބަހަކީ މަހަލްދީބު ބަސްކަމަށް ބުންޏެވެ. މިގޮތުން އިނގިރޭސި އޮފިސަރަށް ނޯޓު ކުރެވުނީ ހަމައެކަނި މަހަލް ކަމަށްވާތީ އެނަން އެގޮތަށް ދެމިގެން އައިސްފައި އޮތީއެވެ. ކޮންމެއަކަސް މިހާރުވެސް ދިވެހިރާއްޖޭގެ ދައުލަތުގެ ނިޝާނުގެ ތިރީގައި ދިވެހިރާއްޖޭގެ ނަމަކަށް އައްދައުލަތުލް މަހަލްދީބިއްޔާ އޮތުމުން މަހަލް މިބަހުގެ އަސްލަކީ ދިވެހިރާއްޖޭގެ ބަސް ނުވަތަ ދިވެހި ބަސްކަން ސާފުކޮށް އެނގެއެވެ. 1956 ގައި މަލިކު ރަސްމީ ގޮތުން އިންޑިޔާގެ ތަނެއްކަމުގައި ހަމަޖެހުމާއެކު ދިވެހިރާއްޖެއާއި ދެމެދު އޮތް ދަތުރުފަތުރު ކުރުމުގެ ސިލްސިލާ ހުއްޓުމަކަށް އައުމާ ވިދިގެން ދިވެހި ބަހަށް ޒަމާނާއެކު އައި ކުރިއެރުން މަލިކު މީހުންގެ ބަހުރުވައަކަށް ނާދެއެވެ. އަދި މަލިކު އެބައެއްގެ ދަށުގައި އޮންނަ ލަކްޝަދީޕުގެ ބަހަކީ ހޮޅި ބަސް ކަމަށްވެފައިވުމުން މަލިކުގައި ހިންގާ ސަރުކާރު ސްކޫލްތަކުގައި ބޭނުންކުރާ ރަސްމީ ބަހަކަށް ހޮޅި ބަސް ވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މަލިކުގައި ވާހަކަ ދައްކާ ބަހުރުވައަށް ހޮޅި ބަހުގެ އަސަރު އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. މީގެ އިތުރުން އިންޑިޔާގެ މައިބަސް ކަމަށްވާ ހިންދީ ބަހުގެ ނުފޫޒުވެސް މަލިކު ބަހުރުވައަށް ފޯރަފައިވެއެވެ. އެހެންނަމަވެސް ދިވެހިބަހުގެ ބަހުރުވަތަކުގެ ތެރެއިން އައްޑޫ، ފުވައްމުލަކު އަދި ހުވަދޫ ބަހުރުވައާ ޚިލާފަށް މަލިކު ބަހުރުވައިން ދައްކާ ވާހަކަ ޢާއްމު ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް އެއްވެސް އޮޅިމެއްނެތި ސާފުވާހާ ދިވެއްސެވެ. މަލިކުގެ ސްކޫލްތަކުގައި ގްރޭޑް 4 އާހަމައަށް މަހަލްގެ ނަމުގައި ދިވެހިބަސް ކިޔަވައިދެވެއެވެ. މިގޮތުން މަހަލް ބަސް ކިޔަވައި ދިނުމަށް މުދައްރިސުން ތަމްރީނު ކޮށްފައިވަނީ 1991 ވަނަ އަހަރު ހާތަނުގައި އިންޑިޔާ ސަރުކާރާއި ދިވަހި ސަރުކާރާ ގުޅިގެން މާލޭގައެވެ. އޭގެފަހުން މިހާތަނަށް އަދި އެފަދަ އެއްވެސް ކޯހެއް ހިންގިފައެއްނުވެއެވެ.

މަލިކު މީހުން ލައިއުޅުނު ހެދުމަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހަމަ ދިވެހިރާއްޖޭގެ އަޙުލުވެރިންވެސް ލައިއުޅުނު ޒާތްޒާތުގެ ހެދުމެވެ. މިގޮތުން ދާދި ފަހަކާ ޖެހޭންދެން މަލިކު ފިރިހެނުންގެ ޢާއްމު ހެދުމެއްގެ ގޮތުގައި ބޭނުންކުރަމުން އައިސްފައިވަނީ ކަކުލުގެ ތިރިއާ ހަމައަށް އަރާވަރުގެ ކަޅުހަރުވާޅަކާއި އޭގެ މަތިން އަންނަ ހުދުފޮށައެކެވެ. އެބައިމީހުން ފޫޅުން މަތި ނިވާކުރަން އިތުރު އެއްވެސް އެއްޗެއް ނުލައެވެ. ނަމަވެސް ބޮލުގައި ރަތްރުމާލެއް ނުވަތަ ހުދުފޮށައެއްވެސް އަޅައި އުޅުނެވެ. މިއީ 19 ވަނަޤަރުނާއި 20 ވަނަޤަރުނުގެ ކުރީކޮޅުގައި ދިވެހިރާއްޖޭގެ ފިރިހެނުންވެސް ބޭނުންކުރަމުން އައި ހެދުމެވެ. ނަމަވެސް ޢުމުރުން ދުވަސްވީ މަދުބަޔަކު މެނުވީ މިގޮތަށް ހެދުން އަޅައި އުޅޭތަނެއް މިހާރަކު ނުފެނެއެވެ. މިހާރު މަލިކު ގިނަ މުސްކުޅިންގެ ހެދުމަކީ ޢާއްމު ދިވެހި މުސްކުޅިންގެވެސް ހެދުމެވެ. އެއީ ގޮޅިޖެހި މުންޑާއި ގަމީހެވެ. އަދި ޒުވާން ފިރިހެނުން ގަމީހާއި، ފަޓުލޫނާއި، ޖިންސުފަދަ ޒަމާނީ ހެދުންތައް ބޭނުން ކުރެއެވެ. މަލިކު އަންހެނުން އަޅައި އުޅުނު ހެދުމަށްބަލާއިރު ފެންނަނީ 19 ވަނަ ޤަރުނާ ޖެހެންދެން ދިވެހި އަންހެނުން ލައިއުޅުނު ފާޑުގެ ލިބާހެވެ. މިގޮތުން ބޮލުގައި ފައްޓުގަނޑޭ ކިޔާ ކަޅުކުލައިން އޮންނަ ފޮތިކޮޅެއް އަޅައި، ދެކަންފަތުގައި މަތީ ކައިރިން ފެށިގެން ފޫޅުގަނޑާ ޖެހެންދެން މުދިލައި، ދެއަތުގައި ކުޑަހުޅުން ފެށިގެން އުޅަބޮއްޓާ ހަމައަށް އުޅާއަޅައި، ފެހި ނުވަތަ ނޫ މުންޑު އަންދެ، އުނަގަނޑުގައި ފައްޓަރު އަޅައި، އޭގެމަތިން ކަސަބުން ބޯވަޅާއި އަތުކުރި ޖަރީކުރެވިފައިވާ ރަތްލިބާހެއް ލައެވެ. އިސްވެ ދެންނެވުނު ފަދައިން މަލިކު މީހުންގެ ލިބާސް ހުރީ 19 ވަނަ ޤަރުނާ ޖެހެންދެން ދިވެހިން ބޭނުންކުރި ލިބާހާ އެއްގޮތަށެވެ. ނަމަވެސް ޒަމާނާއެކު ދިވެހިލިބާހަށް އައި ބަދަލު މަލިކު ރަތްލިބާހަކަށް ނާދެއެވެ. މިގޮތުން މިއަދާ ޖެހެންދެންވެސް ދިވެހި އަންހެނުން ބޭނުންކުރަމުން އައި ލިބާހުގެ ބޯވަޅު ބޮޑުވެ، ބޯވަޅު ކައިރި ޖަރީކޮށްފައި ހުންނަލެއްވެސް ބޮޑެވެ. ދިވެހިން އަންހެނުންނެކޭ އެއްފަދައިން އެބައިމީހުންގެ ލިބާސް ޖަރީކުރާ ހިރިތައް ގަތަމުން އައިސްފައިވަނީ މަލިކު އަންހެނުން އަމިއްލައަށެވެ. މިގޮތުން އިހުގައި މަލިކު ގެތަކުގައި ގަތަން ބޭނުންކުރާ ސާމާނުވެސް ހުރެއެވެ. ނަމަވެސް ފިރިހެނުންގެ ހެދުން ފަދައިން މަލިކު އަންހެނުންގެ މިހެދުންވެސް ވަނީ މަދު މުސްކުޅިއަކު ނޫނީ ނުލާ ހެދުމަކަށް ވެފައެވެ. މިޒަމާނުގައި މަލިކު އަންހެނުންގެ ޢާއްމު ހެދުމެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ މައުލިބާހޭ ކިޔާ ދިވެހި ދުވަސްވީ މީހުން މިހާރަކަށް އައިސް ލައިއުޅޭ ގަޔަށް ދޫކޮށް އޮންނަ ދިގުހެދުން ފާޑުގެ ހެދުމެކެވެ. އަދި މިހެދުމާއެކު މަލިކު އަންހެނުން އެބައިމީހުންގެ ބޮލުގައި މައުދޮޅިއޭ ކިޔާ ފޮތިގަނޑެއް އަޅައެވެ. މިދެންނެވި މައުލިބާހާއި މައުދޮޅިއަކީ 1940 ގެ އަހަރުތަކުގައި މަލިކުގައި ދިރިއުޅުނު މާލޭ ޝައިޚެއްކަމަށްވާ މަލިންގޭ ޙުސައިން ދީދީ މަލިކަށް ތަޢާރަފު ކުރި ހެދުމެކެވެ. މިހާރު މަލިކުގެ ގިނަ ޒުވާން އަންހެނުން ލައިއުޅެނީ ހަރުވާޅު ހެދުމެވެ. އަދި މިހަރުވާޅު ހެދުން ލަނީވެސް އިންޑިޔާ މީހުން އެހެދުން ލައިއުޅޭ ގޮތަށް ބޯމައްޗަށް ދޯޕައްޓާވެސް ވައްޓާލައިގެންނެވެ. އަދި ސަރުކާރު ވަޒީފާތަކުގައި އުޅޭ ބައެއް އަންހަނުން ސާޅިވެސް އަޅައިއުޅެއެވެ.

މަލިކު ފިރިހެނުންގެ މައިގަނޑު މަސައްކަތަކީ ބޯޓު ދަތުރުކުރުމެވެ. މިގޮތުން މަލިކުގެ ފިރިހެނުންގެ ތެރެއިން 80 އިންސައްތަ މީހުން އިންޑިޔާއާއި ދުނިޔޭގެ އެތަންމިތަނުގެ ބޯޓު ފަހަރުގައި މަސައްކަތް ކުރެއެވެ. މިގޮތުން ދިވެހިރާއްޖޭގެވެސް ވަރަށް ގިނަ ބޯޓުފަހަރުގައި މިފަހަކަށް އައިސް މަލިކުގެ ވަރަށް ގިނަ ޒުވާނުން މަސައްކަތްކުރަމުން އެބައާދެއެވެ. ބޯޓު ދަތުރުކުރުމަށްފަހު މަލިކު މީހުން ދެންކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މަލިކަކީ ދިވެހިރާއްޖެ ފިޔަވައި ދޮށީގެ މަސްވެރިކަމަށް އެންމެ ކުޅަދާނަ ރަށެވެ. މަލިކު މީހުންނަށް ދޮށީގެ މަސްވެރިކަން ވާރުތަކޮށްފައިވަނީ މަލިކުމީހުން އެބަޔަކާއެކު ވެރިކަން ފިޔަވައި ހުރިހާ ކަމެއް ހިއްސާކުރާ ދިވެހިންގެ ކާބަފައިންގެ ފަރާތުންނެވެ. ދިވެހިން ކުރަމުން އައި މިޒަމާންވީ ޘަޤާފީ މަސްވެރިކަން މިއަދުވަނީ މަލިކު މީހުންގެ ފުށުން ލަކްޝަދީޕުގެ އެހެން ރަށްތަކަށްވެސް ގޮސްފައެވެ. މިގޮތުން އިންޑިޔާ ސަރުކާރުގެ ފަރާތުން ލަކްޝަދީޕުގެ އެހެން ރަށްރަށަށް މަލިކު މަސްވެރިން ފޮނުވައިގެން އެބައިމީހުންނަށްވަނީ ދޮށީގެ މަސްވެރިކަން ދަސްކޮށްދީފައެވެ. މިގޮތުން ލަކްޝަދީޕުގެ އާގައްތީއަކީ ދޮށީގެ މަސްވެރިކަމުގައި ކުރިއަރަމުން އަންނަ ރަށެކެވެ. މަލިކު މީހުން އެބައިމީހުން ބާނާ މަހުން ހިކިމަސް ފަދަ ތަކެތި ތައްޔާރު ކުރެއެވެ. އަދި މަލިކުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއްވެސް ހުރެއެވެ. މިނޫނަސް ޢާއްމު ދިރިއުޅުމުގެ ބޭނުންތަކަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްވެސް މަލިކު ފިރިހެނުން ކުރެއެވެ. މީގެ އިތުރުން މަލިކު އަންހެނުންނަކީ އެބައިމީހުންގެ މަސައްކަތްތެރިކަމަށް ހިތްވަރާއި ސާބަސް ދޭހާ ކުޅަދާނަބައެކެވެ. މިގޮތުން ރޯނު ވެށުމުން ފެށިގެން ޑޮކްޓަރީކަމާ ހަމައަށް މަލިކުގެ މުޖްތަމަޢުން މަލިކު އަންހެނުންގެ މަސައްކަތްތައް ފެނެއެވެ.

މަލިކުގައި ހުރި ތާރީޚި ތަންތަނަށް ބަލާއިރު އެންމެ މުހިއްމު ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މަލިކު ބައްތިއެވެ. އެބައްތިއަކީ 1885 ގައި އެދުވަސްވަރު އެތެރެވަރީގައި ވެރިކަންކުރަމުން އައި އިނގިރޭސިން މަލިކުގައި ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ހަދާފައިވާ ބައްތިއެކެވެ. 49.5 މީޓަރު އުސް މިބައްތީގެ އަލި 40 ނޯޓިކަލްމޭލަށް ފޯރައެވެ. އެހެންކަމުން ގަލްފުގެ ޤައުމުތަކުން އިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ކަނޑުގެ އުޅަނދުފަހަރަށް މިބައްތިއަކީ ނުހަނު އެހީތެރިކަމެއް ދެމުން އަންނަ ބައްތިއެކެވެ. މިބައްތީގެ އިތުރުން މަލިކުގައި އިހުގައި ދިރިއުޅުނު ބުދިސްޓުންގެ ބައެއް އާޘާރު ކަމަށް ބެލެވޭ ފަސްގަނޑުގަނޑު ހުރެއެވެ. ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި ފަދައިންނެވެ. މީގެ އިތުރުން މަލިކުގައި ވަރަށް ގިނަ ވެޔޮ ނުވަތަ މަލިކު ބަހުން ކިޔާގޮތުންނަމަ ބޮޑުވަޅު ހުރެއެވެ. މަލިކުގައި ދިވެހި ތާރީޚާ ގުޅިފައިވާ ވަރަށް ޚާއްޞަ ތަނެއްވެސް ހުރެއެވެ. ދިވަހި ތާރީޚުގައި ދިވެހިރާއްޖެއަށް ފުށެތިކޭޒީން އަރައި ވެރިކަން ކުރި ދުވަސްވަރު އެބައިމީހުންނާ ދެކޮޅަށް ޖިހާދުކުރެއްވުމަށް ބޮޑުތަކުރުފާނުމެން ނިކުންނެވިއިރު އެތަކުރުފާނުމެންގެ ޢާއިލާތައް ޙިމާޔަތް ކުރެއްވުމަށްޓަކައި މަލިކަށް ގެންދެވިކަމަށް ލިޔެވިފައިވެއެވެ. އަދި ބޮޑުތަކުރުފާނަށްފަހު ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ރަދުން އައްސުލްޠާން އިބްރާހީމް ކަލާފާނުވެސް އުފަންވެވަޑައިގަތީ މަލިކުގައި ކަމަށް ލިޔެވިފައިވެއެވެ. މިގޮތުން ބޮޑުތަކުރުފާނުގެ ޢާއިލާ މަލިކުގައި އުޅުއްވުމަށް މަލިކު މީހުން ބިނާކުރި ގެކަމުގައިވާ "ދިވެހިގަނޑުވަރު" އަދިއަދަށް ދާންދެންވެސް މަލިކުގައި އެބަހުއްޓެވެ. މިއަދު އެގޭގައި ދިރުއުޅެނީ މާލޭގެ ކާކާގެއަށް ނިސްބަތްވާ ޢާއިލާއެކެވެ. އަދި އެގަނޑުވަރާ އިންވެގެން އެތަކުރުފާނަށްޓަކައި މަލިކު މީހުން ބިނާކުރި މިސްކިތްކަމަށްވާ ރާތީބު މިސްކިތޭ ކިޔާ މިސްކިތެއްވެސް މަލިކުގައި ހުރެއެވެ. މީގެ އިތުރުންވެސް މަލިކުގައި ދިވެހިރާއްޖޭގެ ރަސްމަތިފުށުގެ ޢާއިލާތަކަށް ނިސްބަތްވާ ޚާއްޞަ ގެތަކެއް އެބަހުއްޓެވެ. މިގެތަކަށް މަލިކު މީހުން ކިޔަނީ ގަނޑުވަރުގެ ނަމުންނެވެ. މިގޮތުން ގަނޑުވަރު ނަމުން ކިޔާ 15 ގެއެއް މަލިކުގައި އެބަހުއްޓެވެ. އެގެތަކަކީ ދިވެހި ގަނޑުވަރު، ބޮޑު ގަނޑުވަރު، ރަށްމެދު ގަނޑުވަރު، ބޮޑުވައު ގަނޑުވަރު، ޙަސަން މަނިކުފާނު ގަނޑުވަރު، ލޭންދުރަން ގަނޑުވަރު، މުރައިދު ގަނޑުވަރު، ތުއްކަތުރާ ގަނޑުވަރު، ދިހަމައްތި ގަނޑުވަރު، އައު ގަނޑުވަރު، ކެހި ގަނޑުވަރު، އަތިރީ ގަނޑުވަރު، އަލޫޑި ގަނޑުވަރު، އޮޑިވަޅު ގަނޑުވަރު އަދި ވައިމަތި ގަނޑުވަރެވެ. މަލިކުގެ އާޘާރީ ތަންތަން ހޯދަން ބަޔަކު މަސައްކަތްކޮށްފި ނަމަ ވަރަށް އިހުގެ އާޘާރުތައް މަލިކުން ފެނިގެން ދިޔުމަކީ ދުރުކަމަކަށް ނުވާނެއެވެ. އަދި މިކަމަކީ ޚާއްޞަކޮށް ދިވެހި ތާރީޚަށް އައުއަލިކަމެއް ލިއްބައިދޭނެ ކަމަކަށް ވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

މަލިކު މީހުން އެބައިމީހުންގެ ޚާއްޞަ ދުވަސްދުވަހުގައި ކުޅޭ ޚާއްޞަ ޘަޤާފީ ކުޅިވަރުތަކާއި ނެށުންތައް ހިމެނެއެވެ. މިގޮތުން އެންމެ ޚާއްޞަ ނެށުމަކީ ފިރިހެނުންތަކެއް 2 ސަފަކަށް ތިބެ ޚާއްޞަ ހެދުމެއް ލައިގެން ކަރުގައި ބެރު އެލުވައިގެންތިބެ ބެރު ޖަހަމުން އެއާ އެއްވަރަށް ފައިހަމަ ކުރަމުން ރައިވަރާއި ފަރިހި އެއްޗެހި ކިޔަމުން ނަށާ ނެށުމެކެވެ. މީގެ އިތުރުން ދަނޑިޖެހުމާއި، ތާރަޖެހުމާއި، ބަނޑިޔާ ޖެހުމާއި، ފުޅިއާއި އަށިމަތީ ބެރު ފަދަ ނެށުންތައް ހިމެނެއެވެ. ރައިވަރު ކިޔުމަކީވެސް މަލިކު މީހުން ޚާއްޞަ ދުވަސްތަކުގައި ކުރާ ކަމެކެވެ. މަލިކު ބަހުރުވައިން ރައިވަރަށް ކިޔަނީ ތައިވަރެވެ. މީހެ އިތުރުން ޖަހާ ދޯނި ދުއްވުމަކީވެސް މަލިކު މީހުން ޘަޤާފީ ގޮތުން ކުރާ ވަރަށް ޚާއްޞަ އަދި ދިވެހިވަންތަ ކަމެކެވެ.

މަލިކު މީހުން ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ފިރިހެނުންނަށް ޚާއްޞަ ކުޅިވަރާއި އަންހެނުންނަށް ޚާއްޞަ ކުޅިވަރު ހުރެއެވެ. މިގޮތުން ފިރިހެނުންނަށް ޚާއްޞަ ކުޅިވަރުތަކުގެ ތެރޭގައި ފޯލި، ފީބޮނޑި، ހިއްލާބޮނޑި، އޮއްޓު، ވެލާ، އެގޮނބުތަކުރު މިގޮނބަށްލާން، ބުމަރު، ހާނބު، ރަޅައިލާން، ފަންތޮށި ތޫޑުން، ގުޑިއެރުވުން ދޫނި މަޅިޖެހުން، ކަނބިލި މަޅިޖެހުން، އޮޑިއޮޑި، ކަށިކުއުއޮޑި އަދި ދަނޑިކޮ ހިމެނެއެވެ. މީގެ ތެރެއިން ގިނަ ކުޅިވަރުތައް ނުވަތަ ހުރިހާ ކުޅިވަރުތަކަކީވެސް ހަމަމިނަން ނަމުގައި ނުވަތަ އެހެން ނަންނަމުގައި ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގެ ކުޅެމުން އައި ކުޅިވަރުތަކެވެ. އަންހެނުންނަށް ޚާއްޞަކޮށްގެން މަލިކުގައި ކުޅެވޭ ކުޅިވަރުތަކުގެ ތެރޭގައި އެނބުރިއެނބުރިކަނޕަޗޯ، ސީޓު، ތުބީސް، ތަށިބަރި، ބައިގަނޑެތި، ބޮކަބޮކަ، ފަންގަން، މައިނޮޅި، މަތަގޮނޑި، ކުރިކިއްލާ އަދި ފުނައޮއް ފަދަ ދިވެހިރާއްޖޭގައިވެސް ކުޅެވެމުން އައި ކުޅިވަރުތައް ހިމެނެއެވެ.

މަލިކު މީހުންގެ ކާބޯތަކެއްޗަށް ބަލާއިރު ދިވެހިރާއްޖޭގައި ތައްޔާރުކުރާ ދިވެހި ހުރިހާ ވައްތަރެއްގެ ކެއިންބުއިންތައް މަލިކުގައި ދެގޮތެއް ނުވާގޮތަށް ތައްޔާރު ކުރެވެއެވެ. ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން މަލިކު މީހުން ހެދިކާއަށް ކިޔަނީ "އައްޕަން" އެވެ. މިގޮތުން މަލިކު މީހުން ހަވީރު ސަޔަށާއި ރޯދަމަހު ރޯދަ ވީއްލުމަށާއި (މަލިކު ބަހުރުވައިން ކޯދޮވުން) ތަރާވީސް ދަމަށް ތަފާތު ބާވަތް ބާވަތުގެ ހެދިކާ ހަދައި އުޅެއެވެ. މީގެ ތެރޭގައި މުގު އައްޕަން، ކިރު ފޮއްޅަ، ހަކުރު ފޮއްޅަ، ރިހާކުރު ފަތަފޮޅި، ހިކިތަވާ، ކީނައްތު، ސަޓަނި އައްޕަން އަދި ބޮޑު އައްޕަން ހިމެނެއެވެ. ބޮޑު އައްޕަނަކީ ކުޅިބޯކިބާއެވެ. އަދި ސަޓަނި އައްޕަނީ ގުޅައެވެ. މީގެ އިތުރުން ގިނަ ދުވަހު ގެންގުޅެވޭ ގޮތަށް ދިވެހިރާއްޖޭގައި ކުދިގުޅަޔާއި ކާޖާ ކަހަލަ އެއްޗެތި ތައްޔާރުކުރާ ގޮތަށް މަލިކު މީހުންވެސް މިފަދަ ތަކެތި ތައްޔާރު ކުރެއެވެ. މިގޮތުން އެބައިމީހުން ތައްޔާރުކުރާ މިބާވަތުގެ އެއްޗެތީގެ ތެރޭގައި ކޮލުދަތް، ތުންއެނބުރި، ބޮންޑަ، ހަރުއައްޕަން ހިމެނެއެވެ. މަލިކު މީހުން ކަނޑުމަހުން ތައްޔާރުކުރާ ލައިގެން ކާތަކެތީގެ ތެރޭގައި ގަރުދިޔަ، ރިހާކުރު، ފޮރެއްޕި ރިހާކުރު، މަސްކަވާބު، ކިރުދިޔަ، ރަތްރިހަ އަދި ހުތްބަށި ރިހަ ހިމެނެއެވެ.

މިއަދުގެ މަލިކުގެ އަހުލުވެރިންގެ އުޅުމާއިބުޅުމަށް ބަލާލާއިރު ފެންނަނީ ހިތާމަ ކުރަންޖެހޭ ވަރުގެ މަންޒަރެކެވެ. މަލިކުން ދުވަހެއް ދުވަހަކަށް ދިވެހިވަންތަކަން ކެނޑެމުން ދަނީއެވެ. އަދި އެކިގޮތްގޮތުން އިންޑިޔާގެ ޘަޤާފީ ނުފޫޒު މަލިކުތެރެއަށް ވަންނަމުން ދަނީއެވެ. މިއަދު މަލިކުގެ ޒުވާން ޢުމުރުގެ ކުދިން ދިވެހި ބަހުން ވާހަކަ ދައްކަނީ ބިދޭސީން ދިވެހި ބަހުން ވާހަކަ ދައްކާ ފަދައިންނެވެ. ބިދޭސީންވެސް ދޭތެރެއަކުން ރަށުބަހެއް ބޭނުންކުރާހެން މަލިކު މީހުން ދިވެހި ބަހުގެ ތެރެއަށް ލަކްޝަދީޕުގެ ރަސްމީ ބަސްކަމަށްވާ ހޮޅިބަސް ނުވަތަ ހިންދީ ބަސް އެއްކޮށްގެން ވާހަކަ ދައްކައި އުޅެއެވެ. މީގެ މިސާލެއްގެ ގޮތުން މިދޭތެރެއަކުން އަޅުގަނޑު މަލިކުގެ ގެއަކަށް ގުޅައިގެން ވާހަކަ ދެއްކުމުގެ ތެރޭގައި އެގޭ މީހަކު ދިވެހި އޮޑިފަހަރު ކުރިން މަލިކަށް އައިސް އުޅޭ ވާހަކަ ދައްކަމުން އޮޑީގެ ބަދަލުގައި ކީނަމަކީ އޯޑަމް އެވެ. އޯޑަމްއަކީ އޮޑިއަށް ހޮޅިބަހުން ކިޔާނަމެވެ. މީގެ އިތުރުން މަލިކު ކުދިން އެބައިމީހުންގެ މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް އިންޑިޔާގައި ގިނަދުވަހު އުޅެންޖެހުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިޔާގެ ތަހުޒީބާއި ފެޝަންތައް މަލިކު ޒުވާނުންގެ ގައިން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިއަދު މަލިކު ޒުވާން ފިރިހެންކުދިންނާއި އަންހެންކުދިން އެބައިމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި ބޯފުނާއެޅުމުގެ ވައްޓަފާޅި ގެންގުޅެނީ އިންޑިޔާގެ އެފުރައިގެ ކުދިންނާ އެއްގޮތަށެވެ. ނަމަވެސް އެބައިމީހުން ޢުމުރުން ދުވަސްވީ މީހުން ދިވެހިރާއްޖޭގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނެކޭ އެއްވެސް ތަފާތެއް ނުހުރެއެވެ.


މިއަދު ދުނިޔޭގެ އެތަންމިތަނަށް ނަޒަރު ހިންގާލާއިރު މިފެންނަނީ އެއްކަހަލަ މަންޒަރު ތަކެކެވެ. އުތުރު ކޮރެއާގައިވެސް އުޅެނީ ކޮރެއާ ނަސްލުގެ މީހުންނެވެ. އަދި ދެކުނު ކޮރެއާގައިވެސް އުޅެނީ ކޮރެއާ ނަސްލުގެ މީހުންނެވެ. ނަމަވެސް އެއީ 2 ޤައުމެކެވެ. އިންޑިޔާގެ ޓަމިލްނާޑޫގައާއި ސްރީލަންކާގެ އުތުރުގައިވެސް އުޅެނީ ތަމަޅައިންނެވެ. ހަމަ އެއްނަސްލެއް އެއްބަހެއްގެ އަހުލުވެރިންނެވެ. ތަފާތަކީ 2 ޤައުމެއްކަމެވެ. މަލިކަކީ ޖިއޮގްރަފީގެ ގޮތުން، ތާރީޚީ ގޮތުން، ނަސްލީ ގޮތުން، ޘަޤާފީ ގޮތުން، ބަހުގެ ގޮތުން ދިވެހި ރަށެކެވެ. ނަމަވެސް އެއީ ދިވެހިރާއްޖޭގެ ރަށެއް ނޫނެވެ. އެއީ އިންޑިޔާގެ ލަކްޝަދީޕުގެ ރަށެކެވެ. ތާރީޚުގެ ތެރެއިން ދިވެހިރާއްޖޭގެ ސަރަޙައްދަކީ މަލިކައްޑޫ މިދެމެދު ކަމަށް ކިޔުނު ދުވަސްވަރެއް ދިޔަނަމަވެސް މިއަދު ދިވެހިރާއްޖޭގެ ސަރަޙައްދަކީ ތިލައައްޑޫއެވެ. އާދެ! ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅާ ދެމެދެވެ.

0 comments:

Post a Comment